ރަޝިޔާގެ ސަރުކާރަށް އަދި އެ ގައުމުގެ ދައުލަތާ ގުޅިފައި ތިބި މަހުޖަނުންނަށް ދަތި ކުރުމުގެ ފިޔަވަޅުތައް އަޅަމުންދާ މި ދަނޑިވަޅުގައި އެ ގައުމުގެ ބިލިއަނަރު އޮލެގް ޑެރިޕާސްކާގެ ލަގްޒަރީ ޔޮޓު ކްލިއޯ ދިވެހިރާއްޖޭއަށް ގެނެސްފި އެވެ.
މެރިން ޓްރެފިކް އިން ދައްކާ ގޮތުގައި ކްލިއޯ ރާއްޖެއަށް ފުރީ ސްރީ ލަންކާގެ ގޯލުގެ ޕޯޓަކުންނެވެ. އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ވެބްސައިޓުން ދައްކާ ގޮތުން ކްލިއޯ މިހާރު އޮތީ ރާއްޖޭގަ އެވެ.
އޮލެގް ޑެރިޕާސްކާއަކީ ރަޝިޔާގެ އިންޑަސްޓްރިއަލް ކުންފުނި ބޭސިކް އެލެމެންޓްސްގެ ވެރިޔާ އެވެ. އޭނާގެ އާމްދަނީ އާއި މުދަލުގެ އަގު 3.9 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ފޯބްސް މެގަޒިނުން ލަފާ ކުރެ އެވެ.

އޮލެގްގެ ޔޮޓު ކްލިއޯ، އެހެން ނަމެއްގައި ދުއްވި އިރު ނަގާފައިވާ ފޮޓޯއެއް: މި ޔޮޓު މާލެ ގެނައީ ސްރީ ލަންކާގެ ގޯލުގެ ޕޯޓަކުން -- ފޮޓޯ:
އާންމުކޮށް ފެންނަން ހުރި މައުލޫމާތަށް ބަލާއިރު އޮލެގްގެ އޮތް ހަމައެކަނި ޔޮޓަކީ ކްލިއޯ އެވެ. ނަމަވެސް ހަ ޖެޓު އޭނާ އަތުގައި އޮންނަ ކަމަށްވެ އެވެ.

ގާތްގަނޑަކަށް 2300 ޓަނުގެ 72 ފޫޓުގެ ކްލިއޯ ރަޖިސްޓްރީކޮށްފައި އޮންނަނީ ކޭމަން އައިލެންޑްސްއަށެވެ. އެއީ މީގެ 18 އަހަރު ކުރިން 2004 ވަނަ އަހަރު ޖަރުމަނުގައި ބަން ޔޮޓެކެވެ.
އޮލެގްއަކީ ރަޝިޔާއިން ޔޫކްރެެއިން ހިފުމަށް ކުރާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލި ރަޝިޔާގެ މަދު މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. ހަމަލާ ބަދަލު ކުރުން ހުއްޓާލައި، ސުލްހައަށް އޭނާ ގޮވާލީ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓުވިޓާ މެދުވެރިކޮށެވެ.
ރަޝިޔާގެ ރައީސް ވްލެޑިމިޔާ ޕުޓިންއާ ގާތް ގުޅުމެއް އޮންނަ ކަމަށް ބެލެވޭ، ޑެރިޕާސްކާއަށް މީގެ ކުރިން ވެސް އެމެރިކާއިން ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ. އެގޮތުން 2018 ވަނަ އަހަރު ދަތިކުރުމުގެ ފިޔަވަޅު އެޅި އެވެ. އަދި މިދިޔަ އަހަރު އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ވަނީ އެ ގައުމުގެ ވޮޝިންޓަނުގައި އޮލެގް ގަނެފައި ހުރި ގެއެއް ބަލައި ފާސްކޮށްފަ އެވެ.
ޔޫކްރެއިނު ހިފުމަށް ރަޝިޔާއިން ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް 1000 އެއްހާ މީހުން މަރުވެފައިވާ ކަމަށް ލަފާ ކުރެ އެވެ. ޔޫކްރެއިނުގެ ބޮޑެތި ހުރިހާ ސިޓީއަކަށް ރަޝިޔާއިން ދަނީ ވަރަށް ބޮޑަށް ހަމަލާދެމުންނެވެ.
ހަނގުރާމަ ބާރަށް ކުރިއަށްދާއިރު އަދިވެސް ޔޫކްރެއިނުގައި ނުވަ ދިވެހިން އެބަތިއްބެވެ. އެއީ ހާރްކީގައި ތިބި އަށް މީހަކާއި އެހެން ސިޓީއެއްގައި ހުރި އިތުރު މީހެކެވެ. އެ އެންމެން ވެސް ގެނައުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. ނަމަވެސް އެ ދެ ސިޓީގެ މަގުތަކުގައި ވެސް ހަނގުރާމަ ކުރަމުންދާތީ ސިޓީން ބޭރުވުމަށް ބޮޑެތި ގޮންޖެހުން އެބަހުއްޓެވެ.













