ކިތަންމެ ހެޔޮނިޔަތަކާއެކު ނަމަވެސް، ނުދަންނަ މީހުންނަށް ފައިސާ ފޮނުވުމުގެ ކުރިން އެކަން ކަށަވަރު ކުރުން ވަރަށް މުހިންމެވެ. ރާއްޖޭގައި އޮޅުވާލައިގެން ފައިސާގެ މުއާމަލާތްތައް ހިންގުން ވަރަށް ބޮޑަށް އިތުރުވެފައިވާ އިރު، ރަހުމަތްތެރިންގެ ނަމުގައި ގުޅައިގެން ވެސް ފައިސާ ހޯދުން މިހާރުވަނީ އާންމު ކަމަކަށް ވެފަ އެވެ. މިއީ ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމެކެވެ.
"ހެލޯ. މީ އައްމަޑޭ. ވަރަށް ދުވަސްކޮށްފަ މި ގުޅާލީ ވެސް އެހެން ނަންބަރަކުން. މިއުޅެނީ މަންމަ ވަރަށް ބޮޑަށް ބަލިވެގެން ކުއްލި ސާޖަރީ އެއް ކުރަން ޖެހޭތީ ލާރިކޮޅެއް ބޭނުންވެގެން. ވަރަށް އަވަހަށް ރިޓާންކުރާ ގޮތަށް ދީބަލަ ލާރިކޮޅެއް. ވަރަށް އަވަހަށް ރިޓާންކުރާނަން އިނގޭ! މި ފޮނުވާލަނީ އެކައުންޓް ނަންބަރު. ޓްރާންސްފާކޮށްލާ."
މިއީ މިހާރު އާންމު ކޯލްތަކެކެވެ. އެކައުންޓަށް ފައިސާ ޓްރާންސްފާ ކުރާ ފަހުން އެއީ ނުވެސް ދަންނަ މީހެއްކަން އެނގެ އެވެ. އެކަމަކު އޭރު އޮންނަނީ ވެ ނިމިފަ އެވެ. ނަމްބަރު ރަނގަޅަށް ބަލާއިރު އެއީ ނުވެސް ދަންނަ ނަމްބަރެކެވެ. ދެން އެ ނަންބަރަށް ގުޅާއިރު ފޯން އޮންނަނީ ނިވާލައިފަ އެވެ.
ބޭންކަށް ގުޅާއިރު، އެ ފައިސާ ފޮނުވި އެކައުންޓްގައި ފައިސާއެއް ނުހުރެ އެވެ. އެހެންވެ، އެ ފައިސާ އަނބުރާ ހޯދުމުގެ ފުރުސަތެއް ވެސް ނޯވެ އެވެ.
މަކަރާއި ހީލަތުން މީހުންގެ އަތުން އެކި އަދަދުތަކުން ފައިސާ ހޯދާ މިފަދަ މައްސަލަތައް ކޮންމެ ދުވަހަކު ވެސް ފެންމަތި ވެއެވެ. ކޮންމެ މައްސަލައަކަށް ބަލާލާއިރު ވެސް މި އޮންނަނީ ކޮންމެހެން ކުރަން ނުޖެހޭ ފައިސާގެ މުއާމަލާތެއް ކުރުމުގެ ސަބަބުން އުފެދޭ މައްސަލަ އެވެ.
އެކަމަކު މިކަހަލަ މައްސަލަތަކުގެ ހައްލު ވެސް އެބައޮތެވެ. އެއީ ހޭލުންތެރިކަން އިތުރުވުމެވެ. ނުދަންނަ މީހުންނާ ފައިސާގެ މުއާމަލާތްތައް ކުރުން ހުއްޓާލަންވީ އެވެ. ރައްކާތެރިކަމާއެކު ބޭންކުގެ ހިދުމަތްތައް ބޭނުންކުރަންވީ އެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި މިފަދަ ގޮތްގޮތަށް، އޮޅުވާލައިގެން ފައިސާގެ މުއާމަލާތްތައް އެކި ގޮތްގޮތަށް ހިންގަމުންދާ ކަމަށެވެ.
"އާންމު ގޮތެއްގައި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ގުޅާ ފަރާތްތަކުން އޮޅުވާލުމަށްޓަކައި ތަފާތު އުކުޅުތައް ބޭނުންކުރަމުން އާދޭ. މި ގޮތުން ކުރީގެ ރައްޓެއްސެއްކަމަށް ބުނެ އޮޅުވާލާ. ސަޕްލައިކުރާ ކުންފުނީގެ ނަމުގައި ވެސް ގުޅާ. އަދި ބޭންކުގެ ނަމުގައިވެސް ގުޅާ. މިއިން ކޮންމެ ނަމެއްގައި ގުޅި ކަމުގައިވިޔަސް، އަދި އެކި ވާހަކަތައް ދައްކައި އިތުބާރު ހޯދުމަށްފަހު އާހިރުގައި މި އަތުލަނީ ފައިސާ. ޓްރާންސްފާ ކުރުވައިގެންނާއި ބައެއް ފަހަރު އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާކުރުވައިގެން،" އޭނާ ވިދާޅުވި އެވެ.
ބީއެމްއެލްއިން އެދެނީ މިކަމަށް އާންމުން ސަމާލުވުމަށެވެ. އަދި އެފަދަ ކޯލްތަކަށް ޖަވާބު ނުދިނުމަށެވެ.
އެގޮތުން ބީއެމްއެެލުން ވަނީ ކާކުކަން ނޭނގޭ މީހުންނާ އެކު ފައިސާގެ މުއާމަލާތްތައް ނުކުރުމަށް އެދިފަ އެވެ. އަދި މިފަދަ މައްސަލަތަކަށް އާންމުން ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.
މިފަދަ ކޯލްތަކަށް ޖަވާބުދާރީ ނުވުމަށާއި ޒާތީ މައުލޫމާތާއި އެކައުންޓާ ބެހޭ އެއްވެސް މައުލޫމާތެއް އެއްވެސް މީހަކާ ހިއްސާ ނުކުރުމަށް ބީއެމްއެލުން ވަނީ އިލްތިމާސް ކޮށްފަ އެވެ.











