ލަންޑަން (ފެބްރުއަރީ 25) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހު ވަގުތު ވުލްވްސް އަތުން 2-1 އިން މޮޅުވެ، އާސެނަލް ލީގުގެ ފަސް ވަނަ އަށް ޖެހިލައިފި އެވެ.
ރޭގެ މޮޅާ އެކު އާސެނަލް ވަނީ ހަތަރު ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ވުރެ ދެ މެޗު މަދުން ކުޅެ، އެ ޓީމާ ދެ ޕޮއިންޓަށް ގާތަށް ޖެހިލައިފަ އެވެ. ޔުނައިޓެޑް ހަތަރު ވަނައިގައި އޮތީ 26 މެޗުން 46 ޕޮއިންޓާ އެކު އެވެ. އާސެނަލް ފަސް ވަނަ އަށް ޖެހިލީ 24 މެޗުން 45 ޕޮއިންޓް ހޯދައިގެންނެވެ. ކުރިން ހަތަރެއްގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑް ފަސް ވަނައިގައި މިހާރު އޮތީ 26 މެޗުން 42 ޕޮއިންޓް ހޯދައިގެންނެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ 10 ވަނަ މިނިޓްގައި ވުލްވްސް އިން ލީޑުނެގި އެވެ. މިއީ އާސެނަލްގެ ޑިފެންޑަރު ގަބްރިއެލް މަގާޅައެސް އެ ޓީމުގެ ކީޕަރު އާރޮން ރަމްސްޑޭލަށް ދޭން ފަހަތައް ޖައްސާލި ބޯޅައެއް ހޯދައި ވުލްވްސްގެ ދެކުނު ކޮރެއާ ފޯވާޑް ހްވާން ހީ ޗާން ޖެހި ގޯލެކެވެ. ހީ ޗާން މި ގޯލު ޖެހީ ކީޕަރު ރަމްސްޑޭލް ނައްޓާފަ އެވެ.
ދެ ވަނަ ހާފުގައި ވުލްވްސްގެ ލީޑުފުޅާކުރަން ހީ ޗާން އަށް ލިބުނު ފުރުސަތުން އޭނާ ޖެހި ބޯޅަ ދިޔައީ ގޯލު ކުރިމަތިން ހުރަސްވެގެންނެވެ.
އާސެނަލަށް އެއްވަރުކޮށްދިނީ މެޗުގެ 82 ވަނަ މިނިޓްގައި ނިކޮލަސް ޕެޕޭ އެވެ. އޭރިއާތެެރިން އާސެނަލްގެ ފޯވާޑް އެޑީ އެންކެޓިއޭ ދިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު ޕެޕޭ ވަނީ ގޯލުގެ ކައިރީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. އިތުރު ވަގުތުގެ ފަސް ވަނަ މިނިޓްގައި އާސެނަލް މޮޅުވި ގޯލަކީ ވުލްްވްސްގެ ކީޕަރު ހޯސޭ ސާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަލެކްސަންޑާ ލަކަޒޭޓް ފޮނުވާލި ބޯޅަ ގޯލުގެ ދުރު ކަނަށް އަމާޒުވީ ކީޕަރު ސާ އަތުގައި ޖެހިފަ އެވެ.
ރޭގެ މޮޅާ އެކު އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އަށް އޮތް ހިތްހަމަޖެހުމަކީ ގަދަ ހަތަރެއްގެ ރޭހުގައި އަމިއްލަ ބާރުގައި ކުރިއަށްދާން ބޮޑު ފިޔަވަޅެއް ކުރިއަށް އެޅުމެވެ. އާޓެޓާ ބުނީ މި ސީޒަނަށް ލީގުގައި އާސެނަލްގެ ޓާގެޓަށް އޮތީ ގަދަ ހަތަރަކަށް ވަދެ، ފަސް އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގައި އަންނަ ސީޒަނުގައި ކުޅުން ކަމަށެވެ.












