އިނގިރޭސި ޕްރިމިއާ ލީގުގެ އާސެނަލް އަށް މިދިޔަ ސީޒަންގައި 100 މިލިއަން ޕައުންޑް (143 މިލިއަން ޑޮލަރު)ގެ ބޮޑު މާލީ ގެއްލުމެއް ލިބިއްޖެ އެވެ.
ޕްރިމިއާ ލީގުގެ އާސެނަލަށް 2019-2010 ގެ ސީޒަންގައި ލިބުނީ 50 މިލިއަން ޕައުންޑް (67 މިލިއަން ޑޮލަރު) އަށް ވުރެ ކުޑަ ގެއްލުމެކެވެ. ނަމަވެސް އެންމެ ފަހުން ނެރުނު ތަފާތު ހިސާބުތައް ދައްކާ ގޮތުން މިދިޔަ ސީޒަންގައި އެކުލަބަށްވަނީ 100 މިލިއަން ޕައުންޑް (143 މިލިއަަން ޑޮލަރު) ގެއްލުމެއް ލިބިފަ އެވެ.
ކުލަބުން ހާމަކުރި ގޮތުގައި ކޮވިޑް-19ގެ ސަބަބުން ސަޕޯޓަރުން ނުވައްދައި މެޗުތައް ކުޅެން ޖެހުމުގެ ސަބަބުން އެކަނި ވެސް ކުލަބަށްވަނީ 85 މިލިއަން ޕައުންޑް (114 މިލިއަން ޑޮލަރު)ގެ ގެއްލުމެއް ލިބިފައިވާ ކަމަށެވެ. އެ ގޮތުން މެޗުކުގެ ޓިކެޓު ވިއްކައިގެން ލިބޭ އާމްދަނީވަނީ 75 މިލިއަން ޕައުންޑް (100 މިލިއަން ޑޮލަރު) އިން 3.8 މިލިއަން ޕައުންޑް (5.1 މިލިއަން ޑޮލަރު) ވެއްޓިފަ އެވެ.
ކުލަބުގެ އެކި ހަރަދުތަކަށް ބަލާއިރު 2020 ގައި އާސެނަލުން މުސާރައިގެ ގޮތުގައި 244 މިލިއަން ޕައުންޑް (244 މިލިއަން ޑޮލަރު) ހޭދަކުރި އެވެ. އަދި މި އަދަދުވަނީ 2021 ވަނަ އަހަރު 10 މިލިއަން ޕައުންޑުން (13 މިލިއަން ޑޮލަރު) އިތުރުވެފަ އެވެ. އެހެން ނަމަވެސް ކުލަބުގެ ކުޅުންތެރިންނާއި ކޯޗު މިކޭލް އާޓެޓާ ވަނީ ކޮވިޑް-19ގެ ދުވަސްތަކުގައި މުސާރައިގެ 12.5 އިންސައްތަ މަދުން ލިބޭ ގޮތަށް ކުލަބާ އެކު އެއްބަސްވެފަ އެވެ.
އާސެނަލަށް ލިބޭ މާލީ ގެއްލުންތަކުން އަރައިގަތުމަށް އެކުލަބުން ވަނީ ކުރިއަށް އޮތް ސީޒަނުގެ ޓިކެޓުގެ އަގުތައް ބޮޑުކޮށްފަ އެވެ.
"ކުލަބަށް ލިބެމުން އަންނަ މާލީ ގެއްލުންތަކުން އަރައިގަތުމަށް ލިބޭ އާމްދަނީ އިތުރުކުރަން އެބަޖެހޭ، މިގޮތުން ޓިކެޓުތަކުގެ އަގު ބޮޑު ކުރަންޖެހުނީ މިވަގުތަށް ފެނުނު އެންމެ ރަނގަޅު ގޮތަކީ އެއީކަމަށް ބަލާފައި" އާސެނަލުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
އާސެނަލުން އެންމެ ފަހުން ހޯދި ތައްޓަކީ 2020 ގެ އެފްއޭ ކަޕެވެ. ކުލަބުން މި ތަށި ހޯދި ކަމުގައި ވިޔަސް އެޓީމަށް ލީގުގެ ގަދަ ހަތަރަކުން ޖާގަ ގެއްލި ޔޫއެފާ ޗެމްޕިއަންސް ލީގާއި، ޔޫއެފާ ޔޫރޮޕާ ލީގުން ފުރުސަތު ނުލިބޭތީ ކުލަބަށް އަންނަނީ މާލީ ގޮތުން ގޮންޖެހުންތައް އިތުރު ކުރަމުންނެވެ. ސަބަބަކީ ޗެމްޕިއަންސް ލީގާއި، ޔޫރޮޕާ ލީގަށް ކޮލިފައިވާ ޓީމްތަކަށް އިނގިރޭސި ޓީވީ ރައިޓްސް ޑީލުންނާއި ޔޫއެފާއިން ދޭ ފައިސާގެ އިތުރުން ޓިކެޓް ވިއްކައިގެން ވެސް ބޮޑު އާމްދަނީއެއް ލިބުމެވެ.












