މީގެ ހަ އަހަރު ކުރިން ލ. ގަމުގައި އުޅުނު ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ ބާންދު ޝާހުމިޔާގެ ބޯ ޗިސްކޮށްލައި، އޭނާ މަރާލި ކަމުގެ ދައުވާ އުފުލާފައިވާ އެރަށު ރެޑްފިޝް، އަލީ ހަމްޒާގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވައި، މަރުގެ ދިޔައިގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
އޭނާގެ މައްޗަށް 10 އަހަރު ހުކުމެއް އިއްވި ނަމަވެސް، ގާޒީ އަލީ އާދަމް އަދަބު ކަނޑައެޅީ ޝަރީއަތް ނިމެންދެން ބަންދުގައި ހުރި މުއްދަތު ކެނޑުމަށްފަހު އެވެ. އެހެންކަމުން، މިހާރު އޭނާ ޖަލު ބަންދުގައި ހުންނާނީ ހަތަރު އަހަރާއި ނުވަ މަހާއި 25 ދުވަސް ވަންދެންނެވެ. ހަނި ގޮތަކަށް އުމުރު ދުވަހުގެ ޖަލު ހުކުމަކުން އޭނާ ސަލާމަތްވީ އެ ބިދޭސީ މީހާ މަރާލުމުގެ ގަސްތު ސާބިތު ނުވުމުންނެވެ.
ޑަންލޮޕް ބޮއެގެން މަސްތުގެ ހާލަތުގައި ހުރެ، ބާންދު ޝާހުމިޔާ ނިދާފައި އޮއްވާ، އޭނާގެ ދިރިއުޅޭ ގެއަށް ހަމްޒާ ފާރު މަތިން އެރީ ޖޫން، 9، 2015 ވަނަ ދުވަހުގެ ރޭ ދިހައެއް ޖެހިއިރު އެވެ. އެގަޑީގައި އެގޭ ފެންޑާގައި ޝާހުމިޔާ ނިދާފައި އޮއްވާ ލަކުޑި ބުރިއަކުން އޭނާގެ ބޯ ޗިސްކޮށްލުމަަށްފަހު، އެ ބިދޭސީ މީހާ ގެންގުޅުނު ފޯނު ހިފައިގެން ހަމްޒާ އެގެއިން ނިކުތެވެ.
މަރުގެ ދިޔަ ނަގަން ގާޒީ ނިންމެވީ ބާންދު ޝާހުމިޔާގެ ވާރިސުން އެ ކަމަށް އެދުމުންނެވެ. ވާރިސުންގެ ގޮތުގައި އޭނާގެ އަނބިމީހާ އާއި، ފިރިހެން ދަރިއަކާއި، ދެ އަންހެން ދަރިން މިއަދު އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވެ އެ މީހުންގެ ބަސް ދީފައި ވެއެވެ.
ބާންދު ޝާހުމިޔާގެ މަރު ތަހުގީގުކުރަމުން ދަނިކޮށް، އެ ފޯނު ފުލުހުން ޓްރޭސްކޮށްގެން ހޯދީ އެހެން ބިދޭސީއެއް ގެންގުޅެމުން ދަނިކޮށެވެ. އޭނާއަށް އެ ފޯނު ވިއްކީ ހަމްޒާ ކަމަށް ބުނުމާއި އެކު ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެނެސް ސުވާލުކުރުމުން އެ ހާދިސާ ހިނގައި ދިޔަ ގޮތް ތަހުގީގުގައި ކިޔައިދިނުމަށް ފަހު އެ ކުށަށް އިއުތިރާފްވި އެވެ. ނަމަވެސް އޭނާގެ މައްޗަށް ހަތިޔާރެއް ބޭނުންކޮށްގެން މީހަކު މެރިކަމުގެ ދައުވާ އުފުލުމާއި އެކު ޝަރީއަތުގައި އެކުށަށް އިންކާރު ކުރި އެވެ.

އެހެންވެ އެ މައްސަލަ ތަހުގީގު ކުރި ފުލުހުން ވަނީ ހަމްޒާ އާ ދެކޮޅަށް ކޯޓުގައި ހެކިބަސް ދީފައި އެވެ. ދައުލަތުގެ ގިނަ ހެކިތަކަކާއި އެކު އެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް ކަނޑައެޅުއްވި އެވެ. އެކަމަކު، "ގަސްތު މަރުގެ" އުންސުރުތައް ހަމަނުވާ ކަމަށް ހަ އަހަރު ފަހުން މިދިޔަ އަހުގެ ސެޕްޓެމްބަރު މަހު ނިންމެވި އެވެ.
"އަލީ ހަމްޒާގެ އަމަލުގައި ދެކޮޅުވެރިކަމެއް އޮތްތޯ ބަލާއިރު މީނާ ދީފައިވާ އިއުތިރާފް ބަޔާނުން ބާންދު ޝަހުމިޔާ އާ މެދު ދެކޮޅުވެރިކަމެއް އޮތްކަން އެނގެން ނެތަތީއާ ގަތްލް އަމްދުގެ ރުކުންތައް މީނާގެ އަމަލުގައި ފުރިހަމަ ނުވާތީ އަލީ ހަމްޒާ ކުޅަ ގަތުލް، ގަތުލް އަމްދުގެ ތެރޭގައި ހިމެނިގެން ނުދާނެ ކަމާއި އެފަދަ މަރު ވަންނަ ހުށީ ފިގުހް އަމްދުގެ ތެރެއަށް،" މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމްގެ ނިންމެވުމުގައި ވެއެވެ.
"އެހެންވީމަ އަލީ ހަމްޒާގެ މައްޗަށް ސާބިތުވެގެން މިދިޔައީ އިސްލާމީ ޝަރީއާގައި މި އޮންނަ ތިން ވައްތަރުގެ ގަތުލުގެ ތެރެއިން ދެވަނަ ބަޔަށް. އެއީ ސިބްހުލް އަމްދަށް [މަރުގެ ގަސްތު އޮތްކަމާއި މެދު ޝައްކު އުފެދޭ ހާލަތްތައް]،"
އަލީ ހަމްޒާގެ އަމަލުތަކުން ގަސްތުގައި މީހަރު މަރާލި ކަމުގެ ރުކުންތައް ހަމަ ނުވި ނަމަވެސް އޭނާގެ އަމަލުތަކުގެ ސަބަބުން މީހަކު މަރުވެފައިވާކަން ސާބިތުވާ ކަމަށް ގާޒީ އަލީ އާދަމް ކަނޑައަޅުއްވާފައި ވެއެވެ.
ކޯޓުގެ ހުރުމަތް ކެނޑުމުގެ އަދަބު
ވާރިސުންގެ ބަސް ނެގުމަށް މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގައި، ހަމްޒާ ވަނީ ޝަރީއަތުގެ ހުރުމަތް ގެއްލުވާލުމަށް އެކި ފަހަރު މަތިން މަސައްކަތްކޮށްފަ އެވެ. އެގޮތުން އޭނާ އާ މެދު ކަންތައް ކުރަނީ އިންސާފުން ނޫން ކަމަށް ބުނެ، ގާޒީ އަލީ އާދަމަށް ނިސްބަތްވާ ގޮތަށް އޭނާ އަވަގުރާނަ ވެސް ގޮވި އެވެ. ޝަރީއަތަށް ގޮންޖަހާ އެގޮތަށް ވާހަކަ ދެއްކުމާއި ގުޅިގެން، ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމާ 15 ދުވަހުގެ ހުކުމެއް ވަގުތުން ގާޒީ އިއްވި އެވެ.
"އަޅުގަނޑު ބޭނުން ކޯޓުގެ ހުރުމަތް ކަނޑާފައި ވެސް [މިއަދު] ހުކުމަކަށް ދާން،" ކިތަންމެ ވަރަކަށް ހުކުމް ކުރިޔަސް ހެޔޮ ކަމަށް ހަމްޒާ ބުންޏެވެ.
އޭނާ މައިތިރި ކުރީ ދިފާއީ ވަކީލް ހުސްނީ މުބާރިކު އެވެ. ހަމްޒާއާ މެދު ބޭއިންސާފުން ކަންތައް ކުރާ ކަަމަށް ގަބޫލުކުރެވޭނަމަ، މަތީ މަރުހަލާގެ ދެ ކޯޓުވެސް އޮތްކަން ކިޔައިދިނުމަށްފަހު، ޝަރީއަތުގެ ނިޒާމަށް އިހްތިރާމް ކުރުމަށް ދިފާއީ ވަކީލް ނަސޭހަތްތެރިވި އެވެ. އޭގެ ފަހުން އޭނާ އަގައިން އެއްޗެއް ނުބުނި ނަމަވެސް މަޑުން އިނދެފައެއް ނުވެ އެވެ.












