ބާސްކެޓްބޯޅަ އަތޮޅުތަކަށް: ޑިވެލޮޕްމަންޓްގެ ޕްލޭނެއް އެބައޮތް!

Mar 14, 2022, 8:29 AM
ބާސްކެޓްބޯޅަ އަތޮޅުތަކަށް: ޑިވެލޮޕްމަންޓްގެ ޕްލޭނެއް އެބައޮތް!

ބާސްކެޓްބޯޅަ ހަރަކާތްތައް ފުޅާކުރަން ވިސްނާއިރު، ޑިވެލޮޕްމަންޓް މަސައްކަތްތަކުގެ ތެރެއިން އަތޮޅުތަކުގައި ބާސްކެޓްގެ ގިނަ މަސައްކަތްތަކެއް ކުރަަން ޕްލޭނެއް އެބައޮތް ކަމަށް ބާސްކެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްބީއޭ)ގެ ރައީސް އަހުމަދު އާދަމް (އެޑަމް) ވިދާޅުވެއްޖެ އެވެ.

އެޑަމް، މިހެން ވިދާޅުވީ "އަދަދު" އިން ގެނެސްދޭ ފޯރި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

އެޑަމް ވިދާޅުވީ މި އަހަރު އަތޮޅު ތެރޭގައި ކުރަން ހުރި ބާސްކެޓްބޯޅައިގެ ކަންކަމަށް ބަލާއިރު، އެންމެ އަވަހަށް ފަށާނީ މި މަހު 19 ގައި ގއ. ވިލިނގިލީގައި ދުނިޔޭގެ ބާސްކެޓް ފެޑެރޭޝަން، ފީބާއާ ގުޅިގެން ބާއްވާ "ބޯލިން ސްކޫލް ޕްރޮގްރާމް" ކަމަށެވެ. މިއީ ބާސްކެޓްގެ މަސައްކަތްތައް އެންމެ ބޭނުންވާ ލެވަލަށް ގެންދަން ދުރުރާސްތާ ވިސްނުމަކުން ބަލާއިރު، މުހިންމު ކަމެއް ކަމަށް އެޑަމް ވަނީ ވިދާޅުވެފަ އެވެ.

ބާސްކެޓްބޯލް އެސޯސިއޭޝަނުން ވިސްނަނީ މި "ބޯލިން ސްކޫލް ޕްރޮގްރާމް" ގިނަ ރަށްރަށުގައި ހިންގައި، ބާސްކެޓަށް ވަންނަން ޝައުގުވެރިކަން އުފެދޭ، ހުނަރު ހުރި ކުޅުންތެރިންނަށް ކުރިއަށްްދާން ޕްލެޓްފޯމެއް ގާއިމްކުރާށެވެ.

"ދެން ޓާގެޓް މި ކުރަނީ ހައެއްކަ މަސް ތެރޭގައި ރަނގަޅު ލެވަލެއްގެ ޓީމުތަކެއް މި ރަށްރަށުން އުފެއްދުމަށް، ބާސްކެޓް ކޯޓު ހުރި ރަށްތަކުގެ ތެރެއިން ދެން ހަމައެއާ އެކު އެ ރަށްރަށުގައި ޑިވެލޮޕްމަންޓް ޕްރޮގްރާމް ވެސް ފަށަން މި ޓާގެޓް ކުރަނީ. އެ ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ކުދިން، އަޅުގަނޑަށް ހީވަނީ އަންނަ އަހަރު ޖޫނިއާ ޗެމްޕިއަންޝިޕަށް ރެޑީކުރެވޭވަރު ވާނެ. މި އަހަރު ފައުންޑޭޝަނެއް މި ގާއިމްކުރަނީ،" އެޑަމް ވިދާޅުވި އެވެ.

ބޭނުންވާ މިސްރާބަށް ކަންކަން ކުރަމުންދާއިރު، އެކަން ކުރެވޭނެ ގާބިލު މީހުން ބިނާކުރުން ވެސް މުހިންމެވެ. އެޑަމް ވިދާޅުވީ އެކަން ކުރަން ބަލާއިރު، މި އަހަރު ޖެނުއަރީން ފެށިގެން ވެސް މަސައްކަތްތަކެއް ފެށިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ޓޭބަލް އޮފިޝަލުން، ސްޓެޓިސްޓީޝިއަނުން، އަޅުގަނޑުމެންގެ ރެފްރީންނާއި ކޯޗުން. މިއީ ޓެކްނިކަލް މުހިންމު މަސައްކަތްތަކެއް ކުރާ ވަރަށް އަންޑައެޕްރިޝިއޭޓެޑް ގްރޫޕްސް އޮފް ޕީޕަލް (އަގުވަޒަންނުކުރެވި އޮތް ބައެއް). އެ ކުދިންނަށް ހާއްސަކޮށްގެން ދެވޭނެ ލެވަލްތަކަކީ ކޮބައިތޯ (އިތުރަށް) ކިޔަވައިދޭންވީ ކިހިނެއްތޯއޭ ވިސްނައިގެން މިހާރު މި ދަނީ. އެ ނިމުނުހާ އަވަހަކަށް އެ ޓްރެއިނިން ފަށާނަން. ގަސްދުމިކުރަނީ މިއީ ބާސްކެޓް ތެރޭގައި އުޅޭ އޮފިޝަލުންގެ އަދަދު ކޯޗުން ވިޔަސް އެހެން އޮފިޝަލުން ވިޔަސް އިތުރުކުރަން،" އެޑަމް ވިދާޅުވި އެވެ.

"ހާއްސަކޮށް ރަށްރަށުގައި މި ކެޕޭސިޓީ ބިލްޑް ކުރަން. ޖެނުއަރީގައި ފަށައިގެން މިހާރު މިކަން ވެސް ކުރިއަށް އެބަދޭ. މިކަން ނެޝަނަލް ސްޕޯޓްސް އިންސްޓިޓިއުޓާ ގުޅިގެން މި ކުރަނީ،"

އެޑަމް ވިދާޅުވީ ޑިވެލޮޕްމަންޓްގެ މަސައްކަތުގެ ތެރެއިން މި މަސް ތެރޭ ރަށްރަށުގައި ބާސްކެޓްގެ އޮފިޝަލުން ތަމްރީން ކުރުމުގެ ބައެއް ކަންކަން ފުރިހަމަކުރެވޭތޯ ވެސް ބަލަމުން އަންނަ ކަމަށެވެ. ކޮވިޑް-19ގެ ދުވަސްވަރުގައި ކުރިމަތިލާން ޖެހުނު ހަގީގަތަކީ މާލެއިން ބަޔަކު ގޮސް ނޫން ގޮތަކަށް ބާސްކެޓް މުބާރާތެއް ރަށެއްގައި ބޭއްވޭނެ ގޮތެއް އަދި ނެތްކަން ކަމަށެވެ. އަދި އެއީ ބަދަލުވާން ޖެހޭ ކަމެއް ކަމަށް އެޑަމް ފާހަގަކުރެއްވި އެވެ.

"ޓާގެޓް މިކުރަނީ މާލެއިން ބަޔަކު ނުގޮސް ރަށްރަށުގައި މުބާރާތް ބޭއްވޭނެ ނިޒާމެއް ގާއިމްކުރަން. ކޮވިޑްގައި ފާހަގަވި އެއްޗެއް އަޅުގަނޑުމެން ގޮސްގެން ނޫނީ މުބާރާތް ނުބޭއްވޭ. އޮފިޝަލުން އެ ވަރަށް ނެތީމަ. މިހާރު މި ޓާގެޓް ކުރަނީ އެ ކަަހަލަ ބެރިއާސްތަކުން (ގޮންޖެހުންތަކަށް) ހައްލެއް ހޯދައި، ލާމަރުކަޒީ އުސޫލުން މުބާރާތްތައް ރޭވޭނެ ނިޒާމެއް ބާއްވަން،" އެޑަމް ވިދާޅުވި އެވެ.

އެޑަމް ވިދާޅުވީ ކަންކަން ބޭނުންވާ ގޮތަށް ކުރިއަށްގެންދެވޭތޯ ކުރާ މަަސައްކަތުގައި ރަށްރަށުގެ ކައުންސިލުން ދޭ އެއްބާރުލުން ފާހަގަކުރާ ކަމަށެވެ.

ރާއްޖޭގައި ބާސްކެޓް 14 ކޯޓު: އިތުރުކުރެވޭނެ!

ބާސްކެޓްބޯޅަ އެސޯސިއޭޝަނުން މި ވަގުތު ބެލި ބެލުމުން މުޅި ދިވެހިރާއްޖޭގައި ބާސްކެޓްބޯޅަ ކުޅެވޭނެ ހާލަތުގައި ހުރި ކަމަށް ފާހަގަކުރެވުނީ 14 ބާސްކެޓްބޯޅަ ކޯޓެވެ. އެއީ މާލޭގެ ދެ ކޯޓު، ހދ ކުޅުދުއްފުށި، ހއ. ދިއްދޫ، ފުވައްމުލަކު (މަރާމާތު ކުރުމުގެ މަސައްކަތް ކައުންސިލުން އެބަގެންދޭ). އައްޑޫ އަތޮޅުގައި އެއް ކޯޓު، ގދ. ތިނަދޫ އަދި ގއ. ވިލިނގިލީގައި ކޯޓެކެވެ.

