އަންނަ އަހަރު ޗައިނާގައި ބާއްވާ އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގައި ރާއްޖެ އާއި ސްރީ ލަންކާ، އުޒްބެކިސްތާން އަދި ތައިލެންޑް އެއް ގްރޫޕެއްގައި ލައްވާލައިފި އެވެ.
އަންނަ ޖޫން މަހު ސެންޓްރަލައިޒްކޮށް ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅޭނީ އުޒްބެކިސްތާންގަ އެވެ. ރާއްޖޭން އޭޝިއަން ކަޕް ގްރޫޕް ސްޓޭޖުގެ މެޗުތައް ހޯސްޓްކުރަން ހުށަހެޅި ނަމަވެސް އެ ފުރުސަތު ދިން ހަ ގައުމުގެ ތެރޭގައި ރާއްޖެ ނުހިމެނެ އެވެ. ކޮލިފައިން ހޯސްޓް ކުރުމުގެ ފުރުސަތު ދިނީ އުޒްބެކިސްތާން، މެލޭޝިއާ، ކުވެއިތު، މޮންގޯލިއާ، ކިރްގިސްތާން އަދި އިންޑިއާ އަށެވެ.
ކޮލިފައިންގައި ރާއްޖޭން ކުޅޭ މެޗުތައް އޮތީ ފުރަތަަމަ ޖޫން އަށް ވަނަ ދުވަހު ތައިލެންޑާ ދެކޮޅަށް ކުޅުމަށް ފަހު 11 ވަނަ ދުވަހު އުޒްބެކިސްތާނާ ބައްދަލުކުރުމަށް ފަހު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޖޫން 14 ވަނަ ދުވަހު ލަންކާއާ ގުޅޭގޮތަށެވެ.

މިއަދު ބޭއްވި އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގެ ގުރުއަތުލުމުގެ ތެރެއިން.
އޭޝިއަން ކަޕްގެ ކޮލިފައިން ހަ ގްރޫޕުގެ އެއް ވަަނަ ޓީމާއި ހަ ގްރޫޕްގެ ދެ ވަނަ ޓީމުތަކުގެ ތެރެއިން ފަސް ޓީމަށް ޗައިނާގައި 2023 ވަނަ އަހަރު ބާއްވާ އޭޝިއަން ކަޕްގެ ޖާގަ ލިބޭނެ އެވެ. މިހާރު އޮތްގޮތުން އޭޝިއަން ކަޕް ކުރިއަށްދާނީ 2023 ވަނަ އަހަރުގެ ޖޫން 16 އިން ޖުލައި 16 ގެ ނިޔަަލަށެވެ.
ގައުމީ ޓީމުގެ ކޯޗުކަމާ މިދިޔަ އޮކްޓޫބަރު މަހު ހަވާލުވި އިޓަލީގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ އަށް ދީފައިވާ އެންމެ ބޮޑު ޓާގެޓަކީ އޭޝިއަން ކަޕަށް ރާއްޖެ ކޮލިފައި ކޮށްދިނުމެވެ. ކޮލިފައިން އަށް ތައްޔާރުވުމުގެ ގޮތުން އަންނަ މަހު 24 ވަނަ ދުވަހު ރާއްޖޭން މާލޭގައި ބަންގްލަދޭޝް ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅޭނެ އެވެ.
އޭޝިއަން ކަޕް ކޮލިފައިން ރާއްޖެ ގްރޫޕްގައި ހިމެނޭ ލަންކާއާ ދެކޮޅަށް މޮރިއޭރޯގެ ކޯޗުކަމުގައި ގައުމީ ފުޓްބޯޅަ ޓީމުން ވަނީ މިދިޔަ ނޮވެމްބަރު މަހު ލަންކާގައި ކުރިއަށްދިޔަ ފޯ ނޭޝަންސް ކަޕްގައި ކުޅެފަ އެވެ. އެ މެޗުން ރާއްޖެ 4-0 އިން ކުރީގައި އޮއްވައި، ލަންކާ އިން ވަނީ ފަހު 25 ވަރަކަށް މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި އެއްވަރުކޮށްފަ އެވެ. ތައިލެންޑުން ވަނީ ރާއްޖެއާ ދެކޮޅަށް އެންމެ ފަހުން ކުޅުނު ތިން މެޗުން މޮޅުވެފަ އެވެ.
ސަރަހައްދުގެ އެހެން ޓީމުތަކަށް ބަލާއިރު، އިންޑިއާ އިން ކަލްކަތާގައި ހޯސްޓްކުރާ ގްރޫޕްގައި އޮތީ ހޮންކޮން އާއި އަފްގާނިސްތާން އަދި ކެމްބޯޑިއާ އެވެ.
ނޭޕާލުން ވާދަކުރަން ޖެހިފައި އޮތީ ކުވޭތާއި ޖޯޑަން އަދި އިންޑޮނީޝިއާއާ އެއް ގްރޫޕެއްގަ އެވެ. މެޗުތައް ކުވޭތުގައި ކުޅޭއިރު ނޭޕާލްގެ ކޯޗަކަށް ހުރި އަބްދުﷲ އަލް މުތައިރީ އަކީ ކުވޭތުގެ ކޯޗެކެވެ. މީގެ ކުރިން 1980ގައި އޭޝިއަން ކަޕްގައި ކުޅުނު ބަންގްލަދޭޝް އިން ދެ ވަނަ ފަހަރަށް އެ މުބާރާތަށް ކޮލިފައިވާން ކުރާ މަސައްކަތުގައި ވާދަކުރަންޖެހޭނީ މެލޭޝިއާގައި ކުޅޭ ގްރޫޕްގަ އެވެ. އެ ދެ ގައުމުގެ އިތުރުން ދެން އެ ގްރޫޕްގައި އޮތީ ތުރުކުމެނިސްތާން އާއި ބަހްރޭން އެވެ.












