ރިޕޯޓު"އަންހެނުންނަށް ވާނެ": ފުރިހަމަ މިސާލު ގައްދޫގެ މަގުމަތިން!

"އަންހެނުންނަށް ވާނެ": ފުރިހަމަ މިސާލު ގައްދޫގެ މަގުމަތިން!

ޒުހުރާއްތަ ވެސް ޒަބީހާއްތަ ރަށު ތަރައްގީއަށް ހިންގާ ބޮޑު މަޝްރޫއުއެއްގައި އަމަލީ ގޮތުން ބައިވެރިވާން ފުރުސަތު ލިބޭތީ އެ ތިބީ ނުހަނު ހިތްހަމަޖެހިގެންނެވެ. އެމީހުން ކޮންމެ ދުވަހަކު މަސައްކަތް ނިންމައި ގެއަށް ވަންނަނީ އެ ހިތްހަމަޖެހުމާއެކު ނުވާނެއޭ ބުނާ މީހުންނަށް ގޮންޖަހަމުންނެެވެ.

ގައްދޫ މަގުހަދާ ސައިޓްގައި މަސައްކަތް ކުރާ ތިން އަންހެނުން: ތިން މީހުން ވެސް ބުނަނީ އަންހެނުންނަށް ވާނެ ކަމަށް ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
ގައްދޫ މަގުހަދާ ސައިޓްގައި މަސައްކަތް ކުރާ ތިން އަންހެނުން: ތިން މީހުން ވެސް ބުނަނީ އަންހެނުންނަށް ވާނެ ކަމަށް ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ފަތިސް ނަމާދަށް ބަންގި ގޮވުމާއެކު މަރިޔަމް ޒުހުރާ, 66 ،(ޒުހުރާއްތަ) އަށް ދުވަސް ފެށިއްޖެ އެވެ. ގޭ ދޮރުމަތި ކުނި ކަހައި, އެންމެންނަށް ހެނދުނުގެ ސައި ތައްޔާރުކޮށްފި އެވެ. އަތްމަތި އަވަސްކުރުމާ އެކު 8:00 އަށް ގޭތެރޭ މަސައްކަތްތައް އޭނާ ނިންމި އެވެ. ދެން ގަޔަށް އެ ހެޔޮވަރުކޮށްލީ ޖެކެޓެކެވެ. ބޮލުގައި އެ އަޅާލީ ތޮއްޕެކެވެ. މަޑު ހިނގުމެއްގައި މިސްރާބު ޖެހީ ގދ. ގައްދޫގެ މަގު ހެދުމުގެ މަޝްރޫއު ކުރިއަށްދާ ސައިޓަށެވެ. ހެނދުނު އަށެއް ޖެހުމާއެކު އެއީ ޒުހުރާއްތައެއް ނޫނެވެ. އާރްޑީސީގެ ސަޕޯޓް ސްޓާފެވެ.

"މި ވަޒީފާއަށް ވަރަށް ކުރާ ހިތުން ނުކުތީ, މިއީ އަންހެނަކަށްވީމަ ނުވާވަރުގެ ކަމެއް ނޫން," މަސައްކަތަށް ދިޔަ މަގުމަތީ ޒުހުރާއްތަ އަހަރެމެން ކައިރީ ބުނެލީ މިހެނެވެ.

ޒުހުރާއްތަގެ ފަހަތުން އަހަރެންމެންނަށް ވެސް މަގުހެދުމުގެ މަޝްރޫއު ކުރިއަށްދާ އާރްޑީސީ ކުންފުނީގެ ސައިޓާ ހަމައަށް ފޯރި އެވެ. ގައްދޫގެ މަގުތަކުގައި ތާރު އަޅައި ތަރައްގީ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާއިރު, މަސައްކަތްތެރިން އަވަދިނެތި އެކަމުގައި އުޅެ އެވެ. އެއް ބަޔަކު ސައިޓް ތެރޭ މަސައްކަތްތަކުގައި ތިބިއިރު, އަނެއް ބަޔަކު މަގުމަތީގައި މަސައްކަތު އުޅެ އެވެ.

އެ ސައިޓާ ހަމައަށް ދެވުމާއެކު ވެސް އާންމުކޮށް ނުފެންނަ މަންޒަރެއް ލޮލުގައި އަޅައިގަނެ, ހުއްޓެވުނެވެ. އުނދެއްޔެއް ހިފާލައިގެން މަގުގެ ފަސްގަނޑު އެއްވަރުކުރަން އެހުރީ ޒަބީހާ މުހައްމަދު, 57 (ޒަބީހާއްތަ) އެވެ. އާންމުކޮށް އެ މަސައްކަތުގައި އުޅޭ ބިދޭސީންނާ އެއް ހަމައެއްގައި ފައިތިލަ ސާބިތުކޮށްގެންނެވެ. ހިނިތުންވުމާއެކު ޒަބީހާއްތަ އުދެލި ހިފާލައިގެން ހުރިއިރު މަސައްކަތުގެ ބުރަކަމެއް, މިކަމެއް ނުވާނެ ކަމުގެ އެއްވެސް އަސަރެއް މޫނުމަތީ ނެތެވެ.

ޒަބީހާއްތަ އުދެއްޔެއް ހިފައިގެން މަަސައްކަތުގައި: ވަޒީފާއަށް ނުކުތީ ކެރިގެން ވާނެކަން ސާބިތުކޮށްދޭން - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

"މިތަނަށް އައީ ދެއްކި ކޮންމެ މަސައްކަތެއް ވެސް ކުރަން, އަންހެނުން އާންމުކޮށް ނަޔަސް މަސައްކަތް ކުރާ ހިތުން ދައްތަ އައީ," ޒަބީހާއްތަ, މަގު ހެދުމުގެ މަސައްކަތަށް ނުކުތް ސަބަބު ބުނެދިނެވެ.

މީގެކުރިން ތަންތަން ކުނި ކަހައިގެން އާމްދަނީ ހޯދައި އުޅުނު ޒަބީހާއްތަ, އާރްޑީސީގެ ވަޒީފާއާމެދު ހުރީ ވަރަށް ހިތްހަމަޖެހިގެންނެވެ. މި ގަޑީ އުނދެއްޔެއް ހިފައިގެން ހުއްޓަސް, ޒަބީހާއްތައަކީ ކޮންކްރީޓް މަސައްކަތްތަކުގައި ވެސް ބައިވެރިވާ މުވައްޒަފެކެވެ. މިއީ, އަންހެނުން އާންމުކޮށް ކުރާ ކަހަލަ މަސައްކަތްތަކެއް ނޫން ކަމަށް ޒަބީހާއްތަ ގަބޫލުކުރިޔަސް, އޭނާ ބުނަނީ ކެރިގެން ނުކުމެއްޖެނަމަ, މިއީ އަންހެނަކަށް ވެސް ނުވާނެވަރު ކަމެއް ނޫން ކަމެވެ.

ޒަބީހާއްތަ: މަސައްކަތާމެދު ވަރަށް ހިތްހަމަޖެހޭ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
ޒަބީހާއްތަ: މަސައްކަތާމެދު ވަރަށް ހިތްހަމަޖެހޭ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ޒަބީހާއްތަ: މަސައްކަތާމެދު ވަރަށް ހިތްހަމަޖެހޭ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އައިޝަތު ވަރުޖީނާ, 32، ވެސް އާރްޑީސީގެ ސައިޓްގައި މި ހުރީ އެ ވިސްނުމުގަ އެވެ. ފަސްގަނޑު އެއްވަރުކުރާ މެޝިނެއްގެ އެއް ފަރާތުގައި ހިފަހައްޓާލައިގެން ވަރުޖީނާ ވެސް ދައްކުވައިދެނީ އަންހެނުންނަށް ނުވާންވީ އެއްވެސް ސަބަބެއް ނެތް ކަމެވެ.

