ތައިރޮއިޑް ސާޖަރީއަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސިންގަޕޫރުގެ ހޮސްޕިޓަލުން ޑިސްޗާޖުކޮށްފައި ވަނީ އިއްޔެ އެވެ.
ފެބްރުއަރީ 23، އިން ފެށިގެން އެމަނިކުފާނު ހުންނެވީ ތައިރޮއިޑްގެ ފަރުވާއަކަށް ޑޮކްޓަރުން ލަފާ ދެއްވާފައިވާތީ ސިންގަޕޫރުގަ އެވެ. އަދި، މިދިޔަ ހުކުރު ދުވަހު ތިން ގަޑިއިރުގެ ސާޖަރީއެއް ކުރެއްވި އެވެ.
އެމަނިކުފާނު ސާޖަރީގައި ހޭދަވި ވަގުތުގައި ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންނެވީ ނައިބު ރައީސް ފައިސަލް ނަސީމް އެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެރިކަމުގެ ބާރުތައް ރިޔާސީ ދައުރެއް ހިނގަމުން ދަނިކޮށް މިފަދަ ގޮތަކަށް ނައިބު ރައީސްގެ އަތްޕުޅަށް ބަދަލުވި ފުރަތަމަ ފަހަރެވެ.
ސާޖަރީއަށްފަހު އަލުން މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންނެވި ނަމަވެސް, އެމަނިކުފާނު އޮންނެވީ ހާލުކޮޅު ރަނގަޅުވަންދެން ހޮސްޕިޓަލުގަ އެވެ. އިއްޔެ ރައީސް އޮފީހުން މި ނޫހަށް ބުނި ގޮތުގައި ރައީސްގެ ހާލުކޮޅު ރަނގަޅެވެ.
އެމަނިކުފާނު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަރުވާއަށްފަހު މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށާއި ހާލުކޮޅު ރަނގަޅު ކަމަށެވެ. ކުޑަ ދުވަސްކޮޅެއް ތެރޭ އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވެސް ރައީސް ސޯލިހު މިއަދު ވިދާޅުވި އެވެ.

ރައީސް ވަނީ އެމަނިކުފާނު ސާޖަރީއަށް ވަޑައިގަތުމުން އެމަނިކުފާނަށްޓަކައި ހެޔޮ ދުއާ ކުރެއްވި އެންމެންނަށް ޝުކުރު ވެސް އަދާކުރައްވާފަ އެވެ.
ބައެއް މުހިންމު ހަބަރުތައް
- ރާއްޖެއަށް އެތެރެކުރާ ތެލުގެ ކޮލިޓީ ޓެސްޓުކޮށް, ކަށަވަރުކުރާ ފިއުލް ޓެސްޓިން ލެބޯޓްރީއެއް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހުޅުވީ އިއްޔެ އެވެ.
- ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި ކޯޓުން ބޭރުކޮށްލީ އިއްޔެ އެވެ.
- ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ހަސަން މުގުނީ ވަކިކޮށް، އެ މަގާމަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް އަހުމަދު ޝަރީފް އައްޔަނުކުރީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނުއަސާސީން ލިބިދީފައިވާ ބާރުތައް ހަނިކޮށް، އިދިކޮޅު ޕާޓީއަކުން އަދާކުރާނެ ދައުރު އަދާކުރަމުންދަނީ ރާވައިގެން ސަރުކާރު ވައްޓާލުމަށް ކަމަށް ތުހުމަތު ކުރައްވަމުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފްގެ އިއްޔެގެ މަޖިލިސް ޖަލްސާގައި ވިދާޅުވީ:
"ރައީސްއަށް ގާނޫނުއަސާސީގެ 115 ވަނަ މާއްދާއިން ވެރިކަން ކުރަން ލިބޭ ހަނި ފުރުސަތު. އެ ނިގުޅައިގަނެ އަތްފައި ބުރިކޮށްލަން މި މަޖިލީހުގައި އިދިކޮޅު ޕާޓީއެއްގެ ދައުރު ވެރިކަންކުރާ ޕާޓީން ކުރާ ކަމަކީ ކަންބޮޑުވާން ޖެހޭ ކަމެއް. ބިރުވެރި ކަމެއް. ނުރައްކާތެރި ކަމެއް. ސަރުކާރު ވައްޓާލުމަށް ރޭވިގެން ހިންގާ ޖަރީމާއެއްކަމަށް އަޅުގަނޑު ސިފަ މިކުރަނީ ކެރިހުރެ ސާބިތުކަމާއެކު،"
ދުވަހުގެ ފޮޓޯ

ރާއްޖެއަށް އެތެރެކުރާ ތެލުގެ ކޮލިޓީ ޓެސްޓުކޮށް, ކަށަވަރުކުރާ ފިއުލް ޓެސްޓިން ލެބޯޓްރީއެއް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަނުން ހުޅުވުން. ޖިއޯ ކެމް ލެބޯޓްރީން ޖެޓް ފިއުލްގެ އިތުރުން ޕެޓްރޯލާއި ޑީސަލުގެ ކޮލިޓީ އެޝުއަރަންސް ޓެސްޓުތައް ހެދޭނެ -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
ދިރާސާތަކުން ކިޔާލުމަށް
މިއީ 2016 ވަނަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އާންމުކޮށްފައިވާ ދިރާސާއެކެވެ. މި ދިރާސާގައި ވަނީ ދިވެހިރާއްްޖެއިން މެލޭރިއާ ނައްތާލި ގޮތާއި ނައްތާލުމަށް ކުރި މަސައްކަތްތައް ގެނެސްދީފަ އެވެ.












