މެންޗެސްޓާ (މާޗް 7) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ އަތުން 4-1 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިވިއިރު، އެ މެޗުގައި ޔުނައިޓެޑްގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ކަންތައްތަކާ މެދު އެ ކުޅުންތެރިން ލަދުގަންނަންޖެހޭނެ ކަމަށް ޔުނައިޓަޑްގެ ކުރީގެ ކެޕްޓަން ރޯއީ ކީން ބުނެފި އެވެ.
ސިޓީގެ ދަނޑުގައި ކުޅުނު މެޗުގެ ފަސް ވަނަ މިނިޓުގައި ސިޓީ އަށް ލީޑު ހޯދައިދިނީ ކެވިން ޑި ބްރޭނާ އެވެ. މެޗުގެ 22 ވަނަ މިނިޓުގައި ޖޭޑަން ސަންޗޯ ޖެހި ލަނޑާ އެކު، ޔުނައިޓަޑުން މެޗުގެ ނަތީޖާ އެއްވަރުކުރި ނަމަވެސް، ފުރަތަމަ ހާފުގައި ޑި ބްރޭނާ ވަނީ ސިޓީ އަށް ދެ ވަނަ ލަނޑެއް ކާމިޔާބުކޮށްދީފަ އެވެ. އަދި ދެ ވަނަ ހާފުގައި ރިޔާދު މާރޭޒް ވަނީ ސިޓީ އަށް އިތުރު ދެ ލަނޑު ކާމިޔާބުކޮށްދީފަ އެވެ.
ޔުނައިޓެޑްގެ ލެޖެންޑެއް ކަަމަށްވާ ކީން ބުނީ ޔުނައިޓެޑްގެ ކުޅުންތެރިން ވަރަށް އަވަހަށް މެޗު ދޫކޮށްލާ، ހިތްވަރު ނުކުރުމަކީ ލަދުގަންނަޖެހޭ ކަމެއް ކަމަށެވެ.
"މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭއިރު، ޑިފެންސްކުރަން ފަހަތަށް ނުފޭބުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން. މިއީ ކުޅުންތެރިން ލަދުގަންނަންޖެހޭ ކަމެއް،" ޔުނައިޓެޑްގެ ކުޅުންތެރިންނަށް އާންމުކޮށް ފާޑުކިއުންތައް އަމާޒުކުރާ ކީން ބުންޏެވެ.
"މި ކުޅުންތެރިން މާ ސަމާލުކަން ދޭ އެހެން ކަންތައްތަކާ. ބޫޓު ރީތިތޯ ؟ އިސްތަށި ގަނޑު ރީތިތޯ؟ މިކަންތައްތަކަށް ސަމާލުކަން ދެނީ. ޔުނައިޓެޑަށް ކުޅޭއިރު އަމިއްލަ ބޮޑާކަން ޖެހޭނީ ދޫކޮށްލަން،"
އެއް ސިޓީއަކަށް ނިސްބަތްވާ ޒަމާންވީ ދެ ވާދަވެރިންގެ މެދުގައި އޮތް ތަފާތު ރޭގެ މެޗުގައި ފެނިގެންދިޔައިރު، ޔުނައިޓެޑްގެ ކޯޗު ރަލްފް ރަންގްނިކަށް ވަނީ ފާޑުކިއުންތައް އަމާޒުވެފަ އެވެ. އެކަމަކު ކީން ބުނީ ކޯޗަށް ވުރެ، ނަތީޖާގެ ޒިންމާ ނަގަންޖެހޭނީ ކުޅުންތެރިން ކަމަށެވެ.
"ޔުނައިޓެޑްގެ ކުޅުންތެރިން ހިތްވަރެއް ނުކުރޭ. އެއީ އެންމެ ބޮޑު މައްސަލަ އަކީ،" ކީން ބުންޏެވެ.
ކީން ބުނީ ޓީމުގެ ފަރާތުން ފެނުނު ކުޅުމަކީ ސަޕޯޓަރުން ގަބޫލްކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި ކްލަބުން ކިތަންމެ ވާހަކައެއް ދެއްކިޔަސް، މުހިންމީ "ދަނޑުމަތީގައި ދައްކާ ކުޅުން" ކަމަށެވެ. -- ބީބީސީ












