ގާނޫނާ ހިލާފަށް ހޯދާ ހެކި ބޭނުންކުރެވޭނެ އިސްތިސްނާ ހާލަތުތަކެއް ސުޕްރީމް ކޯޓުން ކަނޑައަޅައިފި

ސުޕްރީމް ކޯޓް: ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައެޅި ޑްރަގް މައްސަލައެއް، ކުރިއަށް ގެންދެވޭ ގޮތަށް މިއަދު ސުޕްރިމް ކޯޓުން އުސޫލެއް ކަނޑައެޅި -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ސުޕްރީމް ކޯޓް: ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައެޅި ޑްރަގް މައްސަލައެއް، ކުރިއަށް ގެންދެވޭ ގޮތަށް މިއަދު ސުޕްރިމް ކޯޓުން އުސޫލެއް ކަނޑައެޅި -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ހައްޔަރުކުރުމާއި ބަލާފާސްކުރުމުގެ އަމުރު ނެރުމުގެ އިހްތިސޯސް ލިބިގެން ނުވާ ކޯޓަކުން ނެރުނު އަމުރެއްގެ މައްޗަށް ބިނާކޮށް ހޯދި ހެކިތައް ގާނޫނާ ހިލާފު ވިނަމަވެސް، އެ ހެކިތައް ބަލައިގަނެވޭނެ އިސްތިސްނާ ހާލަތްތަކެއް މިއަދު ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.

މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލައެއްގައި ފުލުހުން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އަމުރެއް ހޯދާ، ތިން މީހަކު ހައްޔަރުކުރުމަށްފަހު، އެމީހުންގެ ގެތައް ބަލާ ފާސްކުރުމުގެ އަމުރެއްވެސް ހޯދި އެވެ. ނަމަވެސް އެފަދަ އަމުރުތައް ނެރުމުގެ އިހްތިސޯސް ހުޅުމާލެ ކޯޓަށް ލިބިގެން ނުވާ ކަމަށް މަތީ މަރުހަލާގެ ކޯޓަކުން ނިންމާފައި ވާތީ، އެ މައްސަލައިގައި ހިމެނޭ އަހްމަދު ރަޝީދު ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ކަނޑައެޅި އެވެ. އަދި ސުޕްރީމް ކޯޓުންވެސް އެ ނިންމުމަށް ތާއީދުކޮށްފައި ވާތީ އޭނާ ބަންދުން ދޫވި އެވެ.

އެހެންނަމަވެސް މަސްތުވާތަކެތީގެ ވިޔަފާރި ކުރިކަމުގެ ތުހުމަތަށް ބާރުދޭ ހެކިތައް ފެނިފައި ވާތީ، ދައުލަތުން އަހުމަދު ރަޝީދުގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ޖޫން 6، 2019 ގައި އުފުލި އެވެ.

Advertisement

އެ މައްސަލައިގެ އަޑުއެހުންތައް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގައި ފެށުމާއި އެކު އޭނާ ބުނީ ގާނޫނާ ހިލާފަށް ހޯދި ހެކިތަކެއްގެ މައްޗަށް ފުލުހުން ކުރި ތަހުގީގަށް ބަރޯސާވެ ކުރި ދައުވާއެއް ކުރިއަށް ނުގެންދެވޭނެ ކަމަށެެވެ. ދައުވާ ލިބޭ ފަރާތުގެ އެ ވާހަކައަށް ތާއީދުކޮށް، އެ ކޯޓުން އެ މައްސަލަ ބޭރުކޮށްލުމުން ދައުލަތު ހައިކޯޓަށް ދިޔަ އެވެ. އެކަމަކު ހައިކޯޓުންވެސް ދައުލަތަށް ކާމިޔާބެއް ނުލިބުނެވެ.

