ވާދަވެރި ޓީރެކްސް ބާސްކެޓްބޯޅަ ކުލަބު 79 ޕޮއިންޓް 82 ޕޮއިންޓުން ބަލިކޮށް، ކިންގްސް ބާސްކެޓްބޯޅަ ކްލަބުން 15 ވަނަ ގައުމީ ބާސްކެޓްބޯޅަ ލީގުގައި މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި އެވެ.
ހަ ޓީމް ވާދަކުރާ ގައުމީ ލީގުގެ ފުރަތަމަ ޑިވިޝަންގެ އެންމެ ކުރީގައި މިވަގުތު އޮތީ ކިންގްސް އެވެ. އެއީ މިހާތަނަށް ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށް 8 ޕޮއިންޓާ އެކުގަ އެވެ. ދެ ވަނަައިގައި އޮތީ ކިންގްސް އަތުން ބަލިވި ޓީރެކްސް އެވެ. ޓީރެކްސް އަދި މިހާތަނަށް ބަލިވީ ކިންގްސް އަތުން އެކަންޏެވެ. ތިން ވަނައިގައި އޮތީ ހަތަރު މެޗުން ދެ މޮޅު ހޯދާފައިވާ ރެޑްވިންގްސް ބާސްކެޓްބޯޅަ ކްލަބް އެވެ.
ކިންގްސް އާއި ޓީރެކްސްގެ ވާދަވެރި ކުރިމަތިލުން ދިޔައީ ވަރަށް ވާދަވެރިކޮށެވެ. މެޗު ފަށައިގެން ރަނގަޅަށް ކުޅެމުންދިޔައީ ކިންގްސް އިންނެވެ. ފުރަތަމަ ކުއާޓާގެ ބޮޑު ބައެއްގައި އެ ޓީމު އޮތީ ލީޑްގައެވެ. ހަ ޕޮއިންޓްގެ ލީޑެއް ވެސް ކުއާޓާގެ މެދުތެރެއިން ހޯދި އެވެ. ނަމަވެސް ޓީރެކްސްގެ ކެޕްޓަން ހުސައިން ހަލީމް (ޗިކަނޭ)ގެ މޮޅު ކުޅުމާއިއެކު އެޓީމުން ފަރަގު ކުޑަކޮށް އެންމެ ފަހު މިނެޓުގައި ސްކޯ އެއްވަރުކުރި އެވެ.
ދެ ވަނަ ކުއާޓާގައި ޓީރެކްސް ފެނުނީ އާދަޔާ ހިލާފު ރޫހެއްގަ އެވެ. ބިދޭސީ ކުޅުންތެރިޔާ ފިލިޕް ވުކޮސަވްލެވިޗްގެ މޮޅު ކުޅުމާ އެކު ޓީރެކްސް އިން މި ކުއާޓާގައި ލީޑު ނެގިއެވެ. މި ކުއާޓާގައި ކިންގްސް އަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކަށްވީ ލިބުނު ހުސް ފުރުސަތުތަކުގައި ސްކޯ ނުކުރެވުމެވެ. ދެ ވަނަ ކުއާޓާ ނިމުނީ 39 ޕޮއިންޓް 32 ޕޮއިންޓުން ޓީރެކްސް ކުރީގައި އޮވެގެންނެވެ.
މެޗުގެ ނަތީޖާއަށް އެންމެ ބޮޑު އަސަރެއްކުރީ ތިންވަނަ ކުއާޓާ އިންނެވެ. ބްރޭކަށްފަހު ނިކުމެ ކިންގްސްއިން ތަފާތު ދެއްކި އެވެ.މި ކުއާޓާގެ ފުރަތަމަ 3 ޕޮއިންޓް ނިމުނުއިރު ޓީރެކްސް އޮތީ 9 ޕޮއިންޓްގެ ލީޑެއްގައެވެ. ކިންގްސްގެ އިބްރާހިމް އަންފާލް ޝަރީފްއާއި ޑެކޯރޭ ޖޯންސްގެ މޮޅު ކުޅުމާއިއެކު އެޓީމުން ލީޑް އެންމެ ޕޮއިންޓަކަށް ހަނިކުރިއެވެ. އަނެއްކާވެސް ޓީރެކްސްގެ ޗިކަނޭ، އަހުމަދު ޒަބީރު (ޒަބީ) އަދި ފިލިޕްގެ ސްކޯތަކާ އެކު އަށް ޕޮއިންޓަށް ލީޑް ފުޅާވިއެވެ. މުޅި މެޗުގެ އޮއިވަރު ބަދަލުވީ ދެން ކުޅުނު ތިން މިނެޓުގަ އެވެ. ޑެކޯރޭގެ މޮޅު ކުޅުމާއިއެކު ފަހަތުން އަރާ ކިންގްސްއިން ލީޑް ނެގިއެވެ. އެ ތިން މިނެޓުގައި އަފްޝަން ރަޝާދު، ޒަބީ އަިދ ފިލިޕް ކުރި އެއްވެސް ޝޫޓެއް ކާމިޔާބުނުވެ ކިންގްސްއަށް ފުރުސަތު ލިބުނީ އެވެ. އެންމެ ފަހު މިނެޓުގައި އަންފާލް ސްކޯކުރި ތިން ޕޮއިންޓާ އެކު މި ކުއާޓާ ކިންގްސް އިން ނިންމާލީ ހަތަރު ޕޮއިންޓްގެ ލީޑަކާ އެކުގަ އެވެ.

ޓީރެކްސް އާއި ކިންގްސް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ފަހު ކުއާޓާގައި ކިންގްސް އިން ރަނގަޅު ޑިފެންސްތަކެއް ކުރި އެވެ. އެޓޭކާއި ޑިފެންސްގައި އެ ޓީމުގެ އަބްދުﷲ އަމްޒަރު އަދި އިބްރާހިމް ރަޝްވާން (ޗިކު) ރަނގަޅު ކުޅުމެއް ދެއްްކި އެވެ. ކުއާޓާ ފެށިގެން ނިމެންދެން ލީޑުގައި އޮތްއިރު، ކުއާޓާގެ މެޗުތެރެއިން ކިންގްސްއިން ނުވަ ޕޮއިންޓްގެ ލީޑެއް ވެސް ނެގިއެވެ.
ޓީރެކްސް އަށް އެންމެ ބޮޑު މައްސަލައަކަށް ދިމާވީ ކުއާޓާގެ މެދުތެރެއިން މެޗުގައި އެޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކި ކެޕްޓަން ޗިކަނޭ އަށް އަނިޔާވެގެން މެޗުގެ ބާކީބައިގައި ނުކުޅެވުމެވެ. ޗިކަނޭ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ވަގުތުން ކުޅުން ހުއްޓާލައި އޭނާ ހޮސްޕިޓަލަށް ގެންދިޔަ އެވެ.
މެޗުގެ އެންމެ ފަހު 30 ސިކުންތަށް ދިޔައިރު ތަފާތަކަށް އޮތީ އެންމެ ތިން ޕޮއިންޓެވެ. ޓީރެކްސް އަށް ފަހު ވަގުތު ތިން ޕޮއިންޓް ސްކޯކުރަން ދެ ފުރުސަތު ލިބުނެވެ. ފިލިޕް ޝޫޓްކުރި ދެ ބޯޅައާއި ޒަބީގެ ކުރި އެޓެމްޓް ވެސް ކާމިޔާބުނުވެ މެޗުު ނިމުނީ ތިން ޕޮއިންޓްގެ ލީޑަކާއިއެކު 82 ޕޮއިންޓް 79 ޕޮއިންޓުން ކިންގްސް މެޗު ކާމިޔާބުކޮށްގެންނެވެ.
މި މެޗުގައި ޓީރެކްސް އިން އެންމެ ރަނގަޅަށް ކުޅުނީ ކެޕްޓަން ޗިކަނޭ އާއި ފިލިޕް އެވެ. ޗިކަނޭ އެ ޓީމަށް 17 ޕޮއިންޓް ހޯދައިދީ ހަތް ރީބައުންޑް ނަގައިދިނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނު ފިލިޕް ވަނީ 26 ޕޮއިންޓް ހޯދައިދީ 11 ރީބައުންޑް ނަގައިދީފަ އެވެ. ޑިފެންސަށް ބަލާއިރު ޓީރެކްސްގެ ޒަބީ ވަނީ 11 ރީބައުންޑްނަގައި 11 ޑިފެންސް ކޮށްފަ އެވެ.
ކިންގްސްގެ ޓީމުގެ އަންފާލް، އަމްޒަރު، އާލަންޑޯ ކުކް އަދި ޑެކޯރޭގެ ކުޅުން ފާހަގަކޮށްލެވެ އެވެ. އެ ޓީމަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިން އަންފާލް 18 ޕޮއިންޓް ހޯދައިދިނެވެ. އޭގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ މެޗުގެ މުހިންމު ދަނޑިވަޅުތަކުގައި ސްކޯކުރި ތިން ޕޮއިންޓްތަކެވެ. ޑެކޯރޭ 15 ޕޮއިންޓް ހޯދައިދިންއިރު، ކުކް 18 ޕޮއިންޓް އަދި އަމްޒަރު 12 ޕޮއިންޓް ހޯދައިދިނެވެ.
ގައުމީ ލީގުގެ ފުރަތަމަ ބުރުގައި މި ދެ ޓީމަށްވެސް އަދި އެއް މެޗު އެބައޮތެވެ. ކިންގްސް އަށް އޮތީ ރެޑްވިންގްސްއާ ވާދަކުރާ މެޗެވެ. އަދި ޓީރެކްސް އަށް އޮތީ ރެޕްޓާސްއާ ދެކޮޅަށް ކުޅޭ މެޗެވެ.













