ނޭޕްލްސް، އިޓަލީ (މާޗް 7) - އިޓާލިއަން ލީގުގައި ރޭ ނަޕޯލީ އަތުން 1-0 އިން މޮޅުވެ އޭސީ މިލާން އެއް ވަނަ އަށް ޖެހިލިއިރު، ސްޕެޒިއާގެ މައްޗަށް 1-0 އިން ކުރިހޯދައި ޔުވެންޓަސް އިން ލީގުގައި ބަލިނުވެ ކުރިއަށްގެންދަމުން އަންނަ ރެކޯޑް އިތުރު މެޗެއްގައި ދަމަހައްޓައިފި އެވެ.
ޔުވެންޓަސް އެންމެ ފަހުން މެޗަކުން ބަލިވީ މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅުގަ އެވެ. އެންމެ ފަހުން ލީގުގައި ކުޅުނު 14 މެޗުން ވެސް އެ ޓީމު ބަލިނުވެ އެވެ. މިއީ ޔޫރަޕްގެ ވަރުގަދަ ފަސް ލީގުގައި މި ވަގުތު ފޯމަށް ބަލާއިރު، ބަލިނުވެ ދަމަހައްޓަމުން އަންނަ އެންމެ ރަނގަޅު ރެކޯޑެވެ.
މިލާން އެއް ވަނަ އަށް އެރީ 28 މެޗުން 60 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާން އަށް ވަނީ 27 މެޗުން 58 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި ނަޕޯލީ އޮތީ 28 މެޗުން 57 ޕޮއިންޓް ހޯދައިގެންނެވެ. ޔުވެންޓަސް ހަތަރެއްގައި އޮތީ 28 މެޗުން 53 ޕޮއިންޓާ އެކު އެވެ.
ނަޕޯލީގެ ޑިއޭގޯ މަރަޑޯނާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފަށައިގެން މިލާންގެ އިސްމާއިލް ބެނަސޭ އަށް ނަޕޯލީގެ ކަލީދޫ ކުލިބާލީ ފައުލުކުރި ކަމަށް ބުނެ، މިލާނުން ޕެނަލްޓީ އަކަށް އެޕީލްކުރި ނަމަވެސް ރެފްރީ ޑަނިއޭލޭ އޮރްސާޓޯ ނިންމީ ޕެނަލްޓީއެއް ދޭން ނުޖެހޭ ކަމަށެވެ. އޭގެ ފަހުން ނަޕޯލީގެ ފޯވާޑް ވިކްޓަ އޮސީމޭން އަށް މިލާންގެ ފިކާޔޯ ޓޮމޯރީ ފައުލުކުރި ކަމަށް ބުނެ، ނަޕޯލީން ޕެނަލްޓީ ހޯދަން ކުރި އެޕީލަށް ވެސް ރެފްރީ އޮރްސާޓޯގެ ތާއީދެއް ނެތެވެ.
މިލާނުން މެޗުގެ ހަމައެކަނި ގޯލު ޖެހީ ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން ހަތަރު ވަނަ މިނިޓްގަ އެވެ. ޑޭވިޑެ ކަލާބްރިއާ މެޗުގެ 49 ވަނަ މިނިޓްގައި ފޮނުވާލި ޝޮޓެއް އޭރިއާތެެރެއިން އޮލީވިއޭ ޖިރޫޑަށް ލިބުމުން އޭނާ މަޑުމަޑުން ފޮނުވާލީ ގޯލުގެ ކަނަށެވެ. ނަޕޯލީ ކުޅުންތެރިން އޮފްސައިޑް ކަމަށް އެޕީލްކުރި ނަމަވެސް މި ގޯލު ބަލައިގަންނަން ނިންމި އެވެ.
ނަތީޖާ ހަމަހަމަކުރަން ނަޕޯލީގެ އާދަމް އޫނާސް އޭރިއާތެރެއިން ޖެހި ބޯޅަ ދިޔައީ ގޯލާ ސީދާނުވެ ބޭރުންނެވެ. އަދި އޮސީމޭން ޖެހި ބޯޅަ މިލާންގެ ކީޕަރު މައިކް މައިގްނޯން ވަނީ މަތަކޮށްފަ އެވެ. ލީޑުފުޅާކުރަން މިލާންގެ ތެއޯ ހެނާންޑޭޒް އާއި އަލެކްސިސް ސަލަމޭކާ ފޮނުވާލި ބޯޅަތައް ނަޕޯލީގެ ކީޕަރު ޑޭވިޑް އޮސްޕީނާ ވަނީ ހުއްޓުވައިފަ އެވެ.

ޔުވެންޓަސްގެ ވްލަހޯވިޗް (ކ) އާއި މޮރާޓާ ރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.
ޔުވެންޓަސް އިން ރޭގެ މެޗުގައި ކުޅުނީ ޓީމުގެ މުހިންމު ގިނަ ކުޅުންތެރިންތަކެއް ނެތި އެވެ. އެއީ އަނިޔާ އާއި ސަސްޕެންޝަނުގެ ސަބަބުންނެވެ. ރޭގެ މެޗުގައި ނުކުޅޭ ކުޅުންތެރިންނަކީ ޕައޮލޯ ޑިބާލާ، ވެސްޓަން މެކްކެނީ، ޖިއޯޖިއޯ ކިއެލީނީ، ލެއޮނާޑޯ ބޮނޫޗީ އަދި ޑެނިސް ޒަކާރިއާ އެވެ.
ރޭގެ މެޗުގެ 21 ވަނަ މިނިޓްގައި ޔުވެންޓަސް އިން މެޗުގައި ޖެހި ހަމައެކަނި ގޯލު ކާމިޔާބު ކުރީ ޑޫސާން ވްލަހޯވިޗާއި މެނުއަލް ލޮކަޓެލީ ގުޅިގެން ތަނަވަސްކުރި ފުރުސަތެއްގަ އެވެ. އޭރިއާތެެރެއިން އަލްވާރޯ މޮރާޓާ އަށް ލިބުނު ބޯޅަ އޭނާ ވަނީ ދުރު ކަނަށް ފޮނުވާލައިފަ އެވެ. މިއީ 2022 ފެށި ފަހުން އިޓާލިއަން ލީގުގައި މޮރާޓާގެ ފުރަތަމަ ގޯލެވެ.
ތިއާގޯ މޮޓާ ކޯޗުކޮށްދޭ ސްޕެޒިއާ ކައިރިން ޔުވެންޓަސް އިން އިތުރު ގޯލެއް ޖަހަން ކުރި މަަސައްކަތް ކާމިޔާބެއްނުވި އެވެ.
ފުރަތަމަ ހާފުގައި ޔުވެންޓަސްގެ ހުއާން ކުއަޑްރާޑޯ ޖެހި ބޯޅައެއް ސްޕެޒިއާ ކީޕަރު އިވާން ޕްރޮވެޑެލް މަަތަކުރިއިރު، ދެ ވަނަ ހާފުގައި ސްޕެޒިއާ އަށް އެއްވަރުކޮށްދޭން ކުޑައޭރިއާ ރޮނގުމަތިން އެ ޓީމުގެ އެމަނުއަލް ޖިޔާޒީ ބޮލުން ޖެހި ބޯޅަ ޔުވެންޓަސްގެ ކީޕަރު ވޮޒްޝިއޭ ޝެޒްނީ ވަނީ ސަލާމަތްކޮށްފަ އެވެ. އަދި އޭގެ ފަހުން ސްޕެޒިއާގެ ކެވިން އަގުއަޑޭލޯ ޖެހި ބޯޅަ ވެސް ކީޕަރު ޝެޒްނީ ވަނީ މަތަކޮށްފަ އެވެ.
ޔުވެންޓަސް އަށް ދެ ވަނަ ހާފުގައި ގޯލެއް ޖަހައިދޭން ކުއަޑްރާޑޯ ހުރަސްކޮށްލި ބޯޅައެއް ގޯލަށް ޖަހަން އަރައި ހުރި މޮރާޓާ ފަޔަށް ރަނގަޅަށް ބޯޅަ ލައްވާލާގޮތެއްނުވެ ފުރުސަތު ގެއްލުނީ އެވެ.












