ކުޅުދުއްފުށީ މަގުތައް ތަރައްގީކުރުމުގެ ފޭސް ދޭއްގެ މަސައްކަތްތައް މިއަދު ރަސްމީކޮށް ފަށައިފި އެވެ.
ޑިޒައިން އެންޑް ބިލްޑްގެ އުސޫލުން މި މަސައްކަތްކުރުމަށް ހަވާލުކޮށްފައި ވަނީ ސަރުކާރުގެ މަގު ހެދުމަށް ހާއްސަ ކުންފުނި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުންނެވެ.
މިއަދު ހަވީރު މި މަޝްރޫއު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކާއި، ކުޅުދުއްފުށީގެ ދެ މެމްބަރުން ކަމަށްވާ ޔާސިރު އަބްދުއްލަތީފާއި، ޖަމްޝީދު މުހައްމަދުގެ އިތުރުން އެ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ބައިވެރިވެވަޑައިގެންނެވި އެވެ.
މި މަޝްރޫއުގެ ދަށުން ކުޅުދުއްފުށީގެ 23 މަގެއް ޒަމާނީ ފެންވަރަށް ތަރައްގީކުރާނެ އެވެ. އޭގެ ތެރޭގައި މަގު ބައްތި ހަރުކުރުމާއި، މަގު ބައްތިއަށް ބޭނުންވާ ކަރަންޓު ކޭބަލް އެޅުން ވެސް ހިމެނެ އެވެ.
ޕްލޭނިން މިނިސްޓްރީން އެ ކުންފުންޏާ މި މަޝްރޫއު ހަވާލުކޮށްފައި ވަނީ 510 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ފެބްރުއަރީ 25، 2021 ގަ އެވެ. މިއީ ދައުލަތުގެ ބަޖެޓުން 100،700،048.5ރ. ހަރަދުކޮށްގެން ކުރިޔަށްގެންދާ މަޝްރޫއެކެވެ.

އާރުޑީސީން މިހާރު ވެސް އަންނަނީ ރާއްްޖޭގެ އެކި ރަށްރަށުގައި މަގު ހެދުމުގެ މަޝްރޫއުތައް ކުރިޔަށްގެންދަމުންނެވެ. އޭގެ ތެރޭގައި، ގދ. ގައްދޫ، އދ. މާމިގިލި، މ. މުލައް، ރ. ހުޅުދުއްފާރު އަދި ޅ. ހިންނަވަރު ހިމެނެ އެވެ.











