އައްޑޫ ސިޓީގެ ހަތަރު ރަށަކުން ޖުމްލަ 27 ބިމެއް ލޯކަލް ޓޫރިޒަމަށް ދޫކުރަން އައްޑޫ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ އައްޑޫ ސިޓީގެ ހިތަދޫ، ފޭދޫ، ހުޅުދޫ އަދި މީދުއިން ޖުމްލަ 27 ބިމެއް ލޯކަލް ޓޫރިޒަމަށް ހުޅުވާލަން ނިންމައި އެކަމަށްޓަކައި ބިޑު ހުށަހަޅަން ހުޅުވާލާފަައިވާ ކަމަށެވެ.
އެ އިއުލާނުގައި ބުނީ ހިތަދޫއިން ބިން ދޫކުރަން ހަމަޖެހިފައިވަނީ މާމެން ބީޗު ސަރަހައްދުން ކަމަށެވެ. އެއީ ހިތަދޫގެ ހުޅަނގު ފަރާތުން އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުގެ ބޭރަށް ކަނޑާ ދިމާލަށް އޮންނަ ސަރަހައްދެކެވެ.
އެ ސަރަހައްދުން ޖުމްލަ 3.7 ހެކްޓަރުގެ ބިން ދޫކުރަން ހަމަޖެހިފައިވާއިރު އެތަނުގައި ތިން ގެސްޓުހައުސް އަދި އެއް ސިޓީ ހޮޓާ ތަރައްގީކުރަން ދޭން ކައުންސިލުން ވަނީ ނިންމައިފަ އެވެ. ސިޓީ ހޮޓާ އަޅަން ކައުންސިލުން 7،000 ފޫޓުގެ ސަރަހައްދެއް ވަނީ ހާއްސަކޮށްފަ އެވެ.
ގެސްޓްހައުސް އަޅަން ހާއްސަކުރަނީ 2،400، 3،000 އަދި 5،000 ފޫޓުގެ ތިން ޕްލޮޓެވެ. އެތަނުގައި އަޅާ ސިޓީ ހޮޓާގައި 35 ކޮޓަރި ހުންނަން ޖެހޭނެ އެވެ. އަދި ގެސްޓްހައުސްތަކުގައި 10 ،15 އަދި 25 ކޮޓަރި ހުންނަން ޖެހޭނެކަމަށް ކައުންސިލްގެ އިއުލާނުގައި ބުނެ އެވެ.

ފޭދޫއިން ދޫކުރަން ނިންމާފައިވަނީ ގެސްޓްހައުސެއް އަޅަން 2،400 ފޫޓުގެ ސަރަހައްދެކެވެ. އެއީ 10 ކޮޓަރީގެ ގެސްޓްހައުސްއެކެވެ. ފޭދޫއިން ބިން ދޫކުރަން ނިންމާފައިވަނީ ދިގިހެރަ، ސަވާ ބީޗު ސަރަހައްދެކެވެ. އެއީ ސަވާހެލި ރަށާއި ދިމާލަށް އައްޑޫގެ ހުޅަނގަށް އޮންނަ 3.2 ހެކްޓަރުގެ ސަރަހައްދެކެވެ.
ހުޅުދޫއިން ބިން ދޫކުރަން ހަމަޖެހިފައިވަނީ ދެ ގެސްޓްހައުސްއާއި ދެ ސިޓީ ހޮޓާ އެޅުމަށެވެ. ސިޓީ ހޮޓާ އަޅަން 7،000 ފޫޓާއި 10،000 ފޫޓުގެ ސަރަހައްދެއް އަޅަން ދޫކުރަން އެ އިއުލާނުގައި ވަނީ ނިންމައިފަ އެވެ.
އަދި ގެސްޓްހައުސް އަޅަން 2،400 ފޫޓާ 5،000 ފޫޓުގެ ދެ ސަރަހައްދެއް ދޫކުރަން ވަނީ ނިންމައިފަ އެވެ. ހުޅުދޫއިން ބިން ދޫކުރަނީ މާފިށި ޓޫރިޒަމް ޒޯނުގެ ނަމުގައި ކޭވަށް ބީޗު ސަރަހައްދުން 4.65 ހެކްޓަރުގެ ސަރަހައްދެކެވެ.
ހުޅުދޫއެކޭ އެއްގޮތަށް މީދޫއިން ވެސް ބިން ދޫކުރަނީ ދެ ގެސްޓްހައުސްއަށާއި ދެ ސިޓީ ހޮޓަލަށެވެ. ގެސްޓްހައުސް އަޅަން 2،400 ފޫޓާ 5،000 ފޫޓުގެ ދެ ސަރަހައްދެއް ދޫކުރަން ވަނީ ނިންމައިފަ އެވެ. އަދި ސިޓީ ހޮޓާ އަޅަން 7،000 ފޫޓާ 10،000 ފޫޓުގެ ސަރަހައްދެއް ދޫކުރަން ވަނީ ހަމަޖެހިފަ އެވެ.
އައްޑޫއިން ބިން ދޫކުރަން ހަމަޖެހިފައިވަނީ ބިޑު ކާމިޔާބުކުރާ ފަރާތަށް 50 އަހަރުގެ މުއްދަތަކަށެވެ. ސިޓީ ކައުންސިލުން ބުނީ ބިޑާއި ގުޅޭ ޑޮކިއުމެންޓް އަންގާރަ ދުވަހުން ފެށިގެން މި ހިނގާ މާޗު މަސް ނިމެންދެން ސިޓީ ކައުންސިލުން ލިބެން ހުންނާނެ ކަމަށެވެ.
ބިޑު ފޮތަށް އެދުމަށްޓަކައި އެޕްލިކޭޝަން ފޯމު ފުރުމަށްފަހު finance@adducity.gov.mv މެއިލް ކުރުމަށް ސިޓީ ކައުންސިލުން އެދެ އެވެ. ދިވެހި ކުންފުނިތަކަށް ބިޑު ފޮތް ވިއްކަން ހަމަޖެހިފައިވަނީ 2،000ރ. އަށެވެ. ބޭރު ކުންފުނިތަކަށް ބިޑު ފޮތް ދޫކުރަން ހަމަޖެހިފައިވަނީ 300 ޑޮލަރުގެ އަގެއްގަ އެވެ.