އެޑަމް ވިދާޅުވީ ބާސްކެޓްބޯލް އެސޯސިއޭޝަނާއި ޔޫތު މިނިސްޓްރީން ކުރި މަސައްކަތުގައި ހޯދި ލިޔެކިޔުންތަކުން ފެނުނު ހަގީގަތަކީ ގިނަ ރަށްރަށުގައި ކޯޓު ހުރި ކަމުގައި ވިޔަސް ބައެއް ތަންތަނުގައި މިންގަނޑަށް ނުފެތޭ ކޯޓު ވެސް އެބަހުރި ކަމަށެވެ. އަދި އެކަން ރަނގަޅުކުރުމުގެ މަސައްކަތް ކައުންސިލްތަކާ ގުޅިގެން ކުރިއަށްގެންދަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ސަރުކާރުން ރާއްޖޭގެ ތަފާތު އަށް ސަރަަހައްދެއްގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް ގާއިމްކުރަން ނިންމާފައިވާއިރު، މިއީ ގިނަ ރަށްތަކުގައި މަތީ ފެންވަރުގެ ޓްރެއިނިން ދޭން ކުރާ މަސައްކަތަށް ހުޅުވިގެންދާ ދޮރެކެވެ. އެޑަމް ވިދާޅުވީ ބާސްކެޓަށް ވެސް މި ސްޕޯޓްސް ކޮމްޕްލެކްސްތަކުގެ ފައިދާކުރާނެ ކަމަށެވެ.

އެޑަމް ވިދާޅުވީ ރަށްރަށުގައި ބާސްކެޓް ކިޔަވައިދޭން ފަށާއި އެންމެ ބޭސިކް ވެސް އުނގަނައިދީގެން އެ ލެވަލުން ކަމަށެވެ. ކޯޗިންގެ ކަންކަން ފެށުމުގެ ކުރިން ބާސްކެޓް ކިޔަވައިދިނުމުގެ މުހިންމުކަން އެޑަމް ފާހަަގަކުރި އެވެ.

"މިހާރު މި ފޯކަސް ކުރަނީ ރަށްރަށުގައި ބާސްކެޓް ކޯޗިން ފެށުމުގެކުރިން އެންމެ ބޭސިކް ލެވަލް އިން ފެށިގެން ކިޔަވައިދޭން. ދެން އެ ހިސާބުން އަޅުގަނޑުމެންނަށް ކޯޗިން ފެށޭނެ. މިހުރިހާ ކަމެއްގެ އޮނިގަނޑު މީނީ ބޯލިން ސްކޫލް ޕްރޮގްރާމްގައި. ސްކޫލުން ފެށިގެން ކުއްޖާ ޑިވެލޮޕްކޮށް ބާސްކެޓް ތެރެއަށް ވެއްދުމުގެ މަސައްކަތް މިއީ. މި ޕްރޮގްރާމް 19 ގައި ފަށާއިރު އިންސްޓްރަކްޓަރުން ވެސް އެބަ ޑިވެލޮޕްވޭ. އޭރަށް މިކަންކަން ފަސޭހަވާނެ،" އެޑަމް ވިދާޅުވި އެވެ.

އެންމެ ބޮޑަށް ޑިވެލޮޕްމަންޓްގެ ކަންކަމުގައި ފޯކަސް ކުރާނީ ބާސްކެޓް ތަރައްގީ ކުރެވޭނެ ސަރަަހައްދުތަކަށެވެ. އެއީ ބާސްކެޓް އެސޯސިއޭޝަނުން ވެސް ވިސްނާ ގޮތެވެ.

"ކޯޓެއް ނޭޅޭނެ ނުކުޅޭތަނެއްގައެއް. ހާފް ކޯޓު ބައެއް ތަންތަނުގައި އެބަ އަޅާ. ތުރީ އޮން ތުރީ ކޯޓު. ބައެއް ރަށްރަށުން އަޅުގަނޑުމެންނަށް ގުޅައިގެން އޮޅުންފިލުވައިގެން އެބަ އަޅާ. އެއީ ސްޓާޓެއް. އަޅުގަނޑުމެންނަށް ދެވޭނެ އެހީއެއް ވިއްޔާ އެބަދެން މިހާރު ވެސް. މިކަންކަން ރަނގަޅުވެގެން އަންނައިރު، ރަށްރަށުގައި ޓީމު ހެދޭ ވަރަކުން ފުލް ކޯޓު އަޅައި މި ޑިވެލޮޕްކުރުމުގެ ވިސްނުމެއް މި ހުންނަނީ. ހަރަދަށް ބަލާއިރު ވެސް މިއީ ކުރަން ޖެހޭނެ ގޮތަކީ،" އެޑަމް ވިދާޅުވި އެވެ.

ކޮންމެ ކުޅިވަރެއްގައި ވެސް އެންމެން ބަލާނީ ގައުމީ ޓީމުތަކުގެ ނަތީޖާ އަށް ކަމަށްވާއިރު، އެކަންކަން ރަނގަޅުކުރެވޭނީ އެހާ ހިސާބަށްދާއިރު ވަރަށް ގިނަ ކަންކަން ފުރިހަމަވެފައި ހުރެގެންނެވެ. އެޑަމް ވިދާޅުވީ ވިސްނުންތެރިިކަމާ އެކު ޑިވެލޮޕްމަންޓަށް ގިނަ ކަންތައްތަކެއް ކުރެވިއްޖެނަމަ ގައުމީ ޓީމަށް ވެސް ކުރިއެރުންތަކެއް އަންނާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox