ރަޝިޔާއިން ޔޫކްރެއިނުގެ ބޮޑެތި ސިޓީތަކަށް މިއަދު ފަތިހުން ފެށިގެން ވަރުގަދަ ހަމަލާތަކެއް ދެމުންދާއިރު ރާއްޖެއަށް ނާދެވި އެގައުމުގައި މިވަގުތު ތިބި ދިވެހި ދަރިވަރުން އަނބުރާ ރާއްޖެ ގެނެވޭނެ ގޮތްތައް ހޯދަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ޔޫކްރެއިނުގެ އިވާނޯގައި 14 ދިވެހިން އެ ތިއްބެވެ. ހާރްކީވްގައި ފަސް ދިވެހިން އެބަ އުޅެ އެވެ. އިތުރު ދެ ސިޓީއެއްގައި އަދި އިތުރު ދެ ދިވެހިން އެބަތިއްބެވެ.
ފޮރިން މިނިސްޓްރީން ދެންމެ ބުނީ އެ މިނިސްޓްރީ އާއި ޖަރުމަނުގައި ހުންނަ ރާއްޖޭގެ އެމްބަސީން އެ ދަރިވަރުން ރައްކާތެރި ސަރަހައްދަކަށް ބަދަލުކޮށް ރާއްޖެ ގެނެވޭނެ ގޮތެއް ހޯދަމުންދާ ކަމަށެވެ. އަދި އެކަމުގައި އެކުވެރި ގައުމުތަކާ ވާހަކަ ދައްކަމުންދާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
އޭގެ އިތުރުން، އެ ދަރިވަރުންގެ ހާލު ރަނގަޅު ކަމަށާއި، ބޭނުންވާ ވަރަށް ފެނާއި ކާއެއްޗެހީގެ އިތުރުން ފައިސާ އެ ދަރިވަރުންގެ އަތުގައި ހުރި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ހާރްކީވްގައި ހުރި ދިވެހި ދަރިވަރަކާ މިއަދު "އަދަދު" އިން ވާހަކަ ދެއްކިއިރު އޭނާ ބުނީ އޭނާ ހުރީ އެ ސިޓީގެ އެޕާޓްމަންޓެއްގައި ކަމަށާއި މަސައްކަތް ކުރަނީ ކޮންމެ ގޮތަކުން ނަމަވެސް އެ ގައުމުން ބޭރުވެވޭތޯ ކަމަށެވެ.

މި ނޫހުން ވާހަކަ ދެއްކި، ޔޫކްރެއިނުގައި ހުރި ދިވެހި ދަރިވަރު ބުނީ އެންމެން ވެސް މަސައްކަތް ކުރަނީ ހަމަލާ ލިބެމުން އަންނަ ސިޓީތަކުން ފޭބުމަށް ކަމަށްވާތީ ދަތުރުފަތުރަށް ވަރަށް ބޮޑަށް ބާރުބޮޑުވެފައިވާ ކަމަށެވެ.
އޭގެ އިތުރުން، ޔޫކްރެއިނުން ވަނީ މިހާރު އެ ގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށްފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޔޫކްރެއިންގައި ތިބި ދިވެހި ދަރިވަރުން ގެނައުމަށް މިދިޔަ އަންގާރަ ދުވަހު އަންގަވާފަ އެވެ.
އެންމެފަހުގެ މައުލޫމާތަށް ބަލާއިރު މިހާތަނަށް ވަނީ ރަޝިއާގެ ހަމަލާތަކުގައި ޔޫކްރެއިންގެ 50 މީހުން މަރުވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 40 ސިފައިންނާއި 10 އާއްމުންނެވެ.
ޔޫކްރެއިންގެ ބޮޑެތި ސިޓީތަކުގެ އަސްކަރީ އިމާރާތްތަކަށް ހަމަލާ ދިނުމަށް ފަހު އިރުމަތީ ޔޫކްރެއިނާއި ބެލަރޫސްއާ ގުޅޭ ބޯޑަރާއި ކްރައިމިއާއާ ގުޅޭ ބޯޑަރު ކައިރިން ރަޝިއާ ސިފައިން ވަނީ ޔޫކްރެއިން ފަސްގަނޑަށް އަރާފަ އެވެ.
އެ ތިން ދިމާލުގައި ވެސް ދެ ގައުމުގެ ސިފައިން ދަނީ ސީދާ ހަމަލާތައް ބަދަލު ކުރަމުންނެވެ. ރަޝިއާއިން ހަމަލާ ދޭން ފެށުމާ އެކު ޔޫކްރެއިނުން މިހާރު ވަނީ އެ ގައުމާ އެކު އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑާލާފަ އެވެ.












