ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލެވޭނެ ގޮތްތައް ނ. އަތޮޅުގައި ގާއިމް ކުރުމަށް ސޮނެވާ ނަމޫނާ އާއި ނ. އަތޮޅު ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ނ. މަނަދޫގައި އޮތް ސޮއިކުރުމުގެ ރަސްމިއްޔާތުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު އެވެ. އަދި، ސޮނެވާ ނަމޫނާގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމްއިއްޔާގެ އޮޕަރޭޝަންސް އެންޑް ކޮމިއުނިޓީ އެންގޭޖްމެންޓް ޑިރެކްޓަރު ކެޓެރްޒީނާ މަރިއާ އިޒީޑޮޒިކީ އެވެ.
"ދިވެހިރާއްޖޭގެ ޤުދުރަތީ ރީތިކަން ރައްކާތެރިކޮށް ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގައި ކުނި ދެމެހެއްޓެނިވި ގޮތުގައި ނައްތާލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް. އަދި މި މަސައްކަތް އެންމެ ރަނގަޅު ގޮތުގައި ކުރުމަށް އަތޮޅުތަކަށް ފަންނީ އެހީތެރިކަން ބޭނުންވޭ،" ބަޝީރު ވިދާޅުވި އެވެ.
އެ އެއްބަސްވުމުގެ ދަށުން ރަށު ފެންވަރުގައި ހުންނަ ކުނީގެ މައްސަލަތަށް ހައްލުކޮށް، ސިންގަލް-ޔޫސް ޕްލާސްޓިކް މަދު ކުރުމާއި އަދި ކުނި ރަނގަޅަށް ވަކިކޮށް ތަރުތީބުކުރުމަށް ބޭނުންކުރާ "ނަމޫނާ ސަސްޓައިނެބަލް ވޭސްޓް މެނޭޖްމެންޓް މޮޑެލް" ނ. އަތޮޅުގައި ގާއިމްކުރުމަށް އެ އަތޮޅު ކައުންސިލަށް ބޭނުންވާ ޓެކްނިކަލް އަދި ސްޓްރެޓަޖިކް އެހީތެރިކަން ސޮނެވާ ނަމޫނާ އިން ފޯރުކޮށްދޭނެ އެވެ.
"މި އެމްއޯޔޫ އާއެކު ނ. އަތޮޅަށް މި އެހީތެރިކަން ލިބިގެންދާނެކަން ފާހަގަކޮށް އަޅުގަނޑު އުފާކުރަން. އަދި މި މަސައްކަތުން ނަމޫނާ ލިބިގަނެގެން މުޅި ދިވެހިރާއްޖޭގައި ވެސް ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލެވޭނެ ނިޒާމްތައް ޤާއިމްކުރުމަށް މަސައްކަތް ފެށޭނެ ކަމަށް އުންމީދުކުރަން،" ބަޝީރު ވިދާޅުވި އެވެ.

ސޮނެވާ ނަމޫނާ އިން ވަނީ ބ. މާޅޮސް، ދަރަވަންދޫ، އަދި ކިހާދޫގައި ވެސް މިފަދަ ދެމެހެއްޓެނިވި ކުނި ނައްތާލުމުގެ ނިޒާމް ގާއިމުކުރުމަށް މަސައްކަތް ކޮށްފައެވެ. އެގޮތުން، އެ ރަށްތަކުގައި ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކޮށް، ކުނި ވަކިކުރުން އަދި ރީސައިކަލް ކުރުން އިތުރުކޮށް، ކުނި އެންދުން ހުއްޓާލުމުގެ މަސައްކަތް އެޖަމްއިއްޔާ އާ ގުޅިގެން އަންނަނީ ކުރަމުންނެވެ.
"ނ. އަތޮޅު ކައުންސިލްގެ އިސް ނެންގެވުމާއެކު، އަޅުގަނޑުމެން މިތިބީ އެބޭފުޅުންނާއެކު މި މަސައްކަތް ފަށަން ކެތް މަދުވެފައި. މި މަސައްކަތާއެކު ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލެވޭނެ ނިޒާމުތައް މުޅި އަތޮޅު ތެރެއަށް ފެތުރި ގާއިމުކުރެވިގެންދާނެ،" ސޮނެވާ ނަމޫނާގެ ކެޓެރްޒީނާ ވިދާޅުވި އެވެ.
އެ ޖަމްއިއްޔާއަކީ ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލުމުގެ މަސައްކަތް ކުރަމުންދާ މަދަނީ ޖަމްއިއްޔާއެކެވެ.













