ރާއްޖެ މަސްތުން ސަލާމަތް ކުރަން ވެރިން އަތުކުރި އޮޅާލައިފި، އެދުނީ ތައުލީމީ މީހުންގެ އެހީއަށް

ހެލްތް މިނިސްޓަރު ނަސީމް (ކ)، ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު (މ) ހޯމް މިނިސްޓަރު އިމްރާން (ވ)

ހެލްތް މިނިސްޓަރު ނަސީމް (ކ)، ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު (މ) ހޯމް މިނިސްޓަރު އިމްރާން (ވ)

މީގެ އެތައް އަހަރެއް ކުރިން ފެށިގެން ދިވެހި މުޖުތަމައުގައި އޮތް މަސްތުވާތަކެތީގެ ވަބާއިން ސަލާމަތް ކުރުމަށް އަމާޒުކޮށް މާފުށީ ޖަލުގައި ފެށި ރީހެބިލިޓޭޝަން ޕްރޮގްރާމް ހުއްޓާލާނީ ރަނގަޅު ބަދަލެއް ގެނައުމަށްފަހު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މާފުށީ ޖަލުގައި 40 ގައިދީންނާއެކު މިއަދު ފެށި ރީހެބިލިޓޭޝަން ޕްރޮގްރާމުގައި ހިމެނެނީ މައިގަނޑު ހަތަރު މަރުހަލާއެކެވެ. އެއީ ޑިޓޮކްސިފިކޭޝަން، ރީހެބިލިޓޭޝަން، ރިސްކް އެސެސްމަންޓް އަދި އާފްޓާކެއާ ސާވިސް އެވެ.

އެކަމަށްޓަކައި މާފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު ވިދާޅުވީ މިއަދު ފެށިގެން މި ދިޔަ މަސައްކަތަކީ މި ރާއްޖެ މަސްތުވާތަކެތިން ސަލާމަތްވާން ކުރެވުނު އެންމެ ބޮޑު އިންގިލާބީ އެއް މަސައްކަތް ކަމަށެވެ.

Advertisement

އެގޮތުން އެ ޕްރޮގްރާމްގެ ސަބަބުން މަސްތުވާތަކެތީގައި ހިއްސާވެފައިވާ ގިނަ ބައެއްގެ ހަޔާތް އަނދިރިވެފައިވާ ހަޔާތަށް އަލިކަމެއް ގެނެސްދީ، އުންމީދު އާ ކޮށްދޭނެ މަގަކަށް މި ޕްރޮގްރާމް ވެގެންދާނެ ކަމަށް ނަސީމް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ޖަލުގެ ބޮޑު އާބާދީއަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން ކަމަށެވެ. އެކަމަށް ފަރުވާއެއް ހޯދުމަށް ވަރަށް ގިނަ މަސައްކަތްތައް މީގެ ކުރިންވެސް ކުރެވިފައިވާ ކަމަށާއި އޭގެން ރަނގަޅު ނަތީޖާއެއް ލިބިފައިވާ ކަމަށެވެ.

"އަޅުގަނޑު މި ވުޒާރާއާ ހަވާލުވީއްސުރެ ބަލަމުން ދިޔައީ ކިހިނެއްތޯ މި ކަންކަން ތަރުތީބު ކުރާނީ. އެކަމުގެ މައްޗަށް ބިނާކޮށް އަޅުގަނޑުމެން މިހާރު މި ރީހެބިލިޓޭޝަން މި ފަށަނީ. އަޅުގަނޑު ދެކޭގޮތުގައި ރާއްޖޭގައި ހުރި ހުރިހާ ރަށެއްގެ ސިއްހީ މަރުކަޒެއްގައި މި ޕްރޮގްރާމް ކުރިއަށް ގެންދެވޭނެ،" ނަސީމް ވިދާޅުވި އެވެ.

މި އަހަރުގެ ފުރަތަމަ ތިން މަސް ނިމޭ ހިސާބުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސްތުވާތަކެތިން ސަލާމަތް ވުމަށް ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ފަށާނެ ކަމަށްވެސް ނަސީމް ވިދާޅުވި އެވެ. އެއާއެކު 186 ފެސިލިޓީއެއްގައި މި ޕްރޮގްރާމް ފެށިގެންދާނެ އެވެ.

މިނިސްޓަރު ވިދާޅުވީ މަސްތުވާ މީހުން ރިހެބިލިޓޭޓް ކުރުމަކީ ހަމައެކަނި ހައްލު ނޫން ކަމަށާއި އޭގެ އިތުރުން މުޖުތަމައު މިކަމަށް ހޭލުންތެރި ކުރުވަންވެސް ޖެހޭ ކަމަށެވެ.

"ހާއްސަކޮށް ބެލެނިވެރިންނަށް އަމާޒުކޮށްގެން އަޅުގަނޑުމެން ޕްރޮގްރާމްތަކެއް ފަށާނަން. މިހާރު އެ ޕްރޮގްރާމްތައް ހުރީ ތައްޔާރުވެފައި، އޭޕްރީލް، މެއި ހިސާބުގައި ފެށޭވަރު ވާނެ،" ނަސީމް ވިދާޅުވި އެވެ.

މިނިސްޓަރުގެ ވާހަކައިގައި ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތިން ސަލާމަތްވާން ބޭނުންވާ މީހުންނަށް ފަރުވާ ދިނުމަށް އެކަށީގެންވާ ވަރަށް އިންސާނީ ވަސީލަތް ނެތް ކަމަށެވެ.

"އަޅުގަނޑުމެންގެ ހިތާމައަކީ ކައުންސިލިން ދިނުމަށާއި ސޯޝަލް ސާވިސަސްއަށް ކިޔަވާފަ ތިއްބަވާ ބޭފުޅުން އަޅުގަނޑުމެން އެކީ މަސައްކަތް ނުކުރައްވާތީ،" މިނިސްޓަރު ވިދާޅުވި އެވެ.

މި ދާއިރާއިން ކިޔަވައިގެން ތިބި މީހުން ގިނަ ނަމަވެސް މި ކަމުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދެނީ މަދު މީހެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ކީއްވެ ކަމެއް ނޭނގެ އަޅުގަނޑުމެންނާ އެކީ މަސައްކަތެއް ނުކުރައްވަނީ. މިއީ ގައުމީ މަސައްކަތެއް. އަޅުގަނޑު އާދޭހާ އެއްްކޮށް މި ދަންވަނީ ކިޔަވައިގެންތިބި މީހުން އަޅުގަނޑުމެންނާ އެކު މަސައްކަތް ކޮށްދެއްވާ. މިކަމުގެ ތައުލީމު ލިބިވަޑައިގެން ތިއްބެވި، ޒައްރެއްގެ މިންވަރުވެސް ވިޔަސް އެނގިފައިވާނަމަ އަޅުގަނޑުމެންނާ ބައްދަލުކުރައްވާ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި މުޖުތަމައު ރަނގަޅުވާނީ އެންމެން މި ކަމުގައި ބައިވެރިވެ މަސައްކަތް ކޮށްގެން ކަމަށެވެ.

އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ މިއަދު އިފްތިތާހު ކުރެވުނު ޕްރޮގްރާމުގެ ސަބަބުން ޖަލުން ނުކުންނަ ކޮންމެ މީހަކީ ޒިންމާދާރު، އަމިއްލައަށް މަސައްކަތްކޮށްގެން ދިރިއުޅޭ އުފާވެރި ހަޔާތަކަށް ގެންގޮސްދޭނެ މަގު ކޮށައިދޭނެ ޕްރޮގްރާމަކަށްވާނެ ކަމަށެވެ.

މި މުޖުތަމައަށް ދިމާވެފައިވާ މަސްތުވާތަކެތީގެ ވަބާއިން އަރައިގަނެވޭނީ ސަރުކާރާއި ސަރުކާރުގެ މުއައްސަސާތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން މިކަމުގެ ތެރޭގައި ޝާމިލްވެ ބައިވެރިވާންޖެހޭ އާއިލާތައް ގުޅިގެން ވަށާޖެހޭ ނިޒާމެއް ގާއިމްކުރެވިގެންކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި ޕްރޮގްރާމްގެ ސަބަބުން ޖަލުގައި ކަސްތަޅުއެޅުވި، ބިކަވެ، ނިކަމެތިވެ، މާޔޫސްވެ، ގޮތްހުސްވެފައިވާ އާއިލާތަކާއެކު އުފާވެރި ހަޔާތެއް ލިބިދާނެކަމަށް ތަސައްވަރުވެސް ނުކުރާ އެތައް ޒުވާނެއްގެ ކުރިމަގު އުޖާލާކޮށް އިރާދަކުރެއްވިއްޔާ އަލިކޮށްދޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ދެއްކެވި ވާހަކައިގައި ވިދާޅުވީ މުސްތަގުބަލުގައި ރިހެބިލިޓޭޝަންގެ އިތުރު ޕްރޮގްރާމްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"އޭގެ ތެރޭގައި ޑީރެޑިކަލައިޒޭޝަން ޕްރޮގްރާމަކާއި، ސެކްސް އޮފެންޑާސް ރިހެބިލިޓޭޝަން ޕްރޮގްރާމްގެ އިތުރުން ޖުވެނައިލް ރިހެބިލިޓޭޝަން ޕްރޮގްރާމް ހިމެނޭ. އަދި ކުދި ކުށްތަކުގައި ޖަލަށް ގެނެވޭ މީހުންނަށް ޖެނެރަލް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ހިންގުމަށްވެސް މިހާރު މި އަންނަނީ މަސައްކަތްކުރަމުން،" ކޮމިޝަނާ ވިދާޅުވި އެވެ.

މިއަދުގެ އެ ރަސްމިއްޔާތުގައި ވަނީ ކަރެކްޝަނާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެއީ ރީހެބް ފަރުވާއަށްފަހު ޖަލުން މިނިވަންވުމަށްފަހު މުޖުތަމައުއަށް ނުކުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް ވެވުނު އެއްބަސްވުމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox