މިއުނިކް (ފެބްރުއަރީ 27) - ޖަރުމަނު ލީގުގައި ރޭ އެއިންޓްރަކްޓް ފްރޭންކްފާޓް އަތުން 1-0 އިން ބަޔާން މިއުނިކް މޮޅުވި މެޗުގައި އެ ޓީމުގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ޔޫކްރެއިންގެ ދިދަ ރަމްޒުކޮށްދޭ ކުލައިގެ ބޭންޑެއް އަޅައިގެން ކުޅުމުން ގިނަ ބަޔެއްގެ ސަމާލުކަން ލިބިއްޖެ އެވެ.
ރޭގެ މެޗުގައި ބަޔާންގެ ކެޕްޓަން ބޭންޑް އެއް އަތުގައި އަޅައިގެން ކުޅުނު ލެވަންޑޯސްކީގެ އަނެއް އަތުގައި އޮތީ ޔޫކްރެއިންގެ ދިދައިގައި ހުންނަ ރީނދޫ އާއި ނޫކުލަ ހުރި ބޭންޑެކެވެ. މިއީ ރަޝިއާ އާއި ޔޫކްރެއިނާ ދެމެދު މިހާރު ކުރަމުން އަންނަ ހަނގުރާމައިގައި ޔޫކްރެއިނަށް ސަޕޯޓް އޮތްކަން ދައްކުވައިދޭން ލެވަންޑޯސްކީ އެޅި ބޭންޑެކެވެ.
ފީފާ އިން އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެސްޓް އެވޯޑްސް މިދިޔަ ދެ ފަހަރު ހޯދި ލެވަންޑޯސްކީ ކެޕްޓަންކަން ކުރަމުން އަންނަ ޕޮލެންޑުން އަންނަނީ އަންނަ މަހު ރަޝިއާގައި ކުޅެން އޮތް ގަތަރު ވޯލްޑް ކަޕް ކޮލިފައިންގެ ޕްލޭއޮފް ބޮއިކޮޓްކުރަން މަޝްވަރާ ކުރަމުންނެވެ.
ލެވަންޑޯސްކީ ބުނީ ބޮއިކޮޓް ކުރުމަކީ ރަނގަޅު ނިންމުން ކަމަށާއި ހަނގުރާމައެއް ކޮށް ނުހައްގުން ބަޔަކަށް އަނިޔާ ލިބެމުންދާއިރު، ކަމެއް ނުވާ ކަމަށް ހަދައި، ފުޓްބޯޅަ މެޗުތަކެއް ކުޅެވޭނެ ކަމަށް ނުދެކޭ ކަމަށެވެ.
ފްރޭންކްފާޓް ދަނޑުގައި ރޭ ކުޅުނު މެޗުގެ ހަ ވަނަ މިނިޓްގައި އެ ޓީމުގެ ފިލިޕް ކޮސްޓިޗް އަށް ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭނުމެއް ނުކުރެވުނެވެ.
ބަޔާންގެ ގިނަ ހަމަލާތައް ފެނުނީ ދެ ވަނަ ހާފުގަ އެވެ. މެޗުގެ 58 ވަަނަ މިނިޓްގައި ލެވަންޑޯސްކީ ޖެހި ބޯޅައެއް ފްރޭންކްފާޓްގެ ކީޕަރު ކެވިން ޓްރަޕް ވަނީ މަތަކޮށްފަ އެވެ. މެޗުގައި ބަޔާންގެ ހަމައެކަނި ގޯލު ޖެހީ 72 ވަނަ މިނިޓްގައި ލެރޯއި ސާނޭ އެވެ. މިއީ ޔޯސުއާ ކިމިކް ދިން ބޯޅައަކުން ސާނޭ ތިިރިތިރިން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ.
މި މޮޅާ އެކު ބަޔާން އެއް ވަނައިގައި އޮތީ ނުވަ ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ބަޔާނަށް 24 މެޗުން 58 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ޑޯޓްމަންޑަށް 23 މެޗުން ވަނީ 49 ޕޮއިންޓް ލިބިފަ އެވެ. ރޭ އާރްމީނިއާ ބީލަފެއިލްޑް އަތުން 3-0 އިން މޮޅުވި ބަޔާ ލެވަކޫސަން ތިން ވަނައިގައި އޮތީ 24 މެޗުން 44 ޕޮއިންޓް ހޯދައިގެންނެވެ.












