ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި އަންނަ މަހު ގައުމީ ފުޓްބޯޅަ ޓީމާއި ބަންގްލަދޭޝްގެ ފުޓްބޯޅަ ޓީމު ބައްދަލުކުރާގޮތަށް ހަމަޖެހިއްޖެ އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ރޭ ސޯޝަލް މީޑިއާގައި ވަނީ ރާއްޖެ އާއި ބަންގްލަދޭޝް މިދިޔަ އޮކްޓޫބަރު މަހު ހަތް ވަނަ ދުވަހު ސާފް ޗެމްޕިއަންޝިޕްގައި ބައްދަލުކުރި މެޗުގެ ދެ ފޮޓޯ ހިއްސާކޮށް، އަންނަ މަހުގެ 24 ވަނަ ދުވަހުގެ ތާރީހު ލިޔުއްވައިފަ އެވެ.
"އަދަދު" އަށް އެނގިފައިވާ ގޮތުގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާއި ބަންގްލަދޭޝް އަންނަ މަހު 24 ވަނަ ދުވަހު އެކުވެރިކަމުގެ މެޗެއްގައި ގަލޮޅު ދަނޑުގައި ބައްދަލުކުރާނެ އެވެ.
މިއީ މިދިޔަ ނޮވެމްބަރު މަހު ސްރީލަންކާގައި ބޭއްވި ފޯ ނޭޝަންސް ކަޕްގައި ބަންގްލަދޭޝް އިން 2-1 އިން ރާއްޖެ އަތުން މޮޅުވި މެޗަށް ފަހު މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުމެވެ. ފޯ ނޭޝަންސް ކަޕްގައި ރާއްޖެ އަތުން ބަންގްލަދޭޝް އިން ހޯދި މޮޅަކީ ފާއިތުވި 18 އަހަރު ތެރޭގައި ސީނިއާ ފުޓްބޯޅައިގައި ބަންގްލަދޭޝް އަށް ރާއްޖޭގެ މައްޗަށް ހޯދުނު ފުރަތަމަ މޮޅެވެ. ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު އަތުން 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ބަންގްލަދޭޝްގެ ޒުވާން ޓީމު ވަނީ ޕެނަލްޓީ ޖަހައިގެން މޮޅުވެފަ އެވެ.
ރާއްޖެ އާއި ބަންގްލަދޭޝް އިން މިދިޔަ ސާފް ޗެމްޕިއަންޝިޕްގައި މާލޭގައި ކުޅުނު މެޗުން ރާއްޖެ މޮޅުވީ 2-0 އިންނެވެ. އޭގެ ކުރިން 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު މާލޭގައި ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުން ރާއްޖެ މޮޅުވީ 5-0 އިންނެވެ.
މިިދިޔަ މަހު ނޭޕާލަށް ގޮސް އެ ގައުމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅެން ރާއްޖެ އަށް ހުށަހެޅުމެއް ލިބުނެވެ. އެކަމަކު، ރާއްޖޭން އެދުނީ ނޭޕާލް ޓީމު ރާއްޖެ އައިސް މެޗު ކުޅޭށެވެ. އެކަމުގެ މަޝްވަރާތައް ދިގުލައި ގޮސް ނޭޕާލުން އެންމެ ފަހުން މެޗު ކުޅުނީ އަމިއްލަ ގައުމުގައި މޮރިޝަސްއާ ދެކޮޅަށެވެ.
ބަންގްލަދޭޝާ ދެކޮޅަށް އަންނަ މަހު ކުޅޭ މެޗު ވެގެންދާނީ މިދިޔަ އޮކްޓޫބަރު މަހު ފަހުކޮޅު ގައުމީ ޓީމާ ހަވާލުވި އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ގައުމީ ޓީމަށް ގަލޮޅު ދަނޑުގައި ކޯޗުކޮށްދޭނެ ފުރަތަމަ މެޗަށެވެ.
މޮރިއޭރޯގެ އިރުޝާދުގެ ދަށުން މިހާތަނަށް ރާއްޖޭން ކުޅުނު ހަތަރު މެޗަކީ ފޯ ނޭޝަންސް ކަޕްގެ މެޗުތަކެވެ. އެ މުބާރާތުގައި ރާއްޖޭން ލަންކާއާ 4-4 އިން އެއްވަރުވިއިރު، ބަންގްލަދޭޝް އަތުން ބަލިވީ 2-1 އިންނެވެ. އަދި ފަހު މެޗުގައި ސީޝެލްސްއާ ވަނީ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެފަ އެވެ.
ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝަށް ކޯޗުކޮށްދިނީ އެ ގައުމުގެ ބަޝުންދުރާ ކިންގްސްގައި ހުރި ސްޕެއިންގެ ކޯޗު އަދި ކުރިން ރާއްޖޭގެ ނިއު ރޭޑިއަންޓްގައި މަސައްކަތްކުރި އޮސްކާ ބްރުޒޮން އެވެ. އޭގެ ފަހުން ފޯ ނޭޝަންސް ކަޕްގައި ބަންގްލަދޭޝަށް ކޯޗުކޮށްދިނީ އެ ގައުމުގެ ޑާކާ އަބަހާނީގެ ޕޯޗުގީސް ކޯޗު މާރިއޯ ލެމޯސް އެވެ.
ބަންގްލަދޭޝް އިން ވަނީ މިދިޔަ މަހު އެ ޓީމުގެ ކޯޗަކަށް ސްޕެއިނުގެ ހަވިއޭ ކަބްރޭރާ ހަމަޖައްސައިފަ އެވެ. އެއީ 11 މަސް ދުވަހުގެ ކޮންޓްރެކްޓެއްގަ އެވެ.
ބަންގްލަދޭޝާ ދެކޮޅަށް ކުޅޭ މެޗު ވެގެންދާނީ އަންނަ ޖޫން މަހު ކުޅޭ އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ދިއުމުގެ ކުރިން ގައުމީ ޓީމަށް ލިބޭ ރަނގަޅު ފުރުސަތަކަށެވެ.
އަދަދު ނޫހުގެ "ފޯރި" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް ވަނީ ޖޫން މަހު ކުޅޭ އޭޝިއަން ކޮލިފައިން ގްރޫޕް ސްޓޭޖް މެޗުތައް ސެންޓްރަލައިޒްކޮށް ރާއްޖޭގައި ކުޅެން ބިޑްފޮނުވާފައިވާ ކަމަށް ވިދާޅުވެފަ އެވެ.













