ރިޕޯޓުކުނާވިޔުމުގެ ކަވި، ބުރަ މަސައްކަތުގައި ފާއިޒާ އުފަލުން

ކުނާވިޔުމުގެ ކަވި، ބުރަ މަސައްކަތުގައި ފާއިޒާ އުފަލުން

ގައްދޫ ކޮންމެ ގެއެއްގައި ވެސް އެލުވާފައި ހުންނަ ބޮޑެތި އުނދޯލިތަކުގައި އެ ކުނާތައް އަޅާފައި ހުންނާނީ ބޮޑު ފަހުރަކާ އެކު އެވެ. އެހާ ބޮޑު ފަހުރަކާއި ޝަރަފެއް އޮތް މި މަސައްކަތުގައި 40 އަހަރުވަންދެން މަރިޔަމް ފާއިޒާ, 57 ވެސް އެ ހުރީ ސަގާފަތް ދިރުވުމަށެވެ.

ފާއިޒާ, އޭނާ ވިޔެފައިވާ ބައެއް ކުނާތައް ހިފަހައްޓާލައިގެން: ކުނާ ވިޔުމުގެ މަސައްކަތް ދުވަހަކު ވެސް ދޫކޮށްލުމުގެ ވިސްނުމެއް ނެތް - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
ފާއިޒާ, އޭނާ ވިޔެފައިވާ ބައެއް ކުނާތައް ހިފަހައްޓާލައިގެން: ކުނާ ވިޔުމުގެ މަސައްކަތް ދުވަހަކު ވެސް ދޫކޮށްލުމުގެ ވިސްނުމެއް ނެތް - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ހުވަދު އަތޮޅު ގައްދޫގެ ރަމްޒާއި ޝަރަފު އަދި ފަހުރުގެ ގޮތުގައި ޒަމާނުންސުރެ އޮތީ ތުނޑު ކުނަލެވެ. މި ރަށު ކޮންމެ ގެއެއްގައި ވެސް އެލުވާފައި ހުންނަ ބޮޑެތި އުނދޯލިތަކުގައި އެ ކުނާތައް އަޅާފައި ހުންނާނީ ބޮޑު ފަހުރަކާ އެކު އެވެ. އެހާ ބޮޑު ފަހުރަކާއި ޝަރަފެއް އޮތް މި މަސައްކަތުގައި 40 އަހަރުވަންދެން މަރިޔަމް ފާއިޒާ, 57، ވެސް އެ ހުރީ ސަގާފަތް ދިރުވުމަށެވެ.

ފާއިޒާއަކީ ގައްދޫގައި މިހާރު ކުނާ ވިޔުމުގެ މަސައްކަތް ކުރާ ފަސް ވަރަކަށް މީހުންގެ ތެރެއިން އެކަކެވެ. އުމުރުން 16 އަހަރުން ފެށިގެން މިއަދާ ހަމައަށް ވެސް ކުނާ ވިޔުމުގެ ވުރަ, ކަވި މަސައްކަތުގައި ހަރަކާތްތެރިކަމާއެކު ފާއިޒާ އުޅެނީ, އެއަށްވުރެ ގަޔާވާ އެހެން މަސައްކަތެއް ނެތީމަ އެވެ.

"އެންމެ ކުރާ ހިތްވާ ކަމަކީ މިކަން, އެހެން ކަންކަން ވެސް ދަސްކުރިން, އެކަމަކު މިކަން އެންމެ ކުރާ ހިތްވަނީ އާމްދަނީ ވެސް ރަނގަޅު, އެންމެ ފަހު ވަގުތާ ހަމައަށް ވެސް އަތުން ކުރެވޭ ކަމަށްވާނަމަ މި މަސައްކަތް ކުރާނަން," ފާއިޒާގެ އަޒުމާއި އުއްމީދު އޭނާ ހިއްސާ ކުރި އެވެ.

ފުރާވަރުގައި މަންމަ ކައިރީގައި އިނދެގެން ދަސްކުރި ކުނާ ވިޔުމުގެ މަސައްކަތުން ފާއިޒާ ވަނީ ފަހުރުވެރި އެތައް ކާމިޔާބީތަކެއް ހޯދާފަ އެވެ. އަތްތެރި މަސައްކަތުގެ ދާއިރާއިން 2016 ވަނަ އަހަރު ގައުމީ އިނާމް ހާސިލްކޮށްފައިވާއިރު, ކުނާ ވިޔުން 'އިންޓަނޭޝަނަލް' ކުރުމުގެ ފުރުސަތު ވެސް ފާއިޒާ ލިބުނެވެ. އެގޮތުން ރާއްޖޭގެ ސަގާފަތާއި ފަންނެވެރިކަން ދައްކާލުމަށް ބޭރުގައި ބޭއްވި ފެއާތަކުގައި އޭނާގެ ކަވި މަސައްކަތް ވަނީ ދައްކާލާފަ އެވެ.

ވިޔާހަރެއްގައި ފާއިޒާ ކުނާ ވިޔުމުގެ މަސައްކަތް ކުރަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
ވިޔާހަރެއްގައި ފާއިޒާ ކުނާ ވިޔުމުގެ މަސައްކަތް ކުރަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ވިޔާހަރެއްގައި ފާއިޒާ ކުނާ ވިޔުމުގެ މަސައްކަތް ކުރަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ފާއިޒާ ގަބޫލުކުރާ ގޮތުގައި ކުނާ ވިޔުމަކީ ދިވެހީންގެ ފަންނުވެރިކަން ދިރުވުމުގެ އިތުރުން އާމްދަނީ ހޯދުމަށް ވެސް ރަނގަޅު މަސައްކަތެކެވެ. އެމީހަކަށް ފަސޭހަ, ބޭނުން ގަޑިއެއްގައި ކުނާ ވިޔުމުގެ މަސައްކަތް ކުރެވޭނެއިރު, އެއް ކުނަލުން ވެސް ރަނގަޅު އާމްދަނީއެއް ވަންނާނެ އެވެ. އެގޮތުން, އެއް ފޫޓް އެއް ފޫޓްގެ ކުނަލަކުން ވެސް 1,000 ރުފިޔާ ލިބޭނެ އެވެ. އޭގެ އިތުރުން 5,000 ރުފިޔާ އާއި 7,000 ރުފިޔާއަށް ވިއްކާލެވޭ ވަރުގެ ކުނާތައް ވެސް ފާއިޒާ ވިޔެވެ.

ނަމަވެސް, މިއިން ކޮންމެ ކުނަލަކީ ވެސް ވަރަށް ބުރަ, ކަވި މަސައްކަތެއް ނަތީޖާ އެވެ. ކުނަލެއް ވިޔުމަށް އާންމުކޮށް 15-20 ދުވަސް ހޭދަވާނެ ކަމަށް ފާއިޒާ ބުނެ އެވެ. އެއީ, ކޮންމެ ދުވަހަކު ވެސް އެކަމުގައި ހައެއްކަ ގަޑިއިރު ހޭދަކޮށްގެންނެވެ. ނަމަވެސް, ފާއިޒާގެ ކަންބޮޑުވުމަކީ އެމީހުން ވިޔާ ކުނާތައް މާކެޓް ކުރާނެ ފަސޭހަ ގޮތެއް ނެތުމެވެ. އަދި, މި މަސައްކަތް ދަސްކުރާ ޒުވާނުން މަދުވުމެވެ.

"މި ރަށަށް ބަލާއިރު ވެސް އަޅުގަނޑަށްވުރެ އުމުރުން ހަގު އުޅޭނީ އެންމެ މީހެއް ކުނާ ވިޔާ, ދެން މުޅީން ވެސް ދުވަސްވީ މީހުން މިކަމުގައި މި އުޅެނީ, އެހެންވެ މިހާ ލޯބިވާ މަސައްކަތެއް އުވިގެން ގޮސްދާނެތީ ވަރަށް ދެރަވޭ, އެކަމަކު ރަނގަޅު ގޮތުގައި މާކެޓް ކުރެވޭނެ ގޮތެއް ވެއްޖެއާ ދަސްކުރާ ކުދިން ގިނަ ވާނެ ކަމަށް ގަބޫލުބ ކުރެވޭ," ފާއިޒާ ބުންޏެވެ.

ފާއިޒާ: ކުނާ ވިޔުމުގެ ފަންނުވެރިކަމަށް ގައުމީ އިނާމް ވަނީ ލިބިފައި ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
ފާއިޒާ: ކުނާ ވިޔުމުގެ ފަންނުވެރިކަމަށް ގައުމީ އިނާމް ވަނީ ލިބިފައި ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ފާއިޒާ: ކުނާ ވިޔުމުގެ ފަންނުވެރިކަމަށް ގައުމީ އިނާމް ވަނީ ލިބިފައި ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އެކިއެކި ޑިޒައިންތައް ހިތު ދަސް ފާއިޒާ ތަފާތު ވައްތަރުގެ ކުނާތައް ވިޔެ އެވެ. އެގޮތުން, ގޮނޑީ ކުނަލާއި މުސައްލަ ކުނަލަކީ އެންމެ ގިނައިން ވިޔާ ކުނާތެކެވެ. އޭގެ އިތުރުން އެންމެ މޮޅު ކުނާ, ކަރުދާސް ކުނާ ވިޔަން ވެސް ފާއިޒާ ހުރީ ދަސްކޮށްގެންނެވެ. އޭނާގެ އަމާޒަކީ މަންމަގެ ފަރާތުން ވާރުތަވި މަސައްކަތް ޖީލުތަކަށް ދޫކޮށްލުމެވެ. އެހެންވެ, މިހާރު ވެސް އެކިއެކި ވޯކްޝޮޕްތައް ހިންގައި ކުދިންނަށް ގެންދަނީ މަސައްކަތް ދަސްކޮށްދެމުންނެވެ. ފިޔޯރީ އާއި ފުވައްމުލަކުގައި އޭނާ އެކަން ކުރި އެވެ.

ވަރަށް ބުރަ, ކަވި ފަންނެއް

ކުނާ ވިޔުމުގެ މަސައްކަތަށް އެންމެ ފުރަތަމަ ދަނީ ހައިގަހު ދަނޑަކަށެވެ. އެފަދަ ދަނޑުތައް މިހާރު ގައްދޫ ނެތެސް, ކައިރި ގަމުގައި ވަރަށް ގިނައިން އޮވެ އެވެ. އެ ގަސްތަކުން ރޯހައި ކަނޑައިގެން އައިސް އެ އަވީގައި އަދި ފިނީގަ ބަހައްޓައިގެން ހިއްކަ އެވެ. އެއްގޮތަކަށް ވެސް ފެން ނުޖައްސައި, ހައި ހިއްކުމަށްފަހު ކުނާ ވިޔުމަށް ހައި އެއްކޮށް, މޮޅު ރީތި ހައިތައް ހޮވަނީ އެވެ.

ސައުދިއްޔާ މޫސާ ވަކައިން ރޮދި އަޅަނީ: މިކަން ކުރާ މީހުން ވެސް މަދު - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ކުނާ ވިޔުމަށްޓަކައި ދެން ހޯދާ އެއްޗަކީ ދިއްގާ ގަހުގެ ވަކައިން އަޅާ ރޮއްޖެކެވެ. އެ ރޮދި އަޅާ މީހުން ވެސް ގައްދޫގައި މަދެވެ. އާންމުކޮށް މިހާރު ބޭނުން ކުރަނީ ރާއްޖޭން ބޭރުން އެތެރެކުރާ ރޮއްޖެވެ. އެކަމަކު, ގައްދޫ ސައުދިއްޔާ މޫސާއަކީ އަދިވެސް, ވަކައިން ރޮދި އެޅުމުގައި ކުޅަދާނަ މީހެކެވެ. އޭނާގެ އަތުން އަޅާލައި ރޮދިން ފައިޒާ ވެސް ކުނާ ވިޔެ އެވެ.

ކުނާ ވިޔުމަށް ބޭނުން ކުރާ ރޮދި އަޅަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
ކުނާ ވިޔުމަށް ބޭނުން ކުރާ ރޮދި އަޅަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ކުނާ ވިޔުމަށް ބޭނުން ކުރާ ރޮދި އަޅަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އެކިއެކި ޑިޒައިންތަކުގެ ކުނާ ވިޔުމަށްޓަކައި, ހައި ގައި ކުލަ ޖައްސަން ޖެހެ އެވެ. މިއީ ވެސް އާދައިގެ މަސައްކަތެއް ނޫނެވެ. އެކަމަކު ދިވެހިންގެ ފަންނުވެރިކަން ވަރަށް ބޮޑަށް ބުނެދޭ ބުރަ މަސައްކަތެކެވެ. މިގޮތުން, އެންމެ ބުރަ މަސައްކަތެއް ކުރަނީ ހައި ގައި ކަޅު ކުލަ ޖެއްސުމެވެ.

ހައި ގައި ކުލަ ޖެއްސުމަށް ފެންގަނޑު ކައްކަނީ: ކަޅު ކުލަ ޖެއްސުމަކީ ބުރަ ކަމެއް - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ހައި ގައި ކަޅު ކުލަ ޖެއްސުމަށްޓަކައި ބޭނުން ކުރަނީ އުނި ގަހުގެ ރޯ ތޮއްޓާއި ކާނި ގަހުގެ ރޯ ފަތާއި ކާށި ފެން, ގަޑުއަޅި, އަދި ދަގަނޑެވެ. ހައި ގައި ކަޅު ކުލަ ޖެއްސުމަށް ކާށިފެނަށް ދަގަނޑު އަޅަ އެވެ. މިއަށް ކިޔާ އުޅެނީ ދަގަނޑު ރާ އެވެ. މި ފެން އެކި ގޮތްގޮތަށް ހައި އަޅައިގެން ކައްކަ އެވެ. އެގޮތަށް ކުރާ މަސައްކަތުން ހައި ގައި ކަޅު ކުލަ ޖެހެން މަހެއްހާ ދުވަސް ނަގަ އެވެ.

ހައި ގައި ރީނދޫ ކުލަ ޖައްސަނީ ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
ހައި ގައި ރީނދޫ ކުލަ ޖައްސަނީ ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ހައި ގައި ރީނދޫ ކުލަ ޖައްސަނީ ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ކުނާ ވިޔުމުގައި ދެން އެންމެ އާންމު ކުލައަކީ ރީދޫކުލަ އެވެ. މި ކުލަ އުފައްދަން އެންމެ ފުރަތަމަ ހޯދަނީ އަހި ގަހުގެ މުލެވެ. އެ މުލާއި ރީނދޫ އަދި ހީނާ ފަތް އަޅައިގެން މޫދު ލޮނުގައި ކައްކަ އެވެ. އެއަށްފަހު އެއަށް ހައި އަޅައިގެން ކުލަ ޖައްސުވަ އެވެ. ދެން ހައިތައް އަވީގައި ނުޖައްސައި ހިއްކުމުން ހުންނާނީ ރީއްޗަށް ރީނދޫ ކުލަ ހިފާފަ އެވެ.

ހައި ގައި ކުލަ ޖައްސާފައި-  ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
ހައި ގައި ކުލަ ޖައްސާފައި- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ހައި ގައި ކުލަ ޖައްސާފައި- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ހަމައެކަނި އަހި ގަހު މޫ ބޭނުންކޮށްގެން މުށި ކުލަ ވެސް ހައި ގައި ޖައްސަ އެވެ. ދެން ކުނާ ވިއުމަށް ބޭނުން ކުރަނީ ހުދު ކުލައިގެ ހައި އެވެ. އެއީ, ހައި ހިއްކުމުން އެއަށް އަންނަ ތޮބީއީ ކުލަ އެވެ.

މިހެން ކުލަ ޖައްސައި, ހިއްކާ ހައި އެއް އަހަރެއްހާ ދުވަހަށް ވެސް ރައްކާކޮށްގެން ގެންގުޅެވެ އެވެ.

ވިޔާހަރުގައި ކުނާ ވިޔުމުގެ މަސައްކަތް ކުރަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
ވިޔާހަރުގައި ކުނާ ވިޔުމުގެ މަސައްކަތް ކުރަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ވިޔާހަރުގައި ކުނާ ވިޔުމުގެ މަސައްކަތް ކުރަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ހައި ގައި ބޭނުންވާ މިންވަރަށް ކުލަ ޖައްސައި ނިންމުމުން ދެން އޮންނާނީ ކުނާ ވިޔުމުގެ މަސައްކަތެވެ. އެގޮތުން, އެންމެ ފުރަތަމަ ވަކައިން އެޅި ރޮދި, ވިޔާހަރުގައި ފުރަ އެވެ. ވިޔާހަރުގައި އެމީހަކު ކުނާ ވިޔަން ބޭނުންވާ ފުޅާ އަދި ދިގު މިނެއްގައި ރޮދި ފުރޭނެ އެވެ.

ކުނާއެއް ވިޔަނީ: މިއީ ކަވި މަސައްކަތެއް - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
ކުނާއެއް ވިޔަނީ: މިއީ ކަވި މަސައްކަތެއް - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ކުނާއެއް ވިޔަނީ: މިއީ ކަވި މަސައްކަތެއް - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އެއަށްފަހު އެކި ކުލަކުލައިގެ ހައިތައް ނަގައިގެން އެމީހަކު ބޭނުންވާ ޑިޒައިނަކަށް ވިޔާހަރުގައި ކުނާ ވިޔަން ފަށަނީ އެވެ. މިގޮތަށް ކުނާ ވިޔުމަށް ގެންގުޅޭ ޑިޒައިންތައް ހުންނަނީ އެކަން ކުރާ މީހުންގެ ހިތު ދަސްކޮށްފަ އެވެ.

މިގޮތަށް މޮޅު ހައި ގައި ވިޔެފައި ހުންނަ ކުނާތައް ގިނަ އަހަރުތަކަކަށް ވީރާނާނުވެ ހުރެ އެވެ. ކުލައަށް ވެސް އެއްވެސް ބަދަލެއް ނާދެ އެވެ. މިއީ ދިވެހިންގެ މޮޅު އަދި ކުޅަދާނެ ފަންނުވެރިކަމެވެ.

ނާޒިމް ހަސަން

އެސޯސިއޭޓް އެޑިޓަރ

ނާޒިމް ހަސަން އަކީ ޝަރުއީ އަދި ގާނޫނީ ދާއިރާގެ ހަބަރުތައް ކަވަރުކުރުމުގައި މިހާރު ހުރި އެންމެ ހުނަރުވެރި އެއް ނޫސްވެރިޔާ އެވެ. އޭނާ ވަނީ މީޑިއާ ކައުންސިލްގެ ނޫސްވެރިކަމުގެ އިނާމް ދެ ފަހަރެއްގެ މަތިން ހާސިލްކޮށްފަ އެވެ. ކޮމިއުނިޓީ ނޫސް ކުޅުދުއްފުށީ އޮންލައިނުން ކެރިއަރު ފަށައި އޭނާ ވަނީ ކުރިން "ވަގުތު"، "އަވަސް" އަދި "ޖަޒީރާ" ގައި މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox