ރަޝިޔާ އިން ހަމަލާ ދޭން ފެށުމާއެކު ވަރުގަދަ ހަނގުރާމައެއް ކުރަމުން އަންނަ ޔޫކްރެއިންގައި ތާށިވެފައި ތިބި ނުވަ ދިވެހިން ވެސް ރައްކާތެރިކަމާއެކު ހަންގޭރީގެ ބޯޑަރު ކައިރީގައި އޮންނަ ހުޅަނގު ޔޫކްރެއިންގެ ސިޓީއެއް ކަމަށްވާ ލިވީވްއަށް ގޮސް ހަންގޭރީއަށް އެތެރެވުމުގެ މަސައްކަތްތައް ފެށީ އިއްޔެ އެވެ.
ޖުމްލަ 50 އަށްވުރެ ގިނަ ދިވެހިން ދިރިއުޅުނު ޔޫކްރެއިންގައި ތާށިވެފައި ތިބީ ނުވަ ދިވެހިންނެވެ. އެއީ ރަޝިއާގެ ބޯޑަރާ އެންމެ ކައިރީގައި އޮންނަ ހާރްކީވްގައި ތިބި އަށް ދިވެހިންނާއި ނީޕްރޯގައި ހުރި ދިވެއްސެކެވެ.
އިއްޔެ ފޮރިން މިނިސްޓްރީން ވަނީ އެ ނުވަ ދިވެހިން ވެސް ރައްކާތެރިކަމާއެކު ހުޅަނގު ޔޫކްރެއިންގައި އޮންނަ ލިވީވް އަށް ގޮސްފައިވާކަން ކަށަވަރު ކޮށްދީފަ އެވެ. އެ އެންމެން ވެސް ދަތުރުކުރީ ރޭލުންނެވެ.
"މިއަދު ބޯޑަރު ހުރަސްކޮށް ހަންގޭރީއަށް އެތެރެވުމުގެ ދަތުރު އެމީހުން ފަށާނެ. ލިވީވް އިން ދާނީ ހަންގޭރީގެ ކޮންސިއުލޭޓަށް. މިނިސްޓްރީން ވަނީ ފަސޭހަކަމާއެކު ހަންގޭރީގެ ބޯޑަރު ހުރަސް ކުރުމަށް އިންތިޒާމްތައް ހަމަޖައްސާފައި،" ފޮރިން މިނިސްޓްރީން އިއްޔެ މައުލޫމާތު ދިނެވެ.
ހަންގޭރީގެ ފޮރިން މިނިސްޓަރާއި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާ ދެ ބޭފުޅުން ވަނީ އެކަމާ ގުޅޭގޮތުން އިއްޔެ މަޝްވަރާ ކުރައްވާފަ އެވެ. ހަންގޭރީއަށް އެތެރެވުމާއެކު ފޮރިން މިނިސްޓްރީގެ ޓީމުން އެ ދިވެހިންނާ ބައްދަލުކުރާނެ އެވެ.

ހަމަލާތައް ފެށުނު ދުވަސްވަރު ޔޫކްރެއިނުގައި ތާށިވި ދިވެހިން ވެސް ގެނައީ ހަންގޭރީ މަގުންނެވެ. ހަންގޭރީ އަކީ ޔޫކްރެއިންގެ ހުޅަނގުން އެގައުމާ އިންވެގެން އޮންނަ ގައުމެކެވެ.
ޔޫކްރެއިން މައްސަލައިގެ ފަހުގެ އަޕްޑޭޓް
ރަޝިއާއިން ޔޫކްރެއިނަށް އަރައި ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައި އދ. ގެ އާއްމު މަޖިލީހުން ގަރާރެއް ފާސްކުރީ އިއްޔެ އެވެ.
އެ ގަރާރު ފާސްކުރީ އދ. ގެ މެމްބަރު 193 ގައުމުގެ ތެރެއިން 141 ގައުމުގެ ވޯޓުންނެވެ. ގަރާރާ ދެކޮޅަށް ވޯޓު ދިނީ ފަސް ގައުމުންނެވެ. އަދި ވަކި އަތަކަށް ނުޖެހެނީ 35 ގައުމުންނެވެ. އޭގެ ތެރޭގައި ޗައިނާ ހިމެނެ އެވެ.
އާއްމު މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަކީ ގާނޫނީ ގޮތުން އަމަލު ކުރުން މަޖުބޫރު ގަރާރެއް ނޫނެވެ. ނަމަވެސް ގަރާރު ފާސްވުމުން ރަޝިއާއަށް ކުރިމަތިވެފައިވާ ފިއްތުން އިތުރުވާނެ އެވެ.
