ޓިއުރިން (މާޗް 14) - އިޓާލިއަން ލީގުގައި ރޭ އިންޓަ މިލާނުން 1-1 އިން ޓޮރިނޯއާ އެއްވަރުވުމުގެ ފައިދާނަގައި، ހެލަސް ވެރޯނާ 2-1 އިން ބަލިކޮށް ނަޕޯލީން ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.
ރޭގެ ނަތީޖާތަކަށް ފަހު މެޗު ބަލަން ތިބި އޭސީ މިލާނަށް ހިތްހަމަޖެހުމެއް ލިބޭނެ އެވެ. އެއީ އިންޓަ އިން މެޗު ހަމަކުރާއިރު ވެސް މިލާން އަށް އެއް ވަނައިގައި އޮވެވޭނެތީ އެވެ. މިލާން އެއް ވަނައިގައި އޮތީ 29 މެޗުން 63 ޕޮއިންޓާ އެކު އެވެ. ނަޕޯލީ ދެ ވަނަ އަށް އެރީ 29 މެޗުން 60 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން އިންޓަ އަށް ލިބިފައިވަނީ 28 މެޗުން 59 ޕޮއިންޓެވެ. މެޗު ހަމަކުރާއިރު، އިންޓަ އަށް ދެ ވަނަ އަށް އަރައި، މިލާނާ އެއް ޕޮއިންޓަށް ގާތްކުރެވޭނެ އެވެ.
އަމިއްލަ ދަނޑުގައި ރޭ ކުޅުނު ޓޮރިނޯ އިން ވަނީ 12 ވަނަ މިނިޓްގައި އިންޓަ ކޮޅަށް ގޯލު ޖަހައި، ލީޑުނަގައިފަ އެވެ. އެ ޓީމުގެ ގޯލު ޖެހީ އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ޑިފެންޑަރު ގެލްސަން ބްރެމާ އެވެ. އިންޓަ ޑިފެންޑަރުންނަށް ސަލާމަތްނުކުރެވިގެން އުޅުނު ބޯޅައެއް ބްރެމާ ވަނީ ތިރިތިރިން ގޯލަށް ފޮނުވާލައިފަ އެވެ.
އިންޓަ އަށް އެއްވަރުކޮށްދޭން ފުރަތަމަ ހާފުގައި ލަޓާރޯ މާޓީނޭޒް ބޮލުން ޖެހި ބޯޅަ ޓޮރީނޯ ކީޕަރު އިޓްރިޓް ބެރީޝާ ވަނީ މަތަކޮށްފަ އެވެ. ދެ ވަަނަ ހާފުގައި ހަކަން ޗަނޮނޮގްލޫ އާއި ފެޑެރީކޯ ޑިމާކޯ ޖެހި ބޯޅަތައް ވެސް ކީޕަރު ބެރީޝާ ވަނީ ހުއްޓުވައިފަ އެވެ. ލީޑުފުޅާކުރަން ޓޮރީނޯ އަށް ލިބުނު ރަނގަޅު ދެ ފުރުސަތެއް ނަގާލާފައިވަނިކޮށް، އިންޓަ އިން އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ ތިން ވަނަ މިިނިޓްގައި އަލެކްސިސް ސަންޗޭޒް އޭރިއާތެރެއިން ޖެހި ގޯލުންނެވެ.
ނަޕޯލީން ކުޅުނު މެޗުގައި އެ ޓީމުގެ ނައިޖީރިއާ ފޯވާޑް ވިކްޓަ އޮސީމޭން ވަނީ ދެ ގޯލު ޖަހައި އެ ޓީމަށް ރަނގަޅު ލީޑެއް ނަގައިދީފަ އެވެ. ހެލަސް ވެރޯނާގެ ގޯލު ޖެހީ މާކޯ ޑަވީޑޭ ފަރޯނޭ އެވެ. މި މެޗުގައި ހެލަސްގެ ފަބިއޯ ގިއަކެރީނީ އަށް ވަނީ ދެ ވަަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ.












