މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ)ގެ ގައުމީ ސާފް ލީގު ފުރަތަމަ މުބާރާތްކަމަށްވާ "ކަޅެގަލެކޮޑާ 2022" ގ.ދ ގައްދޫގައި މިއަދު ފަށައިފި އެވެ.
އެމްއެސްއޭގެ ގައުމީ ސާފް ލީގު މި އަހަރު ރާއްޖޭގެ ފަސް ސަރަހައްދެއްގައި ބާއްވާން ވަނީ ނިންމައިފަ އެވެ. އެއީ ގދ. ގައްދޫ، މ.މުލި، ރ.ކިނޮޅަސް، ކ.މާފުށި އަދި ކ.މާލެ އެވެ. މުލީ މުބާރާތް އޮންނާނީ މެއި މަހުގެ 10-18 އަށެވެ. ކޮނޮޅަސް މުބާރާތް ޖުލައި މަހުގެ 5-9 އަށް ބާއްވަން ނިންމާފައިވާއިރު، ހިންމަފުށި މުބާރާތް އޮންނާނީ އޮކްޓޯބަރު 4-8 އަށެވެ. އަދި ފަހު މުބާރާތް ކަމަށްވާ "ރަންނަމާރި ޗެލެންޖް" މާލޭގައި އޮންނާނީ ނޮވެމްބަރުމަހުގެ 18-25 އަށެވެ.
"ކަޅެގަލެކޮޑާ 2022" މިއަދު ހެނދުނު ފެށިއިރު، މުބާރާތުގައި ތިން ޑިވިޝަނެއް ކުރިއަށްދާނެ އެވެ. އެއީ ފިރިހެން އޯޕަން ޑިވިޝަން، ޖޫނިއާ ޑިވިޝަން އަދި އަންހެން ޑިވިޝަން އެވެ. މިއީ މާލޭއިން ބޭރުގައި ބާއްވާ މުބާރާތެއްގައި އަންހެން ޑިވިޝަންގައި ކުޅުންތެރިން ވާދަކުރާ ފުރަތަމަ ފަހަރެވެ.
ފިރިހެން އޯޕަން ޑިވިޝަނުގައި 37 ސާފަރުން ވާދަކުރެ އެވެ. ޖޫނިއާ ޑިވިޝަނުގައި 18 ބައިވެރިން ވާދަކުރާއިރު، އަންހެން ޑިވިޝަން ތިން ސާފަރުން ވާދަކުރާނެ އެވެ.
އެމްއެސްއޭ އިން ކުރިން ނިންމާފައި އޮތީ އަންހެން ޑިވިޝަންގައި މަދުވެގެން ހަތަރު ސާފަރުން ވާދަކުރާނަމަ އެ ޑިވިޝަން ކުރިއަށްގެން ދާށެވެ. ނަމަވެސް ފަހު ވަގުތު ތިން ސާފަރުން އެކަނި ބައިވެރިވުމުން އަންހެން ޑިވިޝަން ކެންސަލްނުކޮށް ކުރިއަށްގެންދަން ނިންމީ އެވެ.
އަންހެން ޑިވިޝަންގައި ވާދަކުރަނީ މިދިޔަ އަހަރު ބޭއްވި ރަންނަމާރި ޗެލެންޖްގެ ޗެމްޕިއަން އާޔާ ނަސީމާއި، އެ މުބާރާތުގައި ވާދަކުރި ރިޝްތާ ސުޖާއުގެ އިތުރުން މުޅިން އަލަށް މުބާރާތެއްގައި ވާދަކުރާ އައިމިނަތު ޝައިޝާ ރަޝީދު އެވެ.
ގައުމީ ސާފް ލީގުގެ ފެށުމުގެ ގޮތުން ބާއްވާ ފުރަތަމަ މުބާރާތް ހޮސްޓްކުރާ ގައްދޫއަކީ ސާފަރުން ގިނަ ރަށެކެވެ. މިގޮތުން ގައުމީ ފެންވަރުގެ މުބާރާތްތަކުގައި އެރަށުގެ ގިނަ ސާފަރުން ވާދަކުރާއިރު، މިވަގުތު ގައުމީ ޓީމްގައި ހިމެނޭ ހަތަރު ސާފަރުންގެ ތެރެއިން ތިން ސާފަރުން ނިސްބަތް ވަނީ ގައްދޫ އަށެވެ.
އެމްއެސްއޭ އިން އެންމެ ފަހުން ބޭއްވި ސާފިން މުބާރާތް ކަމަށްވާ ރަންނަމާރި ޗެލެންޖްގެ ޗެމްޕިއަނަކީ ގައްދޫގެ ހޫދު އަހުމަދެވެ. ގައުމީ ޓީމްގައި ހިމެނޭ ސާފަރުންގެ ތެރެއިން ގައްދޫ އަށް ނިސްބަތްވާ ތިން ސާފަރުންނަކީ ހޫދު، އިސްމާއިލް ރަޝީދު (ސްމައިލީ) އަދި ނަޖާހު އަހުމަދު އެވެ. މި ތިން ސާފަރުންގެ ތެރެއިން ސްމައިލީ އަކީ 2024ގެ ޕެރިސް އޮލިމްޕިކްސް އަށް ސްކޮލާޝިޕް ލިބިފައިވާ ސާފަރެކެވެ.












