ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވޭނީ ސިޔާސީ އަޒުމެއް އޮވެގެން ކަމަށް އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަދި ދުންފަތާ ދެކޮޅަށް އަބަދުވެސް ވަކާލާތުކުރައްވާ އަހުމަދު އަފްއާލް ވިދާޅުވެއްޖެ އެވެ.
"އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި އަފްއާލް ވިދާޅުވީ ދުންފަތުގެ އިސްތިއުމާލްކުރުން ކޮންޓްރޯލްކުރުމަށް ކުރާ މަސައްކަތް މިހާރު އޮތީ ވަރަށް ބޮޑަށް މަޑުޖެހިފައި ކަމަށެވެ. އޭނާ ވިދާޅުވީ އެކަމަށް ގާނޫނެއް އޮތް ނަމަވެސް އެކަން އެހާ ބޮޑަށް ތަންފީޒުކުރެވޭ މަންޒަރު ނުފެންނަ ކަމަށެވެ.
"ދުންފަތުން ދުރުވުމަށް ސްޕެޝަލައިޒޭޝަން ކްލިނިކްތަކެއް ވެސް އެބަ ހުރޭ. އެކަމަކު އެތަނުގެ ބޭނުން ހިފާ މީހުން ވެސް މަދު އަދި އާއްމު ހޭލުންތެރިކަން އިތުރު ކުރިޔަސް ހަމަ އޭގެ ބޭނުން ހިފާލެއް ވެސް މަދު. އަދިވެސް ހަމަ ތަފާތު ގޮތްގޮތަށް އިޝްތިހާރުކުރާ އުކުޅުތައް ވެސް ހަމަ ބޭނުންކޮށްގެން އިޝްތިހާރުކުރުމާއި މިކަހަލަ ކަންތައްތައް ވެސް ހިނގާ،" އަފްއާލް ކަންބޮޑުވުން ހިއްސާކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖެ އަށް އަހަރެއްގެ ތެރޭގައި 400 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް އެތެރޭކުރާ ކަމަށާއި މިއީ 1.2 ބިލިއަން ރުފިޔާގެ އިންޑަސްޓްރީއެއް ކަމަށެވެ. އެހެންވެ އިންޑަސްޓްރީގެ ނުފޫޒު އޮތް މިކަން ހުއްޓުވަން އިތުރަށް ކުރެވޭނެ ކަންކަމަކީ ކޮބައިކަން ބަލަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"ފުރަތަމަ ކަމަކީ އަޅުގަނޑުމެންގެ ޕޮލިޓިކަލް ވިލް ވަރަށް ވަރުގަދަވާން އެބަ ޖެހޭ،" ހެލްތު މިނިސްޓްރީގައި ކުރިން މަސައްކަތްކުރެއްވި އަފްއާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިކަން ހުއްޓުވާނެ ގޮތްގޮތުގެ ވާހަކަ އާއި ކުރެވޭނެ ކަންކަމުގެ ވާހަކަތައް ވަޒީރު ފެންވަރުގެ ބޭފުޅުން ވެސް ދައްކަވާ ކަމަށާއި އެކަމަކު އެކަންކަމަށް އަމަލީ ސިފަ ގިނަ ފަހަރަށް ނާންނަ ކަމަށެވެ.

ވޭޕްކުރާ އާލާތެއް: މިއީ ރާއްޖޭގައި އާއްމުވަމުން އަންނަ ކަމެއް.
އަފްއާލް ވިދާޅުވި ގޮތުގައި ގައިން ގަޔަށް ނާރާ ބަލިތައް ހުއްޓުވުމުގެ ވާހަކަ އާއި އާސަންދަ އަށް ކުރާ ހޭދަ މަދުކުރާ ވާހަކަ ދައްކާއިރު އެކަންކަން ހާސިލްކުރަން އޮތް އެންމެ ފަސޭހަ މަގަކީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުން ކަމަށެވެ.
"ދުންފަތުގެ އިސްތިއުމާލްކުރުން މަދުކޮށްފިއްޔާ ހަމަ ގައިމުވެސް، ގައިންގަޔަށް ނާރާ ބަލިތަކާ، ކެންސަރާއި ހައިޕަ ޓެންޝަނާ މިހެން ގޮސް މިކަހަލަ ވަރަށް ގިނަ ކަންތައްތަކަށް އާއްމު ރައްޔިތުންނަށް ސަރުކާރުން ކުރަން ޖެހޭ ހަރަދު ވަރަށް ކުޑަވެގެންދާނެ،" އަފްއާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކެފޭ ރެސްޓޯރެންޓްތަކާއި ޕާކް ފަދަ ދުންފަތުގެ އިސްތިއުމާލުނުކުރާ ތަންތަން ގިނަކޮށް ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކޮށްގެން އެކަންކަމަށް ކުރިއެރުން ހޯދޭނެ ކަމާށެވެ.
"އަޅުގަނޑު މިހެން ބުނީމާ ބައެއް ބޭފުޅުން ވިދާޅުވާނެ ތިއީ ދެން ވާނެކަމެއް ނޫނޭ. މީހުންގެ ހައްގެކޭ ދުންފަތުގެ އިސްތިއުމާލް ކުރުމަކީ ވެސް. އެކަމަކު މިއީ އޮސްޓްރޭލިއާ ނިއުޒީލެންޑް، ތައިލެންޑް މިހެން ގޮސް ސިންގަޕޫރު ފަދަ ތަންތަނުގައި ކާމިޔާބުކޮށްފައި ހުރި މޮޑެލްތައް. އެމީހުން އެކަމުން ކާމިޔާބު ހޯދައިފި. އެތަންތާނގައި ވެސް އުޅެނީ ހަމަ އިންސާނުން. އެމީހުން ވެސް ސިނގިރެޓް ބުއިމާ އަމަލުވޭ، ދެވި ހިފާ. އެކަމަކު އެމީހުންނަށް އެކަން ކުރެވިއްޖެއްޔާ އަޅުގަނޑުމެންގެ ގައުމުގައި އުޅޭ އިންސާނުންނަށް ވެސް ހަމަ އެކަން އެޕްލައިވާނެ ދެއްތޯ؟،" އަފްއާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިކަންކަން ހުއްޓުވަން އަޒުމެއް އޮވެގެން، އުސޫލުތަކަށް ބަދަލުތަކެއް ގެނެސްގެން ނޫނީ މިކަން ހުއްޓުވުމަކީ ދަތި ކަމަކަށް ވާނެ ކަމަށާއި އެކަމަކު ނުހުއްޓުވައިފި ނަމަ ޖީލުތަކެއް މިކަމުގެ ތެރޭގައި ހަލާކުވެގެންދާނެ ކަމަށެވެ.
ރާއްޖޭގައި ފަހަކަށް އައިސް ވޭޕްކުރުން ވަނީ ވަރަށް ބޮޑަށް އާއްމުވެފަ އެވެ. އެކަން ދަރިވަރުންގެ މެދުގައި ވެސް ދަނީ އިތުރުވަމުންނެވެ.
ރާއްޖޭގައި ކިޔަވާ ކުދިންގެ ތެރެއިން 45 ޕަސެންޓު ކުދިން ދުންފަތުގެ ކޮންމެވެސް ބާވަތެއް އިސްތިއުމާލު ކުރާ ކަމަށް 2019 ވަނަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ނެރުނު ގްލޯބަލް ޔޫތު ޓޮބޭކޯ ސާވޭގައި ބުނެފައިވެ އެވެ. އަދި ދަރިވަރުންގެ ތެރެއިން 17 ޕަސެންޓު ކުދިންނަކީ ވޭޕް ކުރާ ކުދިން ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
ދިވެހިރާއްޖޭގައި 1990 ގެ އަހަރުތަކުގެ ފަހުކޮޅު އަދި 2000 ވަނަ އަހަރުގެ ކުރީކޮޅު ސިނގިރޭޓާ ދެކޮޅަށް ވަރަށް ގިނަ ހަރަކާތްތައް ހިންގި އެވެ. ސިގިރެޓާ ދެކޮޅަށް އެއިރު ހިންގި ގިނަ ކެމްޕެއިނުތައް އަމާޒު ކުރީ ޒުވާނުންނަށެވެ.
އޭގެ ފަހުން ދިވެހިރާއްޖޭގައި 2007 ވަނަ އަހަރު ރާއްޖޭގައި ހިންގި ގްލޯބަލް ޔޫތު ޓޮބޭކޯ ސާވޭ އިން ދެއްކި ގޮތުގައި ޒުވާނުންގެ މެދުގައި ދުންފަތުގެ އިސްތިއުމާލު ކުރުން އޮތީ މަދުވެފަ އެވެ. އެހެންކަމުން ދުންފަތާ ދެކޮޅަށް ކުރިން ހިންގި ކެމްޕެއިނުތަކުގެ ނަތީޖާ ރަނގަޅު ކަމަށް ތަޖުރިބާކާރުން ގަބޫލު ކުރެ އެވެ. މީގެ ދެ އަހަރު ކުރިން ހެދި ޓޮބޭކޯ ސާވޭގައި ބުނެފައި ވަނީ ވޭޕް ކުރުން ހުއްޓުވުމަށް ރާއްޖޭން ހާއްސަ ސަމާލުކަމެއް ދޭންޖެހިފައިވާ ކަމަށެވެ.












