ޔޫރަޕުގެ އެންމެ ވަރުގަދަ ފަސް ލީގުގެ ތެރޭގައި ހިމެނޭ ފްރާންޗް ލީގު ނުވަތަ "ލީގް 1 އޫބާ އީޓްސް" މީޑީއާނެޓުގެ އައިސް ޓީވީގެ ޗެނަލްތަކުން ދައްކަން ފަށައިފި އެވެ.
މިއީ އައިސް ޓީވީން ރާއްޖޭގައި ދައްކަން ފަށާ ތިން ވަނަ ލީގެވެ. އެ ޗެނަލް އިން އަންނަނީ މިހާރު ވެސް އިނގިރޭސި ޕްރިމިއާ ލީގާއި ސްޕެނިޝް ލަލީގާގެ މެޗުތައް ދައްކަމުންނެވެ.
ލީގު 1 ދައްކާނެ ޗެނަލްތައް
- އައިސް (ޗެނަލް 100)
- އައިސް ސްޕޯޓްސް (ޗެނަލް 102)
- އައިސް ޕްލަސް (ޗެނަލް 888)
"އައިސް ޓީވީ އަބަދުވެސް މަސައްކަތް ކުރަމުންދަނީ ދިވެހި ރައްޔިތުންނަށް ކޮލިޓީ ރަނގަޅު ބައިނަލްއަގުވާމީ މުބާރާތް އަދި ކޮންޓެންޓް ގެނެސްދިނުމަށް،" މީޑީއާނެޓުން ބުންޏެވެ.
ދާދި ފަހުން އެފްރިކާ ބައްރުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން)ގެ މެޗުތައް ވެސް މީޑިއާނެޓުން ވަނީ ދައްކައިފަ އެވެ.
ފްރާންސްގެ ވަރުގަދަ ބާރު ޕީއެސްޖީ ފަހަތަށް ޖައްސާލާފައި ލީގު 1ގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ލިލް އެވެ. މިވަގުތު އެއް ވަނައިގައި އޮތީ ޕީއެސްޖީ އެވެ. މި ލީގުގެ ގަދަ ދެ ޓީމަށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް ލިބޭނެ އެވެ. ތިން ވަނަ ޓީމަށް ޔޫރަޕްގެ ދެ ވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް، ޔުރޮޕާ ލީގަށް ކޮލިފައިވާއިރު ހަތަރު ވަނަ ޓީމު ޖެހެނީ ޔުރޮޕާ ލީގުގެ ކޮލިފިކޭޝަން ކުޅޭށެވެ. މިވަގުތު ދެ ވަނައިގައި ނީސް އޮތްއިރު ތިން ވަނައިގައި އޮތީ މާސޭ އެވެ.

ޕީއެސްޖީ އަށް ބޮޑު ލީޑެއް އޮތް ނަމަވެސް ލީގުގައި ވާދަކުރާ އެހެން ޓީމުތަކުގެ މެދުގައި ވާދަވެރިކަން ބޮޑެވެ.
ފްރެންޗް ލީގުން ފެނިގެންދާ މަޝްހޫރު ތަރިންގެ ތެރޭގައި ޕީއެސްޖީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ، ބްރެޒިލްގެ ތަރި ނޭމާ، ފްރާންސްގެ ހުނަރުވެރި ފޯވާޑް ކީލިއަން އެމްބާޕޭ ހިމެނެ އެވެ. އަދި އާޖެންޓީނާގެ އެންހެލް ޑިމަރިއާ، ސްޕެއިނުގެ ތަރި ސާޖިއޯ ރާމޯސް، އިޓަލީ އަށް މިދިޔަ އަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކޮށްދޭން އިސް ރޯލެއް އަދާކުރި ޖިއަންލުއީޖީ ޑޮނަރޫމާ އަދި އިޓަލީގެ މެދުތެރޭގައި ތަފާތު ދައްކާ މާކޯ ވެރާޓީ ވެސް ކުޅެނީ މި ލީގުގަ އެވެ.
އޭގެ އިތުރުން މާސޭ އަށް ކުޅެމުން އަންނަ ޑިމިޓްރީ ޕަޔޭ، އާއި މޮނާކޯގެ ސެސްކް ފެބްރިގާސް ހިމެނެ އެވެ.











