ލަންޑަން (މާޗް 8) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ 5-0 އިން އެވަޓަން ބަލިކޮށް ޓޮޓެންހަމް ހޮޓްސްޕާސް އިން ހިތްހަމަަޖެހުމެއް ހޯދައިފި އެވެ.
ރޭގެ މޮޅާ އެކު ޓޮޓެންހަމް ހަތް ވަނައިގައި އޮތީ 26 މެޗުން 45 ޕޮއިންޓާ އެކު އެވެ. ހަ ވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑަށް 28 މެޗުން 45 ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 28 މެޗުން ވަނީ 47 ޕޮއިންޓް ލިބިފަ އެވެ. އާސެނަލުން ހަތަރު ވަނަ އަށް އެރީ މި ހަފްތާގެ މޮޅާ އެކު 25 މެޗުން 48 ޕޮއިންޓް ހޯދައިގެންނެވެ.
އެންޓޯނިއޯ ކޮންޓޭ، ޓޮޓެންހަމްގެ ކޯޗުކަމާ ހަވާލުވި ފަހުން ވެސް އެ ޓީމުގެ ކަންކަމަށް ހައްލެއް ނުލިބި އޮތް ސަބަބަކީ ދެމެހެއްޓެނިވި ގޮތެއްގައި ނަތީޖާ ނުނެރެވޭތީ އެވެ. އެހެންވެ، ޓޮޓެންހަމްގައި ހުރި މައްސަލަތަކަށް ހައްލު ހޯދަން ވަގުތު ނަގާނެ ކަމަށް އޭނާ ވަނީ މީގެ ކުރިން ބުނެފަ އެވެ. ރޭގެ މެޗުން ލިބުނު ބޮޑު މޮޅަށް ފަހު ކޮންޓޭ ބުނީ ރަނގަޅު މިސްރާބަށް ދާން ފަށައިގަންނަން މި މޮޅުގެ ބޭނުން ހިފިދާނެ ކަމަށެވެ.
ރޭ ޓޮޓެންހަމް އިން ލީޑުނެގީ 14 ވަނަ މިނިޓްގައި އެ ޓީމުގެ ރަޔާން ސެސެންޔޯން ނެގި ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި އެވަޓަންގެ ކައިކަލް ކީން އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. އޭގެ ދެ މިނިޓް ފަހުން ޓޮޓެންހަމުން ލީޑުފުޅާކުރީ ޑޭޖާން ކުސުލެވްސްކީ ދިން ބޯޅަ އަކުން ސޮން ހެއުން މިން ޖެހި ގޯލުންނެވެ. އޭގެ ފަހުން ތިން ވަނަ ލަނޑެއް ޖަހަން ސޮން އަށް ލިބުމުން ފޮނުވާލި ބޯޅަ އެވަޓަން ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ މަތަކޮށްފަ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓޮޓެންހަމުން ތިން ވަނަ ގޯލެއް ޖެހި އެވެ. މި ގޯލަކީ މެޓް ޑޮހަޓީ ހުސްކޮށްލާފައި ދިން ބޯޅައަކުން ހެރީ ކޭން ޖެހި ގޯލެކެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން މިނިޓެއްގެ ތެރޭ ސާޖް ރެގީއޯން ވަނީ ޓޮޓެންހަމްގެ ހަަތަރު ވަނަ ގޯލެއް ޖަހައިފަ އެވެ. އޭގެ ފަހުން ކޭން އިތުރު ގޯލެއް ޖަހައި ޓޮޓެންހަމަށް ފަސް ގޯލު ހަމަކޮށްދިނެވެ.
މިއީ އެވަޓަންގެ ކޯޗުކަމާ ފްރޭންކް ލަމްޕާޑް ހަވާލުވި ފަހުން އެ ޓީމު އެންމެ ތަފާތު ބޮޑު ނަތީޖާ އަކުން ބަލިވި މެޗެވެ.












