މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ މެރިން ކޯ ގެ ސްޕެޝަލް އޮޕަރޭޝަންސް ގުރޫޕު (އެސްއޯޖީ) ޔުނިޓެއް މިއަދު އިފްތިތާހުކޮށްފި އެވެ.
އެސްއޯޖީއަކީ އެމްއެންޑީއެފުން ބުނާ ގޮތުގައި އެއްގަމާއި ކަނޑުގައި ހިންގަންޖެހޭ ހާއްސަ އޮޕަރޭޝަންތައް ހިންގުމާއި އަދި ކުއްލި ނުރައްކަލުގެ ހާލަތުގައި ހަރަކާތްތެރިވެ ހާއްސަ އޮޕަރޭޝަންތައް ހިންގުމަށް މުޅިން އަލަށް އެކުލަވާލެވުނު ޔުނިޓެއް ކަމަށެވެ. އެ ޔުނިޓް އޮޕަރޭޓްކުރާނީ އެމްއެންޑީއެފްގެ މެރިން ކޯގެ އެލީޓް ހާއްސަ ޔުނިޓެއްގެ ގޮތުގައި ކަމަށް ސިފައިން ބުނެ އެވެ.
އެ ޔުނިޓް މިއަދު އިފްތިތާހުކުރީ ޔުނިޓުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ބޭނުންވާނޭ ހުނަރު ދަސްކޮށްދިނުމަށް ނުވަ މަހުގެ ޓްރެއިނިންއަކަށް ފަހުކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އެ ތަމްރީނު ޕްރޮގްރާމަކީ އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޮމާންޑް، ހުޅުލޭ ޕޯސްޓް އަދި ސެންޓްރަލް އޭރިއާ ކޮމާންޑުން ގުޅިގެން ލ. ކައްދޫގައި ހިންގި ކޯހެކެވެ. އެ ކޯހުގައި އެސްއޯޖީއަށް ނިސްބަތްވާ ޖުމްލަ 30 މެރީންސްއާއި ހަތަރު އޮފިސަރުން ބައިވެރިކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އެމްއެންޑީއެފްގެ ކޮލެޖު އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ އެ ކޯސް ވިލަރެސް ކޮށްފައިވަނީ މެރިން ކޯ ޓްރެއިނިން ސްކޫލުންނެވެ. އެ ކޯހުގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި ލީޑާޝިޕް އެންޑް މެނޭޖްމަންޓް، ވޯޓާބޯން އޮޕަރޭޝަންސް، ޓެކްޓިކަލް ކޮމްބެޓް، ކެޝުއަލްޓީ ކެއާ، ވާ ފައިޓިން އެންޑް ޓެކްޓިކްސް، ފިޒިކަލް ޓްރެއިނިންގް، ކޮމްބެޓް ޑައިވިން، މާޝަލް އާޓްސް، އަދި ޓެކްޓިކަލް ރެޕަލިން ފަދަ ބައިތައް ހިމެނޭކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފުން ބުނީ ކޯހުގައި ބައިވެރިވި ހުރިހާ ބައިވެރިން ވެސް ކާމިޔާބު ކަމާއެކު ކޯސް ފުރިހަމަކޮށް، ކޯހުގެ ބެޖު ހާސިލްކޮށްފައިވާ ކަމަށެވެ.
މިއަދު އެ ޔުނިޓް އިފްތިތާހުކުރީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ. އެ ރަސްމިއްޔާތުގައި އެސްއޯޖީގެ ބެރޭތައް ކޯހުގެ ބައިވެރިންނަށް އެރުވީ މިނިސްޓަރު މާރިޔާ އެވެ. އަދި ކޯހުގެ ބައިވެރިންނަށް މަގާމުގެ ރޭންކު ހަވާލުކޮށްކުރީ އެ މެރީންސްގެ އާއިލާތަކުގެ މެންބަރުންނެވެ.
އަދި މެރީންސްއަށް އެސްއޯޖީގެ ބެޖާއި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލެވެ. އަދި އެސްއޯޖީގެ ޓެބް ހަރުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފެވެ.
މިއަދު އޮތް ރަސްމިއްޔާތުގައި އެސްއޯޖީ ގުރޫޕުގެ ލައިވް ފަޔާ ޑެމޮންސްޓްރޭޝަނެއް ވެސް ވަނީ ދައްކާލާފަ އެވެ. އެގޮތުން އެ ޑެމޮންސްޓްރޭޝަންގައި ޓެރަރިސްޓުންތަކެއްގެ ކިއްލާއެއް ނައްތާލާނެ ގޮތުގެ ރެއިޑް އޮޕަރޭޝަނެއް އެސްއޯޖީ މެރިންސްއިން ވަނީ ދައްކާލާފަ އެވެ.
އެ އޮޕަރޭޝަންގައި ކަނޑުމަގުން އޮޓޮމެޓިކް މެޝިން ބަޑިއަކުން ކަވަރިން ފަޔާ ދިނުމާއި، އެކި ވައްތަރުގެ ގޮވާތަކެތި ބޭނުންކޮށްގެން އިމާރާތެއް ގޮއްވާލުމާއި، މެކޭނިކަލް އަދި ގޮވާތަކެތި ބޭނުންކޮށްގެން އިމާރާތަކަށް ވަދެ ރޫމްތަކަށް ވަދެ އެ އިމާރާތް ކްލިއާ ކުރާނެ ގޮތްތައް ވެސް ވަނީ ދައްކާލާފަ އެވެ.













