ރާއްޖޭގެ 20 ރަށެއްގައި ދިރިއުޅޭ ހިނގާބިނގާވެ އުޅުމުގައި ނުކުޅެދުންތެރިކަން ހުންނަ 34 މީހަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މޮޓޮރައިޒްޑް ވީލްޗެއާ ހަދިޔާކޮށްފި އެވެ.
މިއީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިނގާބިނގާވެ އުޅުމަށް ދަތިވެފައިވާ އަދި އަމިއްލައަށް މިފަދަ ވީލްޗެއާ ބޭނުންކުރެވޭނެ ކޮންމެ މީހަކަށް ވީލްޗެއާ އެއް ހަދިޔާ ކުރުމަށް ބީއެމްއެލްއިން ފެށި ޕްރޮގްރާމްގެ ދަށުން ހަދިޔާކުރި ވީލްޗެއާތަކެކެވެ.
"އަޅުގަނޑުމެން މި ޕްރޮގްރާމް ފެށީ ދިވެހިރާއްޖޭގައި މިފަދަ ވީލްޗެއަރގެ ބޭނުންޖެހިފައިވާ ކޮންމެ މީހަކަށް ވީލްޗެއަރއެއް ހަދިޔާކުރުމުގެ އަމާޒުގައި. މި އަމާޒަށް ވާސިލްވުމަށް ކުރެވެމުންދާ މަސައްކަތާމެދު އަޅުގަނޑުމެން ފަހުރުވެރިވޭ،" ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވި އެވެ.
މި 34 މީހުން ހިމެނޭހެން ބީއެމްއެލް އިން ވަނީ މިހާތަނަށް 170 މީހަކަށް މޮޓޮރައިޒްޑް ވީލްޗެއާ ހަދިޔާކޮށްފަ އެވެ. މިކަމުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ.
"މި ވީލްޗެއާގެ ޒަރިއްޔާ އިން މުޖުތަމައުގައި ދިރިއުޅޭ އެހެން ފަރާތްތަކެކޭ އެއްފަދައިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް އެމީހަކު އިހްތިޔާރުކުރާ ފަދަ އުފެއްދުންތެރި އަމިއްލަ މިނިވަން ދިރުއުޅުމެއް އުޅުމުގެ ފުރުސަތު ލިބިދޭ. މި ޕްރޮގްރާމްގެ ފައިދާ މުޅި ރާއްޖެއަށް ކުރަމުންދާކަމީ އަޅުގަނޑުމެންނަށް ލިބޭ ނުހަނު ބޮޑު އުފަލެއް،" ޓިމް ސޯޔާ ވިދާޅުވި އެވެ.
ބީއެމްއެލް އިން 2017 ވަނަ އަހަރު މި ޕްރޮގްރާމް ފެށިއިރު އެހެނިހެން ޕްރޮގްރާމްތައް މެދުވެރިކޮށް ވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެ ބޭންކުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
އެގޮތުން، މޯލްޑިވްސް އެސޯސިއޭޝަން ފޯރ ޕާސަންސް ވިތު ޑިސޭބިލިޓީސް ގެ 'ހެލްތީ ޕީޑަބްލިއުޑީސް ޕްރޮގްރާމް' ހިންގުމަށް އެ އެސޯސިއޭޝަން އަށް 100،000ރ. ވެސް މިދިޔަ ޑިސެމްބަރު މަހު ބީއެމްއެލް އިން ހަދިޔާކުރި އެވެ.







