ރަނގަޅަށް ކުނި މެނޭޖްނުކުރެވުމަކީ ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ އެންމެ ބޮޑު މައްސަލަ ކަމަށާއި އެ މައްސަލައަށް ހައްލުވާތަން މި އަހަރު ފެންނާނެ ކަމަށް އެންވަޔަރްމެންޓް މިނިސްޓަރު އާމިނަތު ޝައުނާ މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިިނިސްޓަރު ވިދާޅުވީ ރާއްޖޭގައި މިވީހާތަނަށް ކުރަމުން އައި ކަމަކީ ކުނި ޖަމާކުރުން ކަމަށާއި ކުނި މެނޭޖްކޮށްފައި ނުވާ ކަމަށެވެ. ކުނީގެ އެކި ބާވަތްތައް ވަކިކޮށް އެއީ އާމްދަނީ ލިބޭނެ ވަސީލަތަކަށް ހެދުމުގެ ބަދަލުގައި ކުރަމުން އައި ކަމަކީ އެއްތަނަކަށް ކުނި ޖަމާކޮށް "ކުނި އެޅުން" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އެންވަޔަރްމެންޓް މިނިސްޓަރު އާމިނަތު ޝައުނާއާ މިއަދު ސުވާލުކުރައްވަނީ
"އެހެންވީމާ މިވީހާ ތަނަށް މިކަން ހައްލުނުކުރެވި އޮތް ނަމަވެސް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި، މި އިއްޒަތްތެރި މަޖިލީހަށް ވެސް އަދި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ފެނިގެންދާނެ ކުނީގެ މައްސަލަ ބޮޑުތަނުން ހައްލުކުރެވިގެން އަންނަތަން،" ޝައުނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުނީގެ މައްސަލަ ހައްލުކުރުމަށްޓަކައި ރާއްޖޭގެ ތިން ސަރަހައްދެއްގައި ރީޖަނަލް ވޭސްޓްމެނޭޖްމެންޓް ސެންޓަރުތައް ގާއިމްކުރަން ސަރުކާރުން އޮތީ ރާވައިފަ އެވެ. އެތަންތަނަށް ކުނި ގެންދެވެންދެން ރަށްރަށުގައި ވެސް ރަނގަޅަށް ކުނި މެނޭޖްކުރުމަށްޓަކައި ޓްރާންސްފާ ސެންޓަރުތަކެއް ގާއިމްކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތިން ސަރަހައްދެއްގައި ރީޖަނަލް ވޭސްޓްމެނޭޖްމެންޓް ސެންޓަރުތައް ހިންގުމަށްޓަކައި، ކުރިއްސުރެ ގާއިމްކޮށްފައި ހުރި ތަނެއް ކަމަށްވާ ރ. ވަންދޫ ވޭސްޓްމެނޭޖްމެންޓް ފެސިލިޓީ އަލުން ހިންގަން ފަށާނެ އެވެ. ޝައުނާ ވިދާޅުވީ މިއަހަރުގެ ޖޫން މަހު ވަންދޫ އަލުން ހިންގަން ފަށާނެ ކަމަށެވެ. ދެވަނަ ރީޖަނަލް ވޭސްޓް މެނޭޖް ސެންޓަރެއްގެ ގޮތުގައި ތިލަފުށީގައި ގާއިމްކުރާ ސެންޓަރުގެ ފުރަތަމަ ފިޔަވަހީގެ އިންފްރާސްޓްރަކްޗާ ވެސް މިހާރު ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ މާލެއަތޮޅާއި ވ. އަތޮޅުގެ ހުރިހާ ރަށެއްގައި މިވީހާ ތަނަަށް އުފެދިފައި ހުރި ކުނި އަޅުގަނޑުމެން ޖަމާކޮށް ތިލަފުށްޓަށް ގެންދަން ފަށާނަން،" ޝައުނާ ވިދާޅުވި އެވެ.
ސަރަހައްދީ ތިންވަނަ ސެންޓަރެއްގެ ގޮތުގައި ވޭސްޓް މެނޭޖްމެންޓް ސެންޓަރު ގާއިމްކުރަނީ އައްޑޫގަ އެވެ. މިނިސްޓަރު ވިދާޅުުވި ގޮތުގައި އެ ސެންޓަރުގައި 50 ޓަނުގެ ވޭސްޓް ޓު އެނާޖީ ޕްލާންޓެއް ހަދަން ބޭނުންވާ ހުރިހާ އެއްޗެއް މިހާރު ވަނީ ގެންގޮސްފަ އެވެ. އެ ސެންޓަރުގެ މަސައްކަތްތައް ނިމި މިއަހަރުގެ ތެރޭގައި އެތަން ވެސް ހިންގަން ފެށުމަކީ އަމާޒެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ތަންތަނަށް ކުނި އަޅާފައި މެނޭޖްނުކޮށް ބެހެއްޓުން، އެ މަސައްކަތްތަކާ އެކު ހުއްޓުމަކަށް އަންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.













