ސިވިލް ކޯޓުގެ އާ ދެ ފަނޑިޔާރުންގެ ގޮތުގައި އަލްއުސްތާޒާ ޒުލައިހާ ޝީޒާ އަދި އަހުމަދު ނިމާލް ޖުނައިދު އައްޔަނު ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
އެ ކޮމިޝަނުން އެގޮތަށް ނިންމީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އޮތް އެ ކޮމިޝަނުގެ ބައްދަލުވުމެއްގަ އެވެ. ސިވިލް ކޯޓަށް އެ ދެ ބޭފުޅުން އައްޔަނު ކުރުމަށް ނިންމާފައި ވަނީ އެ ކޮމިޝަނުން ކުރި އިއުލާނާއި ގުޅިގެން މަގާމަށް އެދި ހުށަހެޅި ފަރާތްތަކާއި އިންޓަވިއު ކުރުމަށްފަހު ޖޭއެސްސީގެ ފަނޑިޔާރުން އައްޔަނު ކުރާ ކޮމިޓީއިން އެ މަގާމަށް އެންމެ ގާބިލުކަމަށް އެ ދެ ބޭފުޅުންގެ ނަން ލަފާ އެރުވުމުން ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.
އަލަށް އައްޔަނުކުރާ ދެ ފަނޑިޔާރުންގެ ތެރެއިން ޒުލައިހާ ޝީޒާ އަކީ މެލޭޝިއާގެ ހެލްޕު ޔުނިވާސިޓީން ބެޗެލާ އޮފް ލޯ (އޮނާސް) ހާސިލުކުރައްވާފައި ހުންނެވި ބޭފުޅެކެވެ. އަދި އޭނާ ވަނީ ޔުނިވާސިޓީ އޮފް ލަންޑަންގެ ބާކްބެކް ކޮލެޖުން މާސްޓާސް އޮފް ލޯ އިން ކޮންސްޓިޓިއުޝަނަލް ޕޮލިޓިކްސް، ލޯ އެންޑް ތިއަރީ ވެސް ހާސިލުކުރައްވާފަ އެވެ.
އޭގެ އިތުރުން ވެސް ޒުލައިހާ ވަނީ ބަންޑާރަނައިބުގެ އޮފީހުގައި ސްޓޭޓް ކައުންސެލާ، ސީނިއާ ސްޓޭޓް އެޓާނީ އަދި ސްޓޭޓް އެޓާނީގެ މަގާމުގައި ތިން އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފަ އެވެ.
ސިވިލް ކޯޓަށް ދެން އައްޔަނުކުރަން ޖޭއެސްސީން ނިންމި ފަނޑިޔާރު އަހުމަދު ނިމާލް އަކީ ވިލާ ކޮލެޖުގެ ބެޗެލާ އިން ޝަރިއާ އެންޑް ލޯ (އޮނާސް) ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. ނިމާލް ވަނީ މީގެ ކުރިން ފަރްހާން ޒަމީލް އެންޑް ނިމާލް ލޯ ފާމްގެ މެނޭޖިން ޕާޓްނަރުގެ ގޮތުގައި އެއް އަހަރަށްވުރެ ދިގު މުއްދަތަކަށް މަސައްކަތް ކުރައްވާފަ އެވެ.

އެ ދެ ބޭފުޅުން ވެސް މަގާމުގެ ހުވާ ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ގަ އެވެ.













