ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ގެ ސުޕާމާޓަށް ބޮޑެތި ބަދަލުތަކަކާއެކު ރޯދަ މަހާއި ގާތްކޮށް ހުޅުވަން ތައްޔާރުވެފައިވާއިރު، އެއީ ރާއްޖޭގައި އަމިއްލަ ކުދި ވިޔަފާރިތައް ފުޅާވެ ކުރިއެރުމަށް ލިބިގެންދާނެ ރަނުގެ ފުރުސަތެކެވެ.
އެސްޓީއޯ އިން ދަނީ އޯކިޑް މަގުގައި ކުރިން ސުޕަމާޓް ހިންގަމުންދިޔަ އިމާރާތުގައި ސުޕަސްޓޯއެއް ހުޅުވުމުގެ މަސައްކަތުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުންނެވެ. މި މަހުގެ މެދުތެރެއިން ހުޅުވާ އެ އާ ސުޕަސްޓޯއާއެކު އެސްޓީއޯގެ ގިނަ މުދާތަކެއް އެއް ކުޑައެއްގެ ދަށުން ލިބޭނެ އެވެ.

އަލަށް ހުޅުވާ އެސްޓީއޯގެ ސުޕަސްޓޯ. އެ ތަނުގެ މަސައްކަތްތައް މިހާރު ދަނީ ކުރިޔަށް. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
އެ ސުޕަސްޓޯގައި އެސްޓީއޯގެ ސުޕަމާޓުގައި ލިބެން ހުރި މުދާތަކާއިއެކު ހޯމް އިމްޕްރޫވްމެންޓުން ވެސް ލިބެން ހުރި މުދާތައް ވެސް ލިބޭނެ އެވެ. ނަމަވެސް, އެއީ ސުޕަސްޓޯގެ އެންމެ އަޅައިގަންނަ ސިފައެއް ނޫނެވެ. އެ ސްޓޯއިން އަމިއްލަ ވިޔަފާރިތަކަށް ވެސް ރީޓެއިލް ޖާގަތަކެއް ހުންނާނެ އެވެ.

އެސްޓީއޯގެ އާ ސުޕަސްޓޯގެ މިހާރު ކުރިޔަށް ދަނީ އެންމެ ފަހުގެ މަސައެކަތްތައް. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
އެއާއެކު, ރާއްޖޭގައި އެހެން ތަނަކުން ނުލިބޭހާ ގިނަ އަދަދެއްގެ މުދާ އެއް ތަނަކުން ލިބޭނެ އެވެ. ސުޕަސްޓޯގައި ހުންނަ ރީޓެއިލް ސްލޮޓްތައް އަމިއްލަ ވިޔަފާރިތަކަށް ހާއްސަކޮށްފައިވާއިރު، އެ ތަނުގައި އަމިއްލަ ރީޓެއިލް ވިޔަފާރިތަކަށް ހާއްސަ ވަކި ކައުންޓަރުތަކެއް ހުންނާނެ އެވެ. އެކައުންޓަރުތަކުގައި އެ ވިޔަފާރިތަކުގެ މުދާ ވިއްކޭނެ އެވެ.

އެސްޓީއޯގެ އާ ސުޕަސްޓޯގައި ރީޓެއިލް ވިޔަފާރިތަކަށް ޖާގަތަކެއް ހާއްސަކުރާނެ. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
ރީޓެއިލް ވިޔަފާރިތަކަށް ހުރި ފަހި ފުރުސަތުތަކާއެކު، އެސްޓީއޯގެ ހޯމް އިމްޕްރޫވްމެންޓުގައި އާންމުކޮށް ވިއްކާ ޓީވީ، ދަވާދު، އަދި ފްރިޖުފަދަ ތަކެތި ވެސް ދެން ވިއްކަން ހުންނާނީ ހަމަ އެ ސުޕަސްޓޯގަ އެވެ. ޖާގަ ބޮޑު، ރީތި ޑިޒައިނަކަށް ތައްޔާރުކުރާ އެ ސުޕަސްޓޯ ވެގެންދާނީ ރާއްޖޭގެ ވިޔަފާރީގެ މައިދާނަށް އަންނަ ތަފާތު ކޮންސެޕްޓަކަށެވެ.










