މިދިޔަ އާދީއްތަ ދުވަހުގެ ފަތިހު، ކަސްރަތަށް ނިކުމެ އުޅުނު މީހުންނަށް ހައިރާންކަމެއް ލިބުނީ، ސިނަމާލެ ބްރިޖު ކައިރިއަށް މާލެ އަށް ބިސް އަޅަން އެރި ބޮޑު ވެލައެއް ފެނުމުންނެވެ. ބްރިޖުން މާލެ އަށް ފައިބާ ތަނުގައި އޮތް ފަސްގަނޑަށް އަރައި ތޮށި ގަނޑާއި ކައިރީގައި ބޮޑު ދެ ވަޅު ކޮނެ ބިސް އެޅުމަށް ވެލާ ތައްޔާރުވެ އޮތް ފޮޓޯތަށް ސޯޝަލް މީޑިޔާގައި އާންމުވި އެވެ.
ވޭތުވެދިޔަ 25 ވަރަކަށް އަހަރަށް ބަލާއިރު ވެސް، މާލެއަށް ވެލައެެއް އަރާފައިވާކަން ރަސްމީކޮށް އެނގޭކަށް ނެތެވެ. ހެނދުނު ހަހެއް ޖެހުމުގެ ކުޑަ އިރުކޮޅެއް ކުރިން، ފެނުނު ވެލައަށް ބިސް ނޭޅި އުޅެނިކޮށް، ދެތިން ފުލުހުން ގޮސް، ވަޅުން ވެލާ ނަގައި "ފައްސާލި" އެވެ. ބިސް އަޅަން އެރި ވެލަ އަށް، ފުލުހުންގެ ސަބަބުން އެ ފުރުސަތު ނުލިބި ދާން މަޖުބޫރުވި އެވެ.
ވެލާ، ކަހަނބު ހިމާޔަތް ކުރުމުގައި ގިނަ މަސައްކަތް ތަކެއް ކުރައްވާފައިވާ، ތިމާވެށީގެ ތަޖުރިބާކާރު މުހައްމަދު ޒާހިރު (މީމުޒަވިޔަނި) ވިދާޅުވީ، ފުލުހުން ވެލާ އާ މެދު ކަންތައް ކުރީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ވެލައާމެދު ފުލުހުން ވަކި ގޮތެއް އަމިއްލަ އަށް ނިންމުމުގެ ބަދަލުގައި، އެކަން ރިޕޯޓު ކުރަން ޖެހޭނީ، އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށެވެ.

ސިނަމާލެ ބްރިޖް ކަރިއަށް އެރި ވެލާ ބިސް އެޅުމަށްޓަކައި ވަޅު ކޮނެފައި؛ ވެލާ ފޮނުވާލީ ފުލުހުން-- ފޮޓޯ ޕީއެސްއެމް
"އެއީ ބިސް އަޅަން އަރާ ކަހަލަ ބީޗެއް ނޫން، ފުލުހުނަށް ގަބޫލު ކުރެވިފައި އޮވެދާނެ، އޭތި އޮތީ ތާށިވެފައި ކަމަށް، ބިސް އަޅަން އެރި ވެލައެއްކަން ނޭނގުނީމަ ކަމަށް ވެދާނެ ފޮނުވާލީ،" މީމުޒަވިޔަނި ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެތަނަށް ވެލާ ބިސް އެޅިނަމަ ބޯޑެއް ބަހައްޓައިގެން ނުވަތަ ފުލުހަކު ބަހައްޓައިގެން ނަމަވެސް ބިސް ވަޅު ބެލެހެއްޓުމާ މެދު އެޗްޕީއޭ އަށް ގޮތެއް ނިންމިދާނެ އެވެ.
"ވެލައާ ބެހޭ ތަޖުރިބާކާރުން ބުނާ ގޮތުން، ވެލާ ބިސް އަޅަން އަރާނީ އެ ވެލައެއް އުފަންވި ތަނަކަށް،" އޭނާ ވިދާޅުވި އެވެ.
އާދަމް ކިޔާ މީހަކު ޓްވިޓާގައި ބުނެފައިވާ ގޮތުގައި މީގެ ތިން އަހަރު ކުރިން ވެސް އެ ސަރަހައްދަށް އެ ވެލާ އަރާފައިވާ ފައިބައިގެން ދާތަން އޭނާ އަށް ފެނިފައި ވެ އެވެ. އޭނާ ވަނީ ކުރިން އެރި ވެލާ މޫދަން ފައިބާގެން ދާތަން ފެންނަ ވީޑިއޯއެއް ވެސް ޓްވީޓް ކޮށްފަ އެވެ.
މާލެ އަށް އެރި ވެލައާ މެދު ފުލުހުން އަމަލުކުރި ގޮތާމެދު، އެ އިދާރާގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ. ބޮޑަަށް ގަބޫލު ކުރެވޭ ގޮތުގައި އެ ވެލާ ފޮނުވާލީ، ވެލައަށް މީހަކު ގެންލުމެއް ދިނުމުގެ ކުރިން އެއަށް ރައްކާތެރިކަން ހޯދައިދިނުމަށެވެ.













