ރަޝިޔާ ޔޫކްރެއިން ހަނގުރާމަ އިން ރާއްޖެ އަށް 'އަނިޔާ'

މާލޭގެ މަގެއް: ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ މަދުވެ، ވިޔަފާރިތަކަށް އަސަރު ކުރާނެ -- ފޮޓޯ އަދަދު

މާލޭގެ މަގެއް: ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ މަދުވެ، ވިޔަފާރިތަކަށް އަސަރު ކުރާނެ -- ފޮޓޯ އަދަދު

ރާއްޖެ އާ ހަތް ހާސް ވަރަކަށް ކިލޯ މީޓަރު ދުރުގައި އޮތް ދެ ގައުމުގެ މެދުގައި ހިނގާ ހަނގުރާމަ އެކެވެ. މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ރަޝިޔާ އިން ޔޫކްރެއިން އަށް އަރާ ދެމުން ގެންދާ ހަމާލާ ތަކެކެވެ. ހަނގުރާމަ އަށް ފަނަރަ ވަރަކަށް ދުވަސް ފާއިތުވިއިރު، މި ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އަސަރުކުރަން ވަނީ ފަށައިފަ އެވެ.

ރަޝިއާ އަކީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމު

މި ހަނގުރާމަ ރާއްޖެ އަށް އެންމެ މުހިންމުވާ ސަބަބަކީ، ރަޝިޔާ އަކީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމަށް ވުމެވެ. ޔޫކްރެއިން އަކީ ވެސް ފާހަގަ ކުރެވޭ މިންވަރަކަށް ރާއްޖެ އަށް ޓޫރިސްޓުން ފޮނުވާ ގައުމެކެވެ. ހަނގުރާމަ ފެށިއިރު، ރަޝިޔާގެ 8،000 ޓޫރިސްޓުންނާއި ޔޫކްރެއިންގެ 750 ޓޫރިސްޓުން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ގެންދިޔަ އެވެ.

ރަޝިޔާ އިން ޔޫކްރެއިން އަށް އެރުމަކީ އެއްވެސް ގައުމަކުން ތާއީދު ކުރާ ކަމެއް ނޫނެވެ. ހަނގުރާމަ އާ ގުޅިގެން އެންމެ ބޮޑު ކަނބޮޑުވުމަކަށް ވީ، ރަޝިއާ އާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅައިފިނަމަ، ރާއްޖޭގެ ޓޫރިޒަމަށް ކުރާނެ ނޭދެވޭ އަސަރެވެ.

Advertisement

"ޔޫކްރެއިން އިން އަންނަ ޓޫރިސްޓުންގެ އަދަދަށް ވަރަށް ބޮޑަށް އަސަރު ކޮށްފި، ރަޝިޔާ އިން އަދި ބަދަލެއް ފާހަގައެއް ނުކުރެވޭ، އެކަމަކު ފިޔަވަޅު އަޅައިފިއްޔާ ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ބެލެވޭ،" ފެބްރުއަރީ 27 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގަ ބުނެފައިވެ އެވެ.

އަގު ބޮޑެތި ލަގްޒަރީ ޔޮޓްތައް ފަދަ، ރަޝިއާގެ މަހުޖަނުންގެ މުދާ އެހެން ގައުމުތަކުން ވަނީ ހިފަހައްޓަން ފަށައިފަ އެވެ. ރަޝިޔާ މީހުން އެހެން ގައުމުތަކަށް ގޮސް އުޅުމުގައި ދަތިވާނެ ގޮތަށް، ވީސާ އާއި މާސްޓާ ކާޑްގެ ހިދުމަތްތައް ނުލިބޭ ގޮތް އެ ދެ ކުންފުނިން ހަދައިފި އެވެ. ރަޝިޔާ އިން ޔޫކްރެއިން އަށް އެރުމާ ގުޅިގެން ކުރިމަތިވާ ޕްރެޝަރުގައި އެއިރޯފްލޮޓް އެއާލައިން އިން ވަނީ ބައިނަލްއަގުވާމީ ދަތުރުތައް ހުއްޓާލައިފަ އެވެ. އެއީ ހަފުތާ އަކު 14 ޕްލައިޓުގަ، ފަސް ހާހެއްހާ ޓޫރިސްޓުން ރާއްޖެ އަށް އުފުލާ އެއާ ލައިނެވެ.

ރަޝިޔާގެ ޓުއަ އޮފާރޭޓަރުންގެ އެސޯސިއޭޝަނުން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރު ދިހަ މިލިއަނަށްވުރެ ގިނަ މީހުން އެ ގައުމުން ބޭރަށް ޗުއްޓީ ހޭދަކުރުމަށް ދަތުރުކޮށްފައިވެ އެވެ. ޓޫރިސްޓުންގެ ދަތުރުތައް ދިރާސާކުރާ ކުންފުންޏެއް ކަމަށްވާ، ފޯވާޑްކީސް އިން ބުނެފައިވާ ގޮތުގައި ހަނގުރާމަ ފެށުމުގެ ކުރިން، ކޮވިޑްގެ ކުރީގެ ހާލަތަށްވުރެ 32 ޕަސެންޓް އިތުރަށް، މާޗް، އެޕްރީލް އަދި މޭ މަހަށް، ރަޝިޔާ މީހުން ފްލައިޓް ބުކިން ހަދާފައިވެ އެވެ. އެންމެ ގިނައިން ދަތުރުކުރަން ނިންމާފައިވާ ގައުމުތަކުގެ ލިސްޓުގަ ރާއްޖެ ހިމެނެ އެވެ.

ރަޝިޔާ އިން އަވައްޓެރި ޔޫކްރެއިން އަށް އެރުމާ ގުޅިގެން ހުރިހާ ކަމެެއް ވަނީ ބަދަލުވެފަ އެވެ. ހަނގުރާމާ އާއެއެކު ޗުއްޓީ ދަތުރުތައް ކެންސަލްކުރަން ފަށާފައިވާއިރު، ރާއްޖެ އަށް ކުރަން ރާވާފައިވާ ދަތުރުތައް ކެންސަލް ކުރާ ނިސްބަތް 165 ޕަސެންޓް އިތުރުވެފައިވާ ކަމަށް، ފޯވާޑްކީސް އިން ބުނެ އެވެ.

"ޓޫރިޒަމަށް ބަރޯސާވެފައިވާ ގައުމުތަކަށް، ރަޝިޔާ ޓޫރިސްޓުން ދިއުން ހުއްޓުމަކީ ވަރަށް ބޮޑު ބުރައަކަށް ވާނެ،" ސީއެންއެން ޓްރެވަލްސް އިން ބުނެފައިވެ އެވެ.

ރާއްޖެ އަކީ ހުރިހާ ގައުމުތަކާ އެކު ވެސް ހަމަހަމަ ގުޅުމެއް ބާއްވަމުން އަންނަ އަދި ބާއްވަން މަޖުބޫރު ގައުމެކެވެ. ރާއްޖޭގެ އިގްތިސާދަށް ރަޝިޔާ އަކީ މިވަގުތު ކިތަންމެ މުހިންމު ގައުމެއް ނަމަވެސް، އެ ވާހަކަ ދެއްކުމަކީ މިވަގުތު ކުރެވެން އޮތް ކަމެއް ނޫނެވެ. ޓޫރިޒަމް މިނިސްޓްރީން ވަނީ ރަޝިޔާ ހަނގުރާމައިގެ މައްސަލާގަ "ކޮމެންޓް" ކުރުން ހުއްޓާލައިފަ އެވެ.

ހަނގުރާމަ އިން ރާއްޖޭގެ އިގްތިސާދަށް ވާނީ ކޮން ގެއްލުމެއް

އދ. އޮމަދޫ އަކީ 1،100 އެއްހާ މީހުންގެ އާބާދީއެއް އޮތް 13 ގެސްޓު ހައުސް ހުންނަ ރަށެކެވެ. އެ ރަށުގައި މިވަގުތު އެންމެ ގިނައިން ޗުއްޓީ ހޭދަކުރަނީ ރަޝިޔާގެ ޓޫރިސްޓުންނެވެ. ރަށުގެ ކޮންމެ އާއިލާ އަކީ ވެސް ގެސްޓު ހައުސްގެ ވިޔަފާރި އާ ގުޅިފައިވާ އާއިލާ އެކެވެ. ރަޝިޔާގެ ޓޫރިސްޓުން އައުން ހުއްޓިއްޖެނަމަ، ގެއްލުން ވާނީ ގެސްޓުހައުސް ތަކަށް އެކަންޔެއް ނޫނެވެ. ލޯންޗު ދަތުރުކޮށްދޭ ފަރާތްތަކާއި ފިހާރަ ތަކާއި ކެފޭ ތަކަށް އެ ގެއްލުން ފޯރާނެ އެވެ.

ރަޝިޔާ ޔޫކްރެއިން ހަނގުރާމަ އިން ރާއްޖޭގެ އިގްތިސާދަށް ކުރާން އަސަރު ތަފާތު ބޭފުޅުން ދިރާސާ ކުރައްވަ އެވެ. އަމިއްލަ ޝައުގުވެރި ކަމުގައި ދިރާސާ ކުރައްވާ އެއް ބޭފުޅަކީ އިގްތިސާދީ ދާއިރާ އިން ތައުލީމު ހާސިލްކޮށްފައިވާ އަޒްމީން ރަޝީދު އެވެ. އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި، ރަޝިޔާ ޓޫރިސްޓުން މަދުވާ މަދުވުން، އެހެން ގޮތަކުން ފޫ ނުބެއްދިއްޖެ ނަމަ އެކަމުގެ ގެއްލުން މުޅި އިގްތިސާދަށް ފޯރާނެ އެވެ.

"ރަޝިޔާ މީހުން ރާއްޖޭގައި ހިންގާ ރިސޯޓްތަކަށް ގެއްލުންވެ އަދި ރަޝިޔާގެ އިންވެސްޓަރުން އައުމަށް މަޑު ޖެހުމަކަށް ވާނެ. އަދި ހަނގުރާމަ އާ އެކު ތެލުގެ އަގު ބޮޑުވެގެން ދިއުމަކީ ރިހޭ ފައި މައްޗަށް ފޮއި ވެއްޓުން،" އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 ގެ ހާލަތުން މުޅިން އަރައި ނުގަނެވި އުޅެނިކޮށް، ތެލުގެ އަގު ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ވެސް ނުދާ މިންވަރަށް އުފުލިގެން ދިއުމަކީ ހިދުމަތް ތަކާއި ތަކެތީގެ އަގު ބޮޑުވެގެން ދާނެ ސަބަބެއް ކަމަށް އަޒްމީން ވިދާޅުވި އެވެ.

"މިކަމުން އިންޕްލޭޝަން އަންނާނެ، ތަކެތީގެ އަގު ބޮޑުވާނެ، ޕްރައިޓާއި ޝިޕިންގެ އަގު ބޮޑުވުމުން ވެސް މުދަލުގެ އަގު އެބަ ބޮޑުވޭ، ބޭރު ފައިސާ ލިބުން ދަތިވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލިގެން ދިއުމުގެ ސަބަބުން ވެސް ތަކެތީގެ އަގަށް ބަދަލު އަންނާނެ،" އޭނާ ވިދާޅުވި އެވެ.

އަޒްމީން ވިދާޅުވި ގޮތުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު 118 ޑޮލަރުން މައްޗައް އަރާއިގެން ގޮސްފައި ވަނީ، ހަނގުރާމައިގެ ސަބަބުން އުފެދޭ ހީ ތަކުގެ މައްޗަށް ބިނާވެގެންނެވެ. އެ އަގަކީ ކުރިއަށް އޮތް ތަނުގައި ވަކި ވަރެއްގައި ހަމަޖެހި ދަށަށް ދާނެ އަގެއް ކަމަށް އޭނާ ލަފާ ކުރައްވަ އެވެ.

"އަގު ބޮޑުވެގެން މި އުޅެނީ ހީކުރުން ތަކުގެ މައްޗަށް ބިނާ ކޮށް، ތެޔޮ އަގު ބޮޑުވުމުން ރަޝިޔާ އަށް ކުރާނީ ފައިދާ، އެއީ ތެރޮ ބޭރުކުރާ ގައުމެއް ވީމަ، ތެލުގެ އަގު ދަށަށް ދާނެ، އަޒްމީން ވިދާޅުވި އެވެ. "ތެލުގެ އަގު ބޮޑުވީމަ، ޓެކްސީ ޑްރައިވަރުން ވިސްނަން ވާނީ އިތުރު އެއް ގަޑިއިރު މަސައްކަތް ކުރަން، ދަތުރު އަގު ބޮޑު ކުރުމަކީ ހައްލެއް ނޫން."

އޭނާ ވިދާޅުވި ގޮތުގައި ޓޫރިސްޓުން މަދުވާނަމަ ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ މަދުވެ، ހިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރަށް ބުރަ ބޮޑުވެގެން ދާނެ އެވެ. އެހެން ކަމުން ސަރުކާރުން، ހަރަދު ކުޑަކޮށް އުފެއްދުންތެރި ކަމަށް ހަރަދުކުރުމަށް އިސްކަން ދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެެވެ.

"ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލިބޭ އާމްދަނީ ވެސް މަދުވެގެން ދާނެ، ދައުރުވާ ފައިސާ މަދުވުމަކީ އިގްތިސާދު ހުއްޓުމަކަށް އަންނާނެ ކަމެއް، އެހެން ކަމުން އިގްތިސާދު ނުހުއްޓި ކުރިއަށް ގެންދިއުމަށް މި ދަނޑިވަޅު ސަރުކާރުން އިސްކަން ދޭންޖެހޭނެ،" އަޒްމީން ވިދާޅުވި އެވެ. "އަދި މިއީ ހާއްސާވެގެން ފިޔަވަޅުތަކެއް އަޅަން ޖެހޭ ވަގުތެއް ނޫން، އެކަމަކު ސަރުކާރުން އިންޕްލޭޝަން އާ މެދު ވިސްނަން ޖެހޭ."

ރާއްޖޭގެ އިގްތިސާދަށް އަބަދުވެސް ކުރިމަތިވާ އެންމެ ބޮޑު ނުރައްކަލަކީ، ޓޫރިޒަމަށް އެކަނި ބަރޯސާވެފައިވާ އޮތުމުގެ ގެއްލުމެވެ. އަމިއްލަ ފުދުންތެރިކަން އިތުރުކޮށް، އިގްތިސާދު ވަރުގަދަކުރަން ޖެހޭކަން މާޒީގަ ކުރިމަތިވި ގޮންޖެހުންތައް ބުނެދީފި އެވެ. ރާއްޖޭގެ އިގްތިސާދަށް ކުރާ ކޮންމެ ކަމެއްގެ އަސަރު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފިލާދާ ކަމީ އޮތް ހިތްހަމަ ޖެހުމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox