ރާއްޖެއަށް އަންނަ މީހުންގެ ތެރެއިން ކޮވިޑް-19 ގެ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ޕީސީއާރު ޓެސްޓަކާއި ނުލާ ރާއްޖެ އާދެވޭ ގޮތަށް ހަދައިފި އެވެ.
ކޮވިޑްގެ ހާލަތު ގޯސްވުމާ ގުޅިގެން ރާއްޖެއަށް އަންނަ މީހުން ޕީސީއާރު ޓެސްޓު ހަދާގޮތަށް މީގެ ކުރިން ކަނޑައަޅާއިފައި ވީނަމަވެސް އެ އެންގުމަށް މާދަމާއިން ފެށިގެން ބަދަލު ގެންނަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމީ ހާލަތު ބަދަލުވުމާއި ގުޅިގެން އިތުރު ލުއިތަކެއް ދިނުމުގެ ގޮތުންނެވެ.
އެގޮތުން އެޗްޕީއޭއިން ބުނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހުއްދަ ދީފައިވާ ކޮވިޑް ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން ރާއްޖެ އަންނަނާއިރު ޕީސީއާރު ޓެސްޓު ހަދަން ނުޖެހޭނެ ކަމަށެވެ. އަަދި ގެސްޓް ހައުސް ހިންގާ ރަށްތަކުގައި ތިބޭ ފަތުރުވެރިން، ރާއްޖެއިން ފުރުމުގެ ކުރިން ހަދަންޖެހޭ ޕީސީއާރު ޓެސްޓްވެސް ދެން ހަންދަން ނުޖެހޭނެ ކަމަށެވެ.
މިހާރު ރާއްޖޭގެ އެތެރޭގެ ދަތުރުތަކުގައިވެސް ވެކްސިން ފުރިހަމަ ކޮށްފައިވަނަމަ ޕީސީއާރު ޓެސްޓަކާއި ނުލައި ދަތުރުކުރެވޭނެ އެވެ. އަދި އާންމު އެއްވުންތަކާއި، ޕާޓީ، ހަފްލާތައްވެސް ބޭއްވުމަށް ވަނީ ހުއްދަ ދީފަ އެވެ.
އަހަރުގެ މިހާތަނަށް ރާއްޖެ 289،964 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. މި ބަދަލާއެކު އެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.













