ރަޝިޔާއިން ޔޫކްރެއިންއަށް ހަމަލާދިނުމާއެކު އަދި އެކަމާ ގުޅިގެން ފެންނަމުންދާ ނަތީޖާތަކާއެކު ނިއުކްލިއަ ހަތިޔާރުގެ ވާހަކައިގެ އަޑު ވަނީ ވަރަށް ގަދަވެފަ އެވެ. ނިއުކްލިއަ ބާރުވެރިކަން ތަރައްގީކުރުމާއި ބޭނުންކުރުމާ ބެހޭ ގޮތުން އިސްލާމްދީން ބުނަނީ ކީކޭތޯ ބެލުމުގެ މުހިންމުކަން ދަނޑިވަޅާއި ހާލަތުގެ ގޮތުން އިތުރުވެގެން ގޮސްފި އެވެ. އަލަށް އުފެދޭ ގިނަ ކަންކަމުގައި އިސްލާމީ އިލްމުވެރިންގެ ފުޅާ ސިކުނޑިތަކުން ބަހުސްކޮށް ހިޔާލުތަފާތުވުމުގެ އާދަކާދައިގެ މަތީން މިމައްސަލާގައި ވެސް ބޮޑު ތިން މަޒުހަބަކަށް އިލްމުވެރިން ބެހިފައި ވެއެވެ. އަޅުގަނޑުގެ މި މަޒުމޫނުގެ ބޭނުމަކީ ތިލަކޮށް ކުރުކޮށް މިކަމުގައި އިސްލާމީ ވިސްނުންތައް ހުރި ގޮތް ހުށަހަޅައިދިނުމެވެ.
ނިއުކްލިއަ ބާރުވެރިކަން ތަރައްގީކޮށް އެބާވަތުގެ ހަތިޔާރު އުފެއްދުމާ ބެހޭގޮތުން އިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތުވެފައިވަނީ މައިގަނޑު ތިން ވިސްނުމެއްގެ މައްޗަށެވެ. އެއް މަޒުހަބުގައި ބުނަނީ، ނިއުކްލިއަ ބާރުވެރިކަމަކީ ހޯދައިގަތުން ހުއްދަ އަދިކިއެއްތަ ހޯދައިގަތުން ކޮންމެހެން އެދެވިގެންވާ ބާރެއްކަމަށެވެ. ދެވަނަ މަޒުހަބުގައި ބުނަނީ، ފަނާކުރަނިވި ބާރުވެރިކަން ހޯދައިގަތުމަކީ ހުއްދަވެގެންވާ ކަމެއް ނޫންކަމަށާއި އެކަމަކީ އިސްލާމްދީން ތަރުހީބުދޭ ކަމެއް ވެސް ނޫންކަމަށެވެ. ތިންވަނަ މަޒުހަބަކީ ހާލަތާއި ވަގުތަށް ރިއާޔަތްކުރެވި ޟަރޫރަތަށްޓަކައި އެކަން ހުއްދަވެފައި އޮތުމާއި ވަކި ކަހަލަ ޝަރުތުތަކަކާއި އެކީ ނިއުކްލިއަ ބާރުވެރިކަން ހޯދައިގަތުން ހުއްދަވެގެންވާކަމުގެ ވިސްނުމެވެ.
ފުރަތަމަ މަޒުހަބުގެ އިލްމުވެރިން ދައްކަވާ ބައެއް ހުއްޖަތުތައް
އަލްއަންފާލް ސޫރަތުގެ 60 ވަނަ އާޔަތުގެ މާނައިގައި ވެއެވެ. "އެއުރެންނާ ދެކޮޅަށް ތިޔަބައިމީހުންނަށް ކުޅަދާނަވީހައި ބާރެއް ތިޔަބައިމީހުން ތައްޔާރުކުރާށެވެ! އަދި އަސްތައްވެސް ބަނދެ ތައްޔާރުކުރާށެވެ! އެކަމުން ﷲގެ އަދުއްވުންނާއި، ތިޔަބައިމީހުންގެ އަދުއްވުންންނާއި، އެނޫން އަދާވާތްތެރިންވެސް ބިރުގެންނެވުމަށްޓަކައެވެ..." މިއާޔަތުން ދަލީލު ނަންގަވައި ބައެއް އިލްމުވެރިން ވިދާޅުވަނީ އަދާވާތްތެރީންނާ ދެކޮޅަށް ކުޅަދާނަވީހާ އެންމެ މަތީ މިންވަރަކަށް ބާރުވެރިކަން ހޯދައިގަތުމަކީ މިއާޔަތުން އަމުރުވެވިގެންވާ ކަމެއްކަމަށެވެ. އަދި ބާރުވެރިކަން ހޯދައިގަތުމުގެ އަސާސް ހުއްޓިފައިވަނީ، ކޮންމެހެން ހަމަލާދީ އެބާރު ބޭނުންކުރުމަށްވުރެ ތިމާމެންނަށް ހަމަލާއެއް ދިނުމަށް އަދާވާތްތެރިން ޖެހިލުންކުރުވުމުގެ މައްޗަށްކަމަށެވެ. މިއާޔަތުން އިރުޝާދު ލިބެނީ އަމިއްލަ ދިފާއަށްޓަކައި އަދާވާތްތެރިން ޖެހިލުންވާ ވަރުގެ ބާރުވެރިކަމެއް ހޯދައިގެން ތިބުމަށެވެ.
އަދި އަންނަޙްލު ސޫރަތުގެ 126 ވަނަ އާޔަތުގެ މާނައިގައި ވެއެވެ. އަދި ތިޔަބައިމީހުން، އުގޫބާތްދޭނަމަ، ތިޔަބައިމީހުންނަށް އުގޫބާތްލިބުނު ފަދަޔަކުން، ފަހެ، ތިޔަބައިމީހުން އުގޫބާތްދޭށެވެ.." މިއާޔަތުން ދަލީލު ނަންގަވައި ބައެއް އިލްމުވެރިން ވިދާޅުވަނީ ނިއުކްލިއަ ބާރުވެރިކަން އަހަރެމެންނާ ދެކޮޅަށް ބަޔަކު ބޭނުންކޮށްފިނަމަ، އޭގެ ބަދަލުގައި ނިއުކްލިއަ ބާރު ބޭނުންކުރުން މިއާޔަތުން ހުއްދަވެގެންވާކަމަށެވެ. އެހެންކަމުން އެބާރުވެރިކަން ހޯދައިގަތުމަކީ ދިފާއަށް ތައްޔާރުވެގެން ތިބުމަށް ކޮންމެހެން ބޭނުންތެރިކަމެއްކަމަށެވެ.
މީގެ އިތުރުން، ކީރިތި ގުރުއާނުގެ އިސްވެ ދިޔަ ދެ އާޔަތުން ދަލީލު ނަންގަވާ ގޮތަށް ބާރުލިބޭ މާތް ނަބިއްޔާގެ ބައެއް އަމަލުފުޅުތަކާއި، ޝަރުއީ ބައެއް ގާއިދާތައް ވެސް މިމަޒުހަބުގެ އިލްމުވެރިން ގެންނަވަ އެވެ.
ދެވަނަ މަޒުހަބުގެ އިލްމުވެރިން ދައްކަވާ ބައެއް ހުއްޖަތުތައް
މިމަޒުހަބުގެ އިލްމުވެރިން ދެކޭގޮތުގައި ނިއުކްލިއަ ބާރުވެރިކަން ހޯދައިގަތުމާއި ބޭނުންކުރުމަކީ އިސްލާމްދީން ތަރުހީބުދޭކަމެއް ނޫނެވެ. އަލްބަގަރާ ސޫރަތުގެ 195 ވަނަ އާޔަތުގެ މާނައިގައި ވެއެވެ. "އަދި އިހުސާންތެރިވާށެވެ! ހަމަކަށަވަރުން، އިޙްސާންތެރިންދެކެ ﷲ ލޯބިވެވޮޑިގެން ވެއެވެ." އިހުސާންތެރިވުމުގެ މާނައިގެ ތެރޭގައި، އެހެން މީހުން ކަންތައްކުރާ ވަރަށްވުރެ ހެޔޮކޮށް ކަންތައް ކުރުން ހިމެނިގެންވެ އެވެ. އިސްލާމްދީން އަމުރުކުރަނީ މީސްތަކުންނާއި މެދުގައިވެސް އަދި އެންމެހާ ދިރޭ ތަކެއްޗާ މެދުގައިވެސް އިހުސާންތެރިކޮށް ރަނގަޅަށް ކަންތައްކުރުމަށެވެ.
ހަނގުރާމައެއްގައިވެސް ހަނގުރާމައާ ގުޅުމެއް ނުވާ ކުޑަކުދިންނާއި އަންހެނުންނާއި އަޅުވެރިންނަށް ހަމަލާދިނުމާއި މެރުން މާތް ނަބިއްޔާ ވަނީ ނަހީކުރައްވާފަ އެވެ. ނިއުކްލިއަ ހަމަލާތަކަކީ، ހަނގުރާމައާ ގުޅުމެއް ނެތް އެތައް ބަޔަކު މަރުވުމާއި ޒަހަމުވުމަށް މެދުވެރިކުރުވާކަން ޔަގީން ވަސީލަތެކެވެ.
ހާއްސަކޮށް މިޒަމާނުގައި ބަލާނަމަ، ގައުމުތަކާއި ދައުލަތްތައް ބެހިފައި ހުރީ ދީނަށް ބަލައިގެންނެއް ނޫނެވެ. ގިނަ ގައުމުތަކުގައި މުސްލިމުންނާއި ކާފަރުން އުޅެ އެވެ. އަދި ކާފަރުންގެ ތެރޭގައި އިސްލާމްދީނުގެ އަދާވާތްތެރިންނާއި އިސްލާމްދީނާ އަދާވާތްތެރި ނޫން މީހުން އުޅެމުން ދެއެވެ. އިސްލާމީ ރިސާލަތުގެ ހަގީގީ ދައުވަތު ރަނގަޅަށް ލިބިފައި ނުވާ އެތައް ބަޔަކު ވެސް ދިރިއުޅެމުން ދެއެވެ. ހަނގުރާމައެއްގެ ހާލަތުގައިވެސް މިއެންމެހައި ބަޔަކު ނެތިފަނާވެގެންދާނެ ފަދަ ގޮތަކަށް އަމަލުކުރުމާއި އެފަދަ ހާލަތެއް ކުރިމަތިވެދާނެ ފަދަ ގޮތަކަށް އަމަލުކުރުމަކީ އިސްލާމްދީންގެ ރިވެތި ދައުވަތާއި ހެޔޮކޮށް ހިތުމާއި އޯގާތެރިވުމުގެ ހަމަތަކާ މުޅީން ހިލާފު ކަންތައްތަކެކެވެ.
ހަނގުރާމައެއްގައި ވިޔަސް ކުދި އަނިޔާދީގެން މީހުން މެރުމާއި، ގުނަވަންތައް ވަކިވަކިން ބުރިކުރުން ފަދަ ކަންކަން މާތް ނަބިއްޔާ ވަނީ ނަހީކުރައްވާ މަނާކުރައްވާފަ އެވެ. ވީއިރު، އިހާނެތިކަން ދައްކުވައިދޭ އަނިޔާވެރިކަމަށް މަގުކޮށައިދޭ އަދި ހާއްސަކޮށް ކަމާނުގުޅޭ އެތައް ބަޔަކު ހަލާކުގެ ތެރެއަށް ވެއްޓިގެންދާނެ ފަދަ ގޮތްތަކާއި ވަސީލަތްތަކަކީ އިސްލާމްދީން ތަރުހީބުދޭނެ އުކުޅުތަކެއް ނޫނެވެ.
ތިންވަނަ މަޒުހަބުގެ އިލްމުވެރިން
މި މަޒުހަބުގެ އިލްމުވެރިން ދެކޭގޮތުގައި މިބާވަތުގެ ކަންކަމަކީ ހާލަތާއި ވަގުތާއި ތަނުގެ ގޮތުން އެކަމެއްގައި އެވަގުތަކަށް އިލްމުވެރިންގެ ފަތުވާ ހޯދަންޖެހޭ ފަދަ މައްސަލައެކެވެ. ހަނގުރާމައިގެ އުސޫލުތަކާ ގުޅިފައިވާ ކީރިތި ގުރުއާނުގެ މޫރިތި އާޔަތްތަކާއި އެއާޔަތްތައް އަމަލީ ގޮތުން ދެއްކެވި މާތް ނަބިއްޔާގެ ސުންނަތަށް ބަލާއިރު، ތަފާތު ހާލަތްތަކުގައި އެހާލަތަކަށް މުނާސަބުވާ ގޮތުގެ މަތީން މާތް ނަބިއްޔާ އަމަލުކުރައްވާފައިވާކަމީ އިތުރު އެކަލޭގެފާނުގެ ސުންނަތުން ފެންނާން އޮތް ކަމެކެވެ.
ނިއުކްލިއަ ހަތިޔާރު ނޫންނަމަވެސް އެއްވެސް ބާވަތެއްގެ ހަތިޔާރަކީ، އޭގައި ސާފު މަންފާ އެކުލެވިފައި އޮންނަ އެއްޗެއް ނޫނެވެ. އަދި އެ ބޭނުންކުރުމުގެ ނަތީޖާ ކޮންމެ ފަހަރަކު ރަނގަޅުވާނެ ގޮތަށް އޮންނަ ކަމެއް ވެސް ނޫނެވެ. އެއްވެސް ބާވަތެއްގެ ބާރުވެރިކަމަކީ އެބޭނުންކުރުމުން ނުކުންނަ ނަތީޖާއަކުން އޭގެ ފަހަތުގައި ކިތަންމެ ބޮޑު ހެވެއް ވެސް އޮވެދާނެ ފަދައިން ކިތަންމެ ބޮޑު ނުބައެއް ވެސް މެދުވެރިވެދާނެ ފަދަ ކަމެކެވެ.
އިސްވެ ދިޔަ ދެ މަޒުހަބުގެ ތެރެއިން ދެވަނަ މަޒުހަބުގެ އަހުލުވެރިންގެ ދަލީލުތަކަށް ބަލާއިރު، ނިއުކްލިއަ ހަތިޔާރު ފިޔަވައި ހަނގުރާމައިގައި ބޭނުންކުރެވޭ އެނޫން ހަތިޔާރު އުފެއްދުމާއި ތަރައްގީކުރުން ވަކި ހުއްދަވާންޖެހޭ ސަބަބެއް ނޯންނާނެ އެވެ.
ހަނގުރާމަކުރުން އޮތީ އެކަން ނުކޮށް ފަރުޖެއްސެން ނޯންނަ ހާލަތްތަކުގަ އެވެ. ޟަރޫރަތަށްޓަކައި ހުއްދަ ވާކަންކަން ހުއްދަވުމުގައި އިސްލާމްދީނުގައި އޮތް އެންމެ އާންމު ހަމަޔަކީ، ޟަރޫރަތަކަށްޓަކައި ކުރަންޖެހޭ ކަންތައް އެޟަރޫރަތަކަށް ބޭނުންވާ އެންމެ ކުޑަ މިންވަރަކަށް ހުއްދަވެގެން ދިއުމެވެ. އަދި އެ ޟަރޫރަތުން ބޭރުން އެއްވެސް ކަމެއް ހުއްދަވެފައި ނެތުމެވެ. ހަނގުރާމައިގައި އާންމު އުސޫލުތަކުގެ ތެރޭގައި، ގަސްގަހަށް ގެއްލުން ނުދިނުމަށް މާތް ނަބިއްޔާ އިރުޝާދުދެއްވާފައި ވެއެވެ. މިކަން މިހެން އޮތްނަމަވެސް ބައެއް ހަނގުރާމަތަކުގައި ހާލަތާއި ވަގުތުގެ ގޮތުން އަދި ހަނގުރާމައިގެ ވަކި އުކުޅުތަކެއް ގެނެސްގަތުމުގެ ގޮތުން މިއުސޫލަށް ބައެއް ބަދަލުތައް އައިސްފައިވާކަން އިސްލާމީ ތާރީހުން ހެކިދެ އެވެ.
މި މަޒުހަބުގެ އިލްމުވެރިން ދެކޭގޮތުގައި ވަކި ހާއްސަ ޝަރުތުތަކާއެކު ނިއުކްލިއަ ބާރުވެރިކަން ތަރައްގީކޮށް އެބާރު ބޭނުންކުރުމަކީ އިސްލާމްދީން މަނާކުރާ ކަމެއް ނޫނެވެ. އެގޮތުން އިލްމުވެރިން ގެންނަވާ ޝަރުތުތަކުގެ ތެރޭގައި، އަދާވާތްތެރިން މައިތިރިކުރެވޭނެ އިތުރު ގޮތެއް ނެތުމާއި، ނިއުކްލިއަ ބާރުވެރިކަން ބޭނުންކުރުމުގައި، އަދާވާތްތެރިން ފިޔަވައި އެހެން ބަޔަކަށް ގެއްލުން ނުވާނެކަން ކަށަވަރުކުރުމާއި، ހާލަތަށް ބޭނުންވާ މިންވަރަށްވުރެ އިތުރަށް އެބާރުވެރިކަން ބޭނުން ނުކުރުން ހިމެނެ އެވެ.
އަޅުގަނޑު މިހުށަހަޅާލީ ނިއުކްލިއަ ބާރުވެރިކަން ތަރައްގީކުރުމާއި އެބާވަތުގެ ހަތިޔާރު އުފެއްދުމުގައި އިސްލާމީ ފިގުހުވެރިންގެ ވިސްނުންތައް ހުއްޓިފައި ހުރި ދިމާތަކެވެ. އަޅުގަނޑުގެ މަގުސަދަކީ މިމައުޟޫގައި ކޮންމެވެސް މިންވަރެއްގެ އިސްލާމީ ހިޔާލެއް ކިޔުންތެރިންނަށް ގެނެސްދިނުމެވެ.
ހަނގުރާމަކުރުމާއި ހަނގުރާމައިގެ ހަތިޔާރު އުފެއްދުމާއި ހަނގުރާމަތަކުގައި ބައިވެރިވުމުގެ ކަންކަމަކީ އަމިއްލަ ފަރުދުން އަމިއްލަ އަމިއްލައަށް ގޮތް ނިންމުން ހުއްދަވެގެންވާ ކަމެއް ނޫނެވެ. ހަނގުރާމައިގެ ބާރުވެރިކަން އުފަންކުރުމާއި ތަރައްގީކުރުމުން ފެށިގެން ގޮސް ހަނގުރާމަތަކުގައި ބައިވެރިވުމުގެ ކަންކަމުގައި އޮތީ ވެރީންނަށް ފުރިހަމައަށް ކިޔަމަންތެރިވުމެވެ. އެކަމުގައި ގޮތް ނިންމުމަކީ ވަލިއްޔުލްއަމުރުގެ ބާރުތަކުގެ ތެރޭގައި ހިމަނާފައި އޮތްކަމެކެވެ. އެކަމުގައި ވަލިއްޔުލްއަމުރުގެ އިޒުނައިން ބޭރުން އެއްވެސް އަމަލެއް ހިންގުމަކީ ކިޔަމަންތެރިކަމުން ނުކުމެގަތުމެވެ.