އެހެންވެ އެ މައްސަލައަށް އަލިމަގެއް ފެނޭތޯ ދައުލަތުން ސުޕްރިމް ކޯޓަށް ދިއުމުން މިއަދު އެ ކޯޓުން ކަނޑައެޅީ، ގާނޫނާ ހިލާފަށް ހޯދާ ހެކިތަކެއް ނަމަވެސް، އިސްތިސްނާ ހާލަތުތަކެއްގައި އެފަދަ ހެކިތަކަށް ބުރަދަން ދެވިދާނެ ކަމަށެވެ.

މި ކަމަށް ބާރުދެއްވަމުން ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަނީ މިނިވަން ދީމިގްރާތީ މުޖުތަމައުތަކުގައި އަމަލުކުރަމުން ގެންދާ އުސޫލަށް ބަލާއިރު، ގާނޫނާ ހިލާފަށް ހޯދާ ހެކި ބަލައިގަތުމުގައި އިސްތިސްނާ ހާލަތުތަކެއް ގެންގުޅޭކަމަށް ވިދާޅުވެ އެ ހާލަތުތައް ތަފްސީލުކޮށްދެއްވާފަ އެވެ.

ގާނޫނާ ހިލާފަށް ހޯދާ ހެކި ބަލައިގަނެވޭނެ ކަމަށް ޑިމޮކްރެޓިކް މުޖުތަމައުތަކުން ބަލައިގަންނަ އިސްތިސްނާ ހާލަތުތައް:

  1. ގާނޫނު ތަންފީޒު ކުރާ ފަރާތުގެ ހެޔޮ ނިޔަތުގައި ކުރާ އަމަލެއްގެ ސަބަބުން ލިބޭ ހެކި، (ގުޑް ފެއިތު އެކްސެޕްޝަން)
  2. މުސްތަގިއްލު ތިންވަނަ ފަރާތަކުން / އެހެން ތަހުގީގަކުން ލިބޭ ހެކި (އިންޑިޕެންޑެންޓް ސޯސް އޮފް ޑޮކްޓްރިން)
  3. ގާނޫނާ އެއްގޮތަށް އަމަލުކުރި ނަމަވެސް ފެންމަތިނުވެ ނުދާނެ ހެކިި (އިންއެވިޓަބަލް ޑިސްކަވަރީ ޑޮކްޓްރިން)

އެމެރިކާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކަކަށް ހަވާލާދެއްވަމުން ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ރައުޔުގައި ވިދާޅުވީ ފުލުހުން މެޖިސްޓްރޭޓް ކޯޓުން އަމުރު ހޯދައިގެން، އަހުމަދު ރަޝީދު ދިރިއުޅޭ ގެ ބަލާ ފާސްކުރުމުގައި ފުލުހުންގެ ނުނިޔަތެއް (ގޯސް ނިޔަތެއް) ނެތް ކަމަށެވެ.

އެ ނިންމުމަށް ވާސިލުވުމުގައި ފަނޑިޔާރު މަހާޒް އަހީ ޒާހިރު ވަނީ މީގެ ކުރިން ސުޕްރީމް ކޯޓުން ނިންމި ގަޒިއްޔާއެއްގައި އެ ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދުއާއި، ފަނޑިޔާރު ހުސްނުއްސުއޫދު ދެއްވި ރައުޔަށް ރިއާޔަށް ކުރައްވާފަ އެވެ. އެއީ ޒުބައިރު އަލީ އަދި އިތުރު ދެމީހެއްގެ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މައްޗަށް ރައްދުވާގޮތަށް ކުރި އިސްތިއުނާފެކެވެ.

އެ ގަޒިއްޔާގައި ފަނޑިޔާރު އަލީ ރަޝީދުގެ ރައުޔުގައި ވިދާޅުވީ، އަސާސީ ހައްގުތަކާއި ގުޅުމެއް ނެތް، އަދި މައްސަލައިގެ މައުލޫއަށް އަސަރު ނުކުރާނެ، އެ ގޯސް ރަނގަޅު ކުރުމުގެ ފުރުސަރު އޮތް އިޖުރާއީ ގޯސްތައް ރަނގަޅު ކުރުމުގެ ފުރުސަތު ދެވިދާނެ ކަމަށެވެ.

ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔުގައި ވިދާޅުވީ، ކޮންމެ އިޖުރާއީ ގޯހަކީ އެކަމުގެ ސަބަބުން މައްސަލައިގެ މައުލޫއަށް އަސަރުކުރާނެ ކަމެއް ނޫންކަމަށާއި، ހިލާފްވި އިޖުރާއަތަކީ ފުރިހަމަ ކުރުމުގެ ފުރުސަތު އޮތް އިޖުރާއަތެއްނަމަ އެ ފުރުސަތު ދީ އިޖުރާއަތު ރަނގަޅު ކުރެވިދާނެ ކަމަށެވެ.

މިއަދު ސުޕްރީމް ކޯޓުން ނިންމި ނިންމެވުމުގައި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ، މި މައްސަލައިގައި ފުލުހުން ހިލާފްވި އިޖުރާއަތަކީ އަލުން ރަނގަޅުކުރެވުމުގެ ފުރުސަތު އޮތް އިޖުރާއަތެއް ނޫންކަމަށެވެ.

"ހުޅުމާލެ މެޖިސްޓް ކޯޓަށް ބަލާ ފާސްކުރުމުގެ އަމުރުގެ ނެތް ދުވަސްވަރެއްގައި ނެރިފައިވާ އަމުރު ތަންފީޒުކޮށް، ހެކި ހޯދާ އެއްތަންކޮށް، އެ ހެކީގެ މައްޗަށް ދައުވާކޮށްފައި އޮންނަ އޮތުމަކީ، އިހްތިސޯސް ލިބިފައިވާ ކޯޓަކުން އަލުން އަމުރެއް ހޯދައި، ކުރިން މި ބުނި ހުރިހާ ކަމެއް އަލުން ފަށައިގެން ނިޔަލަށް ރަނގަޅު ކުރެވުމުގެ ފުރުސަތު އޮތް އިޖުރާއަތެއް ކަމަށް އަހަރެން ނުދެކެން" މަހާޒް ވިދާޅުވި އެވެ.

އެހެންނަމަވެސް، މިމައްސަލައިގައި ފުލުހުން އަމަލުކޮށްފައިވަނީ ހެޔޮނިޔަތުގައި ކަމަށްވާތީ، އެއީ ގާނޫނާ ހިލާފަށް ހޯދިނަމަވެސް ހެކި ބަލަިއގަނެވިދާނޭ އިސްތިސްނާ ހާލަތެއްކަމަށްވާތީ، އަހުމަދު ރަޝީދުގެ މައްޗަށްކޮށްފައިވާ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅުއްވައި ހައިކޯޓުގެ ނިންމުން ބާތިލްކުރެއްވި އެވެ. އަދި ދައުވާ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށް ގެންދެވޭނެ ކަމަށްވެސް ކަނޑައެޅުއްވި އެވެ.

ފުލުހުން އަމަލުކޮށްފައިވަނީ ހެޔޮނިޔަތުގައި ކަމަށް ކަނޑައެޅުއްވުމުގައި ފަނޑިޔާރު ބައްލަވާފައިވަނީ 5 ކަމަކަށެވެ. އެއީ؛

  1. ބަލާފާސްކޮށްފައިވަނީ ކޯޓަކުން އަމުރެއް ހޯދުމަށްފަހުގައިކަން.
  2. އެ އަމުރު ތަންފީޒުކުރުމުގައި އެ އަމުރުގެ ދާއިރާއިން ބޭރުވެފައިވާކަން އެނގެން ނެތްކަން.
  3. ބަލާފާސްކުރުމުގެ އަމުރު ތަންފީޒުކުރުމުގެ ސަބަބުން ހެކިތަކެއް ފެނުނުކަން.
  4. އެ ހެކިތަކުގެ ތެރޭގައި މަސްތުވާތަކެތި ހުރިކަމާމެދު ހިލާފެއް ނެތްކަން.
  5. ފެނުނު ހެކިތަކަކީ ގާނޫނީ އެހެން އުސޫލަކުން ހިމާޔަތް ލިބިގެންވާ، ނުވަތަ ތިންވަނަ ފަރާތެއްގެ ހައްގު އެކުލެވިގެންވާ ހެކިތަކެއް ނޫންކަން.

