ފެނަކަ އިންސްޓިއުޓްއިން ކުރިޔަށް ގެންދިޔަ އިންޖީން ރިޕެއާ އެންޑް މެއިންޓަނަނަންސް ސެޓްފިކެޓް ލެވެލްގެ ކޯސް ފުރިހަމަކުރި ފުރަތަމަ ބެޗުގެ ދަރިވަރުންގެ ދަސްވެނިވުން ރޭ ބާއްވައިފި އެވެ.
ފެނަކައިގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް (ފުނަރު ޕްރޮގްރާމް) ގެ ދަށުން ފެނަކަ އިންސްޓިޓިއުޓްއިން ކުރިޔަށްގެންދިޔަ އެ ކޯހަކީ އެކުންފުނިން ފޯރުކޮށްދޭ އަސާސީ ހިދުމަތްތަކުގެ ދާއިރާއަށް ފަންނީ މީހުން ތަރައްގީކޮށް ދިވެހިން ބިނާ ކުރުމަށްޓަކައި ހިންގި ތިން މަސް ދުވަހުގެ ކޯހެއްކަމަށް ފެނަކައިން ބުނެ އެވެ.
އެ ޕްރޮގްރާމް ކުރިޔަށް ގެންދިޔައީ ރާއްޖޭގެ އަށް ރަށެއްގަ އެވެ. އެ ރަށް ތަކަކީ ށ. މިލަންދޫ، ހދ. ކުޅުދުއްފުށި، ނ. ވެލިދޫ، ތ. ވިލިފުށި، ފުވައްމުލައް ސިޓީ، ދ. ކުޑަހުވަދޫ، ބ. އޭދަފުށި އަދި އައްޑޫ ސިޓީ ހިތަދޫ އެވެ.
ރޭ އޮތް އެ ޕްރޮގްރާމުގެ ދަސްވެނިވުމުގެ ހަފްލާފައި ކޯސް ފުރިހަމަކުރި ފަރާތްތަކަށް ވަނީ ކޯހުގެ ސެޓްފިކެޓް ހަވާލުކޮށްފަ އެވެ. އެ ކޯސް ފުރިހަމަކުރި ފަރާތްތަކުގެ ތެރޭގައި ދެ އަންހެން ބޭފުޅުން ވެސް ހިމެނޭ ކަމަށް ފެނަކައިން މައުލޫމާތު ދެ އެވެ.
ފެނަކައިން ބުނީ އެ ޕްރޮގްރާމް ކުރިޔަށް ގެންދިޔައިރު އެ ޕްރޮގްރާމްގެ ބައިވެރިންނަށް ކޮންމެ މަހަކު 3،000 ރުފިޔާގެ އެލަވަންސްއެއް ދިން ކަމަށެވެ.

އަދި އެ ޕްރޮގްރާމުގައި އިންޖީން މަރާމާތުކުރުމާއި މެއިންޓެނެންސް މަސައްކަތުގެ ތެރެއިން ޑީސަލް އިންޖީނުގެ ބައިތައް ކިޔައިދިނުމާއި ޑީސަލް ޖަނަރޭޓަރުގެ މެއިންޓެނެންސް މަސައްކަތް ކުރާނެ އަމަލީ ތަޖުރިބާ ކޯހުގެ ބައިވެރިންނަށް ލިބިގެންދިޔަކަމަށް ވެސް ފެނަކައިން ބުނެ އެވެ.
ރޭ އޮތް ރަސްމިއްޔާތުގައި ދަސްވެނިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން، ފެނަކަ ކޯޕަރޭޝަންގެ ބޯޑް ޗެއާމަން މުހައްމަދު ރަޝީދު އަދި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު އެވެ.












