ރެޕްގެ ދުނިޔޭގައި މަޝްހޫރުކަން ހޯދާފައިވާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް)ގެ މައްޗަށް އުފުލާފައިވާ އުމުރު ދުވަހުގެ ހުކުމެއް އަންނަން ވަރުގެ ދައުވާއެއް އޮއްވާ، އޭނާ ބޭސްފަރުވާއަށް މިއަދު ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލައިފި އެވެ.
މާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ފެބުރުއަރީ 13ގައި ހައްޔަރުކޮށް، ޕެސްޓްގެ މައްޗަށް ފަސް ދައުވާއެއް އުފުލި އެވެ. އޭގެ ތެރެއިން ތިން ދައުވާއަކީ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނަ މަސްތުވާތަކެތި ޓްރެފިކިންގެ ދައުވާތަކެވެ.
އެކަށީގެންވާ ބޭސްފަރުވާ ނުލިބޭ ކަމަށް ބުނެ ޕެސްޓް ޝަކުވާ ކުރުމުން ޝަރުތުތަކާ އެކު މިއަދު އޭނާ ދޫކޮށްލީ ދެ މަސް ދުވަހަށެވެ. މި މުއްދަތުގައި އޭނާ ހުންނާނީ ގޭ ބަންދުގަ އެވެ.
ޝަރީއަތް ނިމެންދެން ޕެސްޓް ބަންދުކުރުމަށް ދަށު ކޯޓުން ނެރުނު އަމުރު ހައިކޯޓުން ވެސް ދަމަހައްޓާފައިވާއިރު، ބޭސްފަރުވާއަށް ވެސް އޭނާ ދޫކުރުމަށް ޕިޖީއިން ދެކޮޅު ހެދި އެވެ. ދައުލަތުން ގަބޫލުކުރާ ގޮތުގައި އޭނާގެ ފަރާތުން މުޖްތަމުގެ ސަލާމަތަށް ނުރައްކާވާނެ އިހްތިމާލު އެބައޮތެވެ.
އެ ދެމީހުންގެ މައްޗަށް އުފުލާފައިވާ ތިން ދައުވާއަކީ ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާ އާއި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އަދި ޖަދުވަލް އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ އެވެ.