އެހެންކަމުން، މި މައްސަލައިގައި ފެނިފައިވާ ހެކިތަކަކީ ފުލުހުން ހެޔޮނިޔަތުގައި ކޯޓުގެ އަމުރެއް ތަންފީޒުކުރުމުގެ ތެރޭގައި ފެނިފައިވާ ހެކިތަކެއް ކަމުގައިވާތީ އެހެކިތައް މި އިސްތިސްނާއީ ހާލަތުގައި ބަލައިގަންނަންޖެހޭކަމަށް ފަނޑިޔާރުގެ ރައުޔުގައި ވިދާޅުވި އެވެ.

އަދި ޣައިރު ގާނޫނީ އަމުރެއްގެ ދަށުން އަހުމަދު ރަޝީދު ހައްޔަރުކުރުމަށްފަހު ނެގި ބަޔާން އޭނާއާ ދެކޮޅަށް ބޭނުން ނުކުރެވޭނެ ކަމަށް ހައިކޯޓުން ނިންމާފައިވާ ނިންމުން، ފަނޑިޔާރު މަހާޒްގެ ކަނޑައެޅި އިސްތިސްނާ ހާލަތަށް ފެތޭތީ، އެ ބަޔާނަށް ބުރަދަން ދެވޭނޭކަމަށް ވެސް ނިންމެވި އެވެ.

އޭގެ އިތުރުން އެ މައްސަލާގައި ދައުވާ ލިބޭ ދެމަފިރިން ކަމުގައިވާ އިސްމާއިލް މީރާންއާ، މަރިޔަމް ތިރްމިޒާގެ ދައުވާ ފޯމު ބާތިލްކުރުމަށް ނުފެންނަ ކަމަށް ހައިކޯޓުންވެސް ނިންމާފައިވާ ނިންމުމަށްވެސް ސުޕްރިމް ކޯޓުން ތާއީދު ކުރި އެވެ. އެ ދެމަފިރިންގެ ގޭގައި މަސްތުވާތަކެތި ފޮރުވާފައި ހުއްޓާ ފެނިގެން ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އުފުލާފައި ވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އަމުރެއްގެ ދަށުން ފުލުހުން ތަހުގީގު ހިންގާ، އެ ގެ ބަލާ ފާސްކޮށްގެންނެވެ.

ގޯސް އިޖުރާއަތުތަކެއްގެ ތެރެއިން ފުލުހުން ހޯދާފައިވާ ހެކިތަކެއް ނަމަވެސް ހާއްސަ އިސްތިސްނާ ހާލަތުތަކަށް ރިއާޔަތްކޮށް، އެ ހެކިތަކަށް ބުރަދަންދޭން ސުޕްރިމް ކޯޓުން ކަނޑައެޅުމުގެ އިތުރުން އެ މައްސަލައިގެ އަޑުއެހުންތައް މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށް ގެންދިއުމަށްވެސް ކޯޓުން ވަނީ އަންގާފަ އެވެ.

މި މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އެވެ. ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު، އަދި ފަނޑިޔާރު އައިޝަތު ޝުޖޫން ވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ރައުޔަށް ތާއީދު ކުރައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

ހިދުމަތުގެ އެންމެ މަތީ ޝަރަފު މުހައްމަދު ރަޝީދާއި އައްބާސަށް

ދައުލަތަށް ހިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު، މުހައްމަދު ރަޝީދު އިބްރާހީމާއި އައްބާސް އިބްރާހީމަށް ވަނީ އަރުވާފައި. މުހައްމަދު ރަޝީދަށް މި ޝަރަފު އެރުވީ ދީނީ ރޮނގުން ކުރެއްވި ހިދުމަތްތަކަށް ކަމަށްވާއިރު، އައްބާސް އިބްރާހީމަށް މި ޝަރަފު އެރުވީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން.

އާންމުންގެ ތަނަވަސްކަން ހުއްޓުވަނީ ރާއްޖެ ނިކަމެތިކުރުން: ނަޝީދު

ރަސްމާލެ މަޝްރޫއު އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމާ ދެކޮޅަށް އެމްޑީޕީން ކުރާ މަސައްކަތަކީ އާންމު ރައްޔިތުންނަށް ލިބެން އޮތް ތަނަވަސްކަން ހުއްޓުވައި ރާއްޖެ ނިކަމެތިކުރުމަށް ޖަހާ މަޅިއެއް ކަމަށް ނަޝީދު ވިދާޅުވި.

ޖޭޕީ، އަދާލަތު، އެމްޑީއޭ އަދި އެމްއެންޕީން މެންބަރުން ވަކިވަނީ

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި ޖޭޕީ، އެމްޑީއޭ، އަދާލަތު އަދި އެމްއެންޕީން ގިނަ އަދަދެއްގެ މެންބަރުން ވަނީ ވަކިވެފައި. މީގެ ބަދަލުގައި ސަރުކާރު ހިންގާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ އަދަދު ބޮޑުތަނުން އިތުރުވި. އެންމެ ގިނަ މެންބަރުން ވަކިވީ ޖޭޕީން ކަމަށްވާއިރު، އެންމެ ގިނަ މެންބަރުން އަލަށް ގުޅުނީ ޕީއެންސީއާ

އިސްތިއުނާފު ލަސްވާ މައްސަލައިގައި ޖޭއެސްސީ ހާޒިރުކުރަނީ

ޖަލު ހުކުމް ތަންފީޒުކޮށް ނިމޭއިރުވެސް އިސްތިއުނާފު މަރުހަލާ ނުނިމޭ މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް ޖޭއެސްސީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރުމަށް ވަނީ ފާސްކޮށްފަ. އިސްތިއުނާފު މައްސަލަތައް ނިންމަންޖެހޭ ވަކި މުއްދަތެއް ގާނޫނުގައި ނެތުމުގެ ސަބަބުން ކުށްވެރިންގެ އަސާސީ ހައްގުތައް ގެއްލެމުންދާކަން މެންބަރުން ފާހަގަކުރެއްވި.

"ބިން ދީ ދީނާއި މިނިވަންކަން ގެއްލުވާ ވެރިޔަކު އަދި މި ނޫނީ ނާދޭ"

ބޭރު މީހުންނަށް ބިން މިލްކުކުރެވޭ ގޮތަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ރާއްޖޭގެ ދީނީ ވަހުދަތާއި މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި މި ނިންމުމުގެ ސަބަބުން ރާއްޖޭގެ ބިންތަކުގެ މިލްކުވެރިކަން އެހެން ދީންތަކުގެ މީހުންނަށް ލިބިދާނެ ކަމުގެ ބިރު އޮތްކަން ފާހަގަކުރައްވައި، ގައުމު ދިފާއުކުރުމަށް ނުކުތުމަށް ޖަމީލު ގޮވާލައްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އޮނަރަބަލް ކިޔަން އަންގައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުހާތަބުކުރާއިރު "އޮނަރަބަލް" ކިޔުމަށް ޖޭއެސްސީން ރަސްމީކޮށް އަންގައި ސާކިއުލާއެއް ވަނީ ނެރެފައި. މި ބަދަލާއެކު ފަނޑިޔާރުންގެ ނަމުގެ ކުރިއަށް "އަލްއުސްތާޒް" ބޭނުންކުރުން ހުއްޓާލަން ޖެހޭއިރު، މިއީ މީގެ ކުރިން އަމަލުކުރަމުން އައި އުސޫލަށް ގެނައި ރަސްމީ ބަދަލެއް.

Newsletter

Get the latest news delivered straight to your inbox