ކޯޕަންހޭގަން, ޑެންމާކް (21 ފެބްރުއަރީ) – އިންގްލެންޑްގެ ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު ޖެކް ވިލްޝެއާ، ޑެންމާކް ސުޕަ ލީގުގެ ކްލަބެއް ކަމަށްވާ އާރްހަސް ޖިމްނަސްޓިކްފޮރެނިން (އޭޖީއެފް) އަށް ސޮއިކޮށްފި އެވެ.
އާސެނަލް އާއި ވެސްޓް ހޭމް އަށް ކުރިން ކުޅުނު ވިލްޝެއާ ،30، އޭޖީއެފް އަށް ސޮއިކުރީ މި ސީޒަންގެ ނިޔަލަށެވެ. އެކަމަކު، މި އެއްބަސްވުމުގެ ދަށުން އިތުރު އެއް އަހަރަށް ކޮންޓުރެކްޓް އާކުރުމުގެ އިހްތިޔާރު އޭޖީއެފް އަށް ލިބެ އެވެ.
ވިލްޝެއާ އަށް އެ ކްލަބުން ދީފައިވަނީ "10" ނަމްބަރު ޖޯޒީ އެވެ. އޭޖީއެފްގެ ފަރިތަކުރުންތަކުގައި ވިލްޝެއާ މިއަދު ބައިވެރިވާނެ ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.
ބޯންމައުތާ އެކު ހަދާފައިވާ ކޮންޓުރެކްޓް މިދިޔަ އަހަރުގެ މެދުތެރެއިން ހަމަވުމަށް ފަހު، ވިލްޝެއާ ހުރީ ކްލަބެއް ނެތިފަ އެވެ. މި މުއްދަތުގެ ތެރޭޣައި އޭނާ ވަނީ ކުރީގެ ކްލަބު އާސެނަލާ އެކު ޓްރެއިންކޮށްފަ އެވެ.
"މި ކުރިމަތިލީ ރަނގަޅު ޗެލެންޖަކާ،" ