މެޑްރިޑް (މާޗް 9) - ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ބުރުގެ ދެ ވަނަ ލެގުގައި މިރޭ ޕީއެސްޖީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑް ނުކުންނައިރު، މިރޭގެ މެޗުގައި އެ ޓީމުގެ ސަޕޯޓަރުން ބޭނުންވާ ކުޅުން ފެންނާނެ ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.
ޕީއެސްޖީގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު 1-0 އިން އެ ޓީމުގެ ކާމިޔާބުކުރީ މެޗުގެ އިތުރު ވަގުތުގައި ކިލިއަން އެމްބާޕޭ ޖެހި ލަނޑުންނެވެ.
މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އަންޗެލޮޓީ ބުނީ މުހިންމު މެޗަކަށް ނުކުންނައިރު، އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި ކުޅުމަކީ ލިބޭ އިތުރު ހިތްވަރެއް ކަމަށެވެ. އަދި މެޗުގައި ސަޕޯޓަރުން ބޭނުންވާ ކުޅުން ރެއާލްގެ ފަރާތުން ފެންނާނެ ކަމަށެވެ.
" މިކަހަލަ މެޗެއްގެ ނަތީޖާ ބިނާވާނޭ ވަރަށް ގިނަ ކަންތައްތަކަކާ. އޭގެ ތެރެއިން އެއް ކަމަކީ ސަޕޯޓަރުންގެ ފަރާތުން ލިބޭ ހިތްވަރު. ޓީމު އޮތީ ވަރަށް ރަނގަޅަށް. ރެއާލްގެ އެންމެ ރަނގަޅު ކުޅުން މިރޭ ފެންނާނެކަމުގެ ޔަގީންކަން އެބައޮތް،" އަންޗެލޮޓީ ބުންޏެވެ.
މި މެޗަށް ނުކުންނައިރު ރެއާލްގެ މުހިންމު މިޑްފީލްޑާރު ކަސިމޭރޯ ހުރީ ސަސްޕެންޝަންގަ އެވެ. އަދި އަނިޔާގެ ސަބަބުން ޓޯނީ ކްރޫސް ވެސް މިރޭގެ މެޗަށް ފިޓުވާނެކަމުގެ ޔަގީންކަމެއް ނެތެވެ.
އަންޗެލޮޓީ ބުނީ މިރޭގެ މެޗުގައި ކަސިމޭރޯ އަށް ނުކުޅެވުމަކީ ޓީމަށް ލިބޭ ވަރަށް ބޮޑު ދެރައެއް ކަމަށެވެ.
"ޑިފެންސިވްކޮށް ވިސްނާއިރު، ކަސިމޭރޯ އަކީ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެއް. އެކަމަކު އޭނާގެ ބަދަލުގައި މިރޭ ކުޅެންއަރާ ކުޅުންތެރިޔާ، ކަސިމޭރޯ ނެތްތަން ފޫބައްދާނެކަމުގެ ޔަގީންކަން އެބައޮތް،" އަންޗެލޮޓީ ބުންޏެވެ.
ރެއާލާއި އޭސީ މިލާނަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފައިވާ އަންޗެލޮޓީ ބުނީ ޕީއެސްޖީގައި ދުނިޔޭގެ ފެންވަރުގެ ފޯވަޑުންތަކެއް ތިބިއިރު، ވަކި ކުޅުންތެރިއަކަށް ހާއްސަ ސަމާލުކަމެއް ނުދޭނެ ކަމަށެެވެ.
"އެއް ޔުނިޓެއްގެ ގޮތުގައި ކުޅެގެން، ބޯޅަ އޮތަސް ނެތަސް، ރަނގަޅު އިންޓެންސިޓީއެއްގައި ކުޅެ، މަސައްކަތުގެ ރޭޓް ރަނގަޅުކުުރުމަކީ އެންމެ މުހިންމު ކަންތައް،" އަންޗެލޮޓީ ބުންޏެވެ.
މެޑްރިޑް ދަނޑުގައި މިރޭ ޕީއެސްޖީއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 1 ޖަހާއިރު އެވެ.