"ވާނެ ކަމަށް އުއްމީދުކޮށްގެން މިތަނަށް ކުރިމަތިލީ, މަސައްކަތް ކުރަން ފެއްޓީމަ ގަބޫލު ކުރެވުން މިކަން ވާނެ ކަމަށް, ވަރަށް އިންޓްރެސްޓް ހުރޭ މި މަސައްކަތްތައް," މީގެކުރިން ވަޒީފާއަކަށް ނުގޮސް ދަރިން ބަލަން ގޭގައި އިން ވަރުޖީނާ ބުންޏެވެ.

ވަރުޖީނާ މަަސައްކަތުގައި: މި މަސައްކަތްތައް އޮތީ ވަރަށް ބޮޑު ޝައުގުވެރިކަމެއް - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ގޭ ތެރޭން ސީދާ މަގުމަތީ ބުރަ މަސައްކަތަށް ނުކުމެ ހުރެ ވަރުޖީނާ ދޭ މެސަޖަކީ, "ކެރިގެން ކުރިމަތިލާށޭ, ވާނެއޭ, ނުވާނެ ކަމެއް ނޫނޭ," އެވެ. ކުންފުނިން ކުރިއަށް ގެންދަން ހުރިއްޔާ, ވީއެންމެ ކުރިއަކަށް ދާން އަތުކުރި އޮޅާލައިގެން ހުރި ވަރުޖީނާ އަހަރެމެންނާ ވާހަކަ ދައްކައި ނިންމާލުމަށްފަހު ވެސް ބޮލަށް ހެލްމެޓް ހެޔޮވަރުކޮށްލައި އެ އެނބުރުނީ މަގު އެއްވަރުކުރުމުގެ މަސައްކަތާ އެވެ.

އޭރު ސައިޓް ތެރޭ މަސައްކަތުގައި ޒުހުރާއްތަ ޝާމިލްވެއްޖެ އެވެ. ސިމެންތިން ތައްގަނޑު އެޅުމުގެ މަސައްކަތާއި ސައިޓްގެ ކުނި ކަހައި ސާފުކުރުމުގެ މަސައްކަތް އެ ދުވަހު އޮތީ ޒުހުރާއްތައަށެވެ. އާރްޑީސީގެ ވަޒީފާއަށް ނުކުތުމުގެ ކުރިން ދަނޑުވެރިކަމުގައި އުޅުނު ޒުހުރާއްތަ ވެސް ދެއްކި ކޮންމެ މަސައްކަތެއް ސައިޓްގައި ކުރެ އެވެ. މަގުމައްޗަށް ވެސް ނުކުމެ އެވެ.

ޒުހުރާއްތަ މަސައްކަތުގައި: ދެއްކި ކޮންމެ މަސައްކަތެއް ކުރަނީ އުފަލާއެކު - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

"ކޮންމެ މަސައްކަތެއް ދެއްކިޔަސް ކުރަން, މަސައްކަތް ކުރާ ހިތުން ނުކުތީ ރަށުގެ ތަރައްގީއަށް ކުރާ ކަމަކަށްވާތީ އޭގައި ބައިވެރިވުމުގެ ގޮތުންނާއި އާމްދަނީ ހޯދުމުގެ ގޮތުން," ޒުހުރާއްތަ ބުންޏެވެ.

ޒުހުރާއްތަ ބުނި ގޮތުގައި, މަސައްކަތަށް ނުކުންނަން ބޭނުންވާ އަދިވެސް ގިނަ އަންހެނުން އެ ރަށުގައި އެބަ ތިއްބެވެ. އެމީހުންނަށް ބޭނުން ވަނީ ފުރުސަތަކެވެ. ޒުހުރާއްތަ އާއި ޒަބީހާއްތަ އަދި ވަރުޖީނާގެ އިތުރުން ސަޕޯޓް ސްޓާފުންގެ ގޮތުގައި އިތުރު ދެ އަންހެނަކު ވެސް ގައްދޫ މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތުގައި އަންނަނީ ވަޒީފާ އަދާކުރަމުންނެވެ.

މަގު ހެދުމުގެ މަސައްކަތް ބެލެހެއްޓެވުމުގައި އިސްކޮށް އުޅުއްވާ އެސިސްޓެންޓް މެނޭޖަރު އަބްދުالله ރަޝީދު ވިދާޅުވި ގޮތުގައި, ރަށްރަށުގައި ތިބޭ އަންހެނުން ބާރުވެރިކޮށް މަސައްކަތުގެ މާހައުލަށް ނެރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން އާރްޑީސީން ވެސް އެ ފުރުސަތު ގައްދޫގައި ހުޅުވާލީ ކަމަށެވެ.

ޒުހުރާއްތަ: 65 އަހަރުވެ އެލެވެންސް ލިބުނަސް މަސައްކަތް ދޫކޮށްލަން ބޭނުމެއް ނުވޭ ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

"ފުރުސަތު ދިނީމަ ކުރިން ހީކުރި ވަރަށްވުރެ މާބޮޑަށް ވެސް އަންހެނުންގެ ބޭނުން އެބަ ހިފޭ, އެހެންވީމަ ވަރަށް ރަނގަޅު ކަމެއް މިއީ, މިކޮޅަށް އައިސް ތިބި މީހުންނަކީ ފާހަގަކޮށްލެވޭހާ ރަނގަޅު ބައެއް, ފިރިހެން ސްޓާފުންނަށްވުރެ ރަނގަޅު މީހުން ވެސް އެބަ އުޅޭ މީގެ ތެރޭ," އަބްދުالله ރަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި, ރަށްރަށުގައި ވަރަށް ކެރޭ, މަސައްކަތްތެރި އަންހެނުން އެބަ ތިއްބެވެ. އެމީހުންނަށް ފުރުސަތުތައް ހޯދައިދިނުން ވަރަށް މުހިންމެވެ. އަދި, ފުރުސަތުތައް ފަހިކޮށްދީފިނަމަ, ނުކުންނާނެ ކިތަންމެ އަންހެނުންނެއް ވާނެ ކަމަށް އޭނާ ވެސް ގަބޫލުކުރައްވަ އެވެ.

ވަރުޖީނާ: އަލަށް ނުކުތް ވަޒީފާއިން މިހާރު ހުރީ އެންމެ ކުރިއަށް ދާން އަޒުމުގައި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ޒުހުރާއްތަ ވެސް ޒަބީހާއްތަ ވެސް އަދި ވަރުޖީނާ ވެސް އާމްދަނީ ލިބުމާ އެކު, ރަށު ތަރައްގީއަށް ހިންގާ ބޮޑު މަޝްރޫއުއެއްގައި އަމަލީ ގޮތުން ބައިވެރިވާން ފުރުސަތު ލިބޭތީ އެ ތިބީ ނުހަނު ހިތްހަމަޖެހިގެންނެވެ. އެމީހުން ކޮންމެ ދުވަހަކު މަސައްކަތް ނިންމައި, ގެއަށް ވަންނަނީ އެ ހިތްހަމަޖެހުމާ އެވެ. އަންހެނުންނަށް ނުވާނެއޭ ބުނާ މީހުންނަށް ގޮންޖަހަމުންނެެވެ.

ނާޒިމް ހަސަން

އެސޯސިއޭޓް އެޑިޓަރ

ނާޒިމް ހަސަން އަކީ ޝަރުއީ އަދި ގާނޫނީ ދާއިރާގެ ހަބަރުތައް ކަވަރުކުރުމުގައި މިހާރު ހުރި އެންމެ ހުނަރުވެރި އެއް ނޫސްވެރިޔާ އެވެ. އޭނާ ވަނީ މީޑިއާ ކައުންސިލްގެ ނޫސްވެރިކަމުގެ އިނާމް ދެ ފަހަރެއްގެ މަތިން ހާސިލްކޮށްފަ އެވެ. ކޮމިއުނިޓީ ނޫސް ކުޅުދުއްފުށީ އޮންލައިނުން ކެރިއަރު ފަށައި އޭނާ ވަނީ ކުރިން "ވަގުތު"، "އަވަސް" އަދި "ޖަޒީރާ" ގައި މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox