ތައިރޮއިޑްގެ ގްލޭންޑަށް ކުރިމަތިވި މައްސަލައަކާ ގުޅިގެން ފަރުވާ ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ސިންގަޕޫރަށް ވަޑައިގަންނަވާނެ އެވެ. މިއީ، ފަރުވާއެއް ހޯއްދެވުމަށް އުޅުއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅަކު މިފަހުގެ ތާރީހެއްގައި ހާމަ ކުރެއްވި ފުރަތަމަ ފަހަރެވެ.
ރައީސްގެ އާލާސްކަންފުޅަކީ ސީދާ ކޮބައިކަން އެމަނިކުފާނު މިހާތަނަށް ހާމައެއް ނުކުރައްވަ އެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓުވިޓާ މެދުވެރިކޮށް ރައްޔިތުންނަށް ތާނައިން ލިޔުއްވުމަށްފަހު، އެމަނިކުފާނު ދެއްވި މެސެޖުގައި ވިދާޅުވެފައި އޮތީ "ޑޮކްޓަރުގެ ލަފާގެމަތިން އަޅުގަނޑު ތައިރޮއިޑް ފަރުވާއަކަށް މިއަދު ސިންގަޕޫރަށް އެބަ ފުރަން" ކަމަށެވެ. ދެން ވިދާޅުވީ "މާތް ﷲގެ ވާގިފުޅާއެކު ފަރުވާގެ ކަންތައް ފުރިހަމަވެ، ލަސްނުވެ މަސައްކަތަށް އެނބުރި އާދެވޭނެ" ކަމަށެވެ.
ރައީސްގެ ހާލުކޮޅަކީ ކޮބައިކަމެއް މިހާތަނަކަށް ނޭނގެ އެވެ. އެމަނިކުފާނުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ރައީސް ސޯލިހު ހާމަ ކުރެއްވި މައުލޫމާތުގެ އިތުރުން އަދި އެހެން މައުލޫމާތެއް ހާމަ ކުރެއްވެން ނެތް ކަމަށެވެ.
ތިރީގައި މި ވަނީ ބްރިޓިޝް ތައިރޮއިޑް ފައުންޑޭޝަނުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބިނާކޮށް، ތައިރޮއިޑް ގްލޭންޑާއި އެ ގުނަވަނަށް ދިމާވާ މައްސަލަތަކާ ގޮތުން ލިޔެފައިވާ ލިޔުމެކެވެ.
ތައިރޯޑް ގްލޭންޑަކީ ކޮބާ؟
ތައިރޯޑް ގްލޭންޑަކީ އިންސާނާގެ ހަށިގަނޑު އިންނަ ވަރަށް މުހިންމު ގުނަވަނެކެވެ. ތައިރޯޑް ގްލޭންޑް އިންނަނީ ކަރުގެ، ލަގޮނޑީގެ ތަންކޮޅެއް ތިރީގަ އެވެ. އެ ގުނަވަނުމުގެ ބޭނުމަކީ ހޯމޯން އުފެއްދުމެވެ.
ތައިރޯޑް ގްލޭންޑުން އުފައްދަނީ ދެ ވައްތަރެއްގެ ހޯމޯނެވެ. އެއީ ތައިރޮކްސިން ނުވަތަ ޓީ4 އާއި ޓްރައިއޯޑޯތައިރޯނައިން ނުވަތަ ޓީ3 އެވެ. ޓީ4 އާއި ޓީ3 ހޯމޯންއަކީ ހަށިގަނޑުގެ ސެލްތައް ފުރިހަމައަށް މަސައްކަތް ކުރުމަށް ވަރަށް މުހިންމު ދެ ހޯމޯނެވެ.
ހަށިގަނޑުގެ ސެލްތައް މަސައްކަތް ކުރާ ސްޕީޑު ކަނޑައަޅަނީ އެ ސެލްތަކަށް ތައިރޯޑް ގްލޭންޑުން އުފައްދައިދޭ ހޯމޯންތަކުންނެވެ. އެހެންކަމުން ތައިރޯޑް ގްލޭންޑުން އުފައްދާ ހޯމޯންތަކުން އަސަރު ކުރަނީ މީހާގެ މެޓަބޮލިޒަމްއަށެވެ.

ތައިރޯޑް ގްލޭންޑުގެ ކުރެހުމެއް: މި ގުނަވަން މަސައްކަތް ކުރަނީ ވަރަށް ފުރިހަމަ ނިޒާމެއްގެ ތެރެއިން -- އިންފޮގްރެފިކް: އަދަދު
ތައިރޯޑް ގްލޭންޑް މަސައްކަތް ކުރަނީ ވަރަށް ފުރިހަމައަށެވެ. އޭގެ ޒާތުގައި، ތައިރޯޑް ގްލޭންޑް ބަރާބަރަށް މަސައްކަތް ކުރުން ވަރަށް މުހިންމެވެ. ތައިރޯޑް ގްލޭންޑު އެކުލެވެނީ، އުފައްދާ ހޯމޯންތައް ކޮންޓްރޯލް ކުރެވޭ ފަދަ ނިޒާމަކާއެކު އެވެ. އެގޮތުން ތައިރޯޑް ގްލޭންޑުގެ މަސައްކަތް މޮނީޓާ ކުރަނީ ސިކުނޑީގެ ދަށުގައި، ބޮލުގެ ނާށިގަނޑުގައި އިންނަ ޕިޓުއިޓަރީ ގްލޭންޑުންނެވެ.
ތައިރޯޑް ގްލޭންޑުން މަދުން ހޯމޯން އުފައްދާ ނަމަ ޕިޓުއިޓަރީ ގްލޭންޑުން އެކަން ދަނެގަނެ ޓީއެސްއެޗް ކިޔާ ހޯމޯނެއް ދޫކޮށްލަ އެވެ. އެ ހޯމޯން ދޫކޮށްލުމުން، ތައިރޯޑް ގްލޭންޑް ސްޓިމިއުލޭޓްވެ، އިތުރަށް ހޯމޯން އުފެއްދުމަށް ބާރު އަޅަ އެވެ. ތައިރޮއިޑް ގްލޭންޑުން މާ ގިނައިން ހޯމޯން އުފައްދާ ނަމަ ޕިޓުއިޓަރީ ގްލޭންޑުން އުފައްދާ ޓީއެސްއެޗް ހޯމޯން އުފެއްދުން ހުއްޓާލަ އެވެ.
ތައިރޯޑް ގްލޭންޑަށް ދިމާވާ މައްސަލަތަކަކީ ކޮބާ؟
ތައިރޯޑު މައްސަލަތައް މުޅި ދުނިޔޭގައި ވެސް ވަރަށް ގިނަ މީހުންނަށް ކުރިމަތިވެ އެވެ. ދުނިޔޭގެ ކޮންމެ 20 މީހުންގެ ތެރެއިން އެކަކަށް ތައިރޯޑުގެ ކޮންމެވެސް މައްސަލައެއް ކުރިމަތިވެ އެވެ. ތައިރޯޑުގެ މައްސަލަތައް ވަރަށް ގިނަ ގޮތް ގޮތުން ދިމާވެ އެވެ. އެގޮތުން ތައިރޯޑަށް ޖެހޭ އެންމެ އާންމު ބައްޔަކީ އޮޓޯއިމިއުން ތައިރޮއިޑް ޑިޒީސް އެވެ. އެ ބަލި ޖެހުމުން ތައިރޯޑް ސެލްތަކަކީ ހަށިގަނޑަށް އޮތް ނުރައްކަލެއް ކަމަށް ދިފާއީ ނިޒާމަށް ހީވެ، އެ ސެލްތަކަށް ހަމަލާދޭން ފަށަ އެވެ. އޭގެ ސަބަބުން ތައިރޯޑް ގްލޭންޑުގެ މަސައްކަތް އަވަސް ނުވަތަ ބަރުހެލިވެ އެވެ.
ތައިރޮއިޑް ގްލޭންޑުގެ މަސައްކަތް އަވަސްވުމުން ކުރިމަތިވަނީ ހައިޕާތައިރޯޑިޒަމް އެވެ. ބަރުހެލިވުމުން ދިމާވާ މައްސަލައަކީ ހައިޕޯތައިރޯޑިޒަމް އެވެ.
ހައިޕާތައިރޯޑިޒަމް
ހައިޕާތައިރޯޑިޒަމްގެ މައްސަލަތައް ކުރިމަތިވުމުން ހަށިގަނޑުގެ ސެލްތައް މަސައްކަތް ކުރަނީ ހަގީގަތުގައި ކުރަންޖެހޭ ސްޕީޑަށްވުރެ މާ ބާރަށެވެ. މިހެންވުމުން ހަށިގަނޑުގެ ބައެއް ގުނަވަންތަކުގެ މަސައްކަތް ވެސް އާދައަށްވުރެ ބާރުވެ އެވެ. މިސާލަކަށް، ހިތުގެ ވިންދު ޖެހުން އާދައަށް ވުރެ އަވަސްވެދާނެ އެވެ. އަދި ނުވަތަ ގޮހޮރުގެ މަސައްކަތް އަވަސްވެ، ގިނައިން ބޭރަށް ހިންގަފާނެ އެވެ. ނުވަތަ މެއިނުބައިކޮށް، ހޮޑު ވެސް ލެވިދާނެ އެވެ.
ހައިޕާތައިރޮޑިޒަމްގެ މައްސަލަތައް ކުރިމަތިވާ މީހުންނަށް އާންމުކޮށް ދިމާވާ މައްސަލަތަކުގެ ތެރޭގައި، ހިކުން، ހޫނަށް ކެތްނުވުން، ހާސްކަން އަދި ލޯ ދުޅަވުން ހިމެނެ އެވެ.
ހައިޕޯތައިރޮޑިޒަމް
ހައިޕޯތައިރޮޑިޒަމްގެ މައްސަލަތައް ކުރިމަތިވުމުން ހަށިގަނޑުގެ ސެލްތަކަށް ހޯމޯން ލިބޭ މިންވަރު މަދުވެ އެވެ. އޭގެ ސަބަބުން ހައިޕާތައިރޯޑިޒަމްއާ ހިލާފަށް، ހިތުގެ ވިންދު ޖެހުން އާދައަށްވުރެ ލަސްވެދާނެ އެވެ. އަދި ގޮހޮރު މަސައްކަތް ކުރާ ރޭޓު ވެސް ވެއްޓި، ބޮޑުކަމުދިޔުމަށް އުނދަގޫތަކެއް ކުރިމަތިވެދާނެ އެވެ.
ހައިޕޯތައިރޮޑިޒަމްގެ މައްސަލަތައް ދިމާވާ މީހުންނަށް އާންމުކޮށް ކުރިމަތިވާ މައްސަލަތަކުގެ ތެރޭގައި ވަރުބަލިވުމާއި ފިނިކަން އިހްސާސްވުމާއި ބަރުވުމާއި ކަންކަމަށް ސަމާލުކަން ނުދެވުމާއި މާޔޫސްވުން ހިމެނެ އެވެ.
ތައިރޯޑަށް ދިމާވާ މައްސަލަތަކުގެ ސަބަބުން ހައިޕާތައިރޮޑިޒަމް އަދި ހައިޕޯތައިރޮޑިޒަމްގެ އިތުރުން ވެސް އެހެން ބަލިތައް ޖެހެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ތައިރޮއިޑް އައި ޑިޒީސް: މިއީ ތައިރޮއިޑް ގްލޭންޑުން މާ ގިނައިން ހޯމޯން އުފެއްދުމުން މަދުން ނަމަވެސް ލޮލަށް ޖެހޭ ބައްޔެއް.
- ތައިރޮއިޑް ކެންސާ: މިއީ ވަރަށް މަދުން ނޫނީ ނުފެންނަ ބާވަތެއްގެ ކެންސަރެއް. ނަމަވެސް ކަރުގައި ލަމްޕްސް އުފެދޭ ނަމަ އެތަން ޑޮކްޓަރަށް ދެއްކުން މުހިންމު
- ޕޯސްޓްޕާޓަމް ތައިރޯޑިޓިސް: މިއީ ވިހެއުމަށްފަހު ތައިރޯޑް ގްލޭންޑުން ހޯމޯން އުފެއްދުމުގައި ދިމާވާ މައްސަލަތައް.
ތައިރޮޑުގެ މައްސަލައެއް އުޅޭތޯ ބަލާނީ ކިހިނެއް؟
ތައިރޯޑް ގްލޭންޑުގެ މައްސަލައެއް ހުރިތޯ ބެލުމަށް ޑޮކްޓަރުން ކުރާ ބައިވަރު މަސައްކަތް ހުރެ އެވެ. އެގޮތުން ހަށިގަނޑުން ފެންނަ ނިޝާންތައް ދަނެގަތުމަށް ވަރަށް ގިނަ ސުވާލު ކުރުން އެކަށީގެންވެ އެވެ. އަދި ކަރުގައި އަތްލައިގެން ވެސް ޗެކްކޮށްފާނެ އެވެ. އޭގެ އިތުރުން، ލޭގެ ސާމްޕަލެއް ވެސް ގިނަ ފަހަރު ނަގާނެ އެވެ. ސަބަބަކީ ލޭގެ ހުންނަ ހޯމޯންތަކުގެ މިންވަރު ބެލުމުން، ތައިރޮއިޑް ގްލޭންޑުން ހޯމޯން އުފައްދާ މިންވަރު ދަނެގަނެވޭތީ އެވެ.