އދ. އަށް ކަނޑައަޅާފައި ހުންނަ ރަޝިއާ މިޝަންގެ މެމްބަރުން ޖާސޫސް ކުރާ ކަމަށް އެމެރިކާއިން ތުހުމަތު ކުރިތާ އެއް ދުވަސް ފަހުން، އދ. ގެ މުވައްޒަފެއްގެ ގޮތުގައި އުޅޭ ރަޝިއާ މީހަކަށް ވެސް ޖާސޫސް ކުރުމުގެ ތުހުމަތުކޮށް، މަގާމުން ވަކިކޮށްދޭން ރަސްމީކޮށް އެދުނީ ވެސް އިއްޔެ އެވެ.
ރަޝިއާ އާއި ޔޫކްރެއިނުން މިހާރު ކުރަމުންދާ ހަނގުރާމައަކީ ޑިމޮކްރަސީ އާއި ހުދުމުހުތާރު ވެރިކަމާ ދެމެދު ކުރެވޭ ހަނގުރާމައެއް ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވީ އިއްޔެ އެވެ.
ބައެއް މުހިންމު ހަބަރުތައް
- ދުނިޔޭގެ ހަނދާނީ ބިނާތައް ނުވަތަ ވޯލްޑް މޮނިއުމަންޓް ފަންޑުގެ ވޮޗް ލިސްޓުގައި އައްޑޫ ސިޓީ ކޯގަންނު ގަބުރުސްތާނު ހިމެނެފައިވާކަން ރިޕޯޓްކުރީ އިއްޔެ އެވެ.
- ފަނޑިޔާރުންނަށް ލިބޭ ބާރުގެ ދަށުން ގަތުލުގެ ތުހުމަތުވާ ކުއްޖެއް އެނބުރި ޖަލަށް ބަދަލުކޮށްދިނުމަށް ހައިކޯޓުން ވެސް ދެކޮޅު ހެދުމުން، އެ ކަންބޮޑުވުމާ އެކު ދައުލަތުން ސުޕްރީމް ކޯޓަށް ދިޔަކަން ރިޕޯޓްކުރީ އިއްޔެ އެވެ.
- ދިރޭތަކެތީގެ ތެރެއިން ހިމާޔަތް ކޮށްފައިވާ ތަކެތި ކަނޑައެޅުމުގައި ބަލާނެ ރަސްމީ މިންގަނޑު ގަވާއިދުގައި ހިމަނައި އާންމުކުރީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ކުރިއަށް އޮތް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންކަމުގެ އިންތިހާބު ފަސްކުރުމަށް އެ އިންތިހާބުގައި ވާދަކުރައްވާ އިމްތިޔާޒް ފަހުމީގެ ކެމްޕޭން ޓީމުން ދެކޮޅުކަން ހާމަކުރަމުން އެ ކެމްޕޭނުގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވީ:
"އަޅުގަނޑުމެން އިމްތިޔާޒް ފަހުމީގެ ކެމްޕޭން ޓީމުގެ ފަރާތުން އެއްވެސް ވަރަކަށް ޖާގައެއް ނުދޭނަން އިންތިހާބު ލަސްކުރާކަށް، އިންތިހާބު ގަނޑުބަނޑުކުރާކަށްވެސް، އިންތިހާބުގައި މަކަރާއި ހީލަތް ހަދާކަށް ވެސް،"
ދުވަހުގެ ފޮޓޯ

އައްޑޫ ސިޓީ ކޯގަންނު ގަބުރުސްތާނުގައި ހުރި މަހާނަ ގަލެއް ކައިރީ މީހަކު ހުއްޓިގެން. ކޯގަންނަ ގަބުރުސްތާނަކީ އެ ރަށުގައި ފުރަތަމަ އިސްލާމްދީން ގަބޫލުކޮށްގެން ތިބި މުސްލިމުން މަރުވުމުން އެމީހުން ވަޅުލާފައިވާ ތަނެއް. 1500 އަށްވުރެ ގިނަ މަހާނަގާ މި ގަބުރުސްތާނުގައި އެބަހުރި -- ފޮޓޯ: ވޯލްޑް މޮނިއުމަންޓް ލިސްޓް
ދިރާސާތަކުން ކިޔާލުމަށް
"ޑިސްއެބިލިޓީ-އިންކްލޫސިވް އެޑިއުކޭޝަން ޕްރެކްޓިސަސް އިން މޯލްޑިވްސް"
މިއީ ރާއްޖޭގެ ތައުލީމީ ނިޒާމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހުރި ފުރުސަތުތަކާއި ގުޅޭގޮތުން ޔުނިސެފުން ކޮށްފައިވާ ދިރާސާއެކެވެ.













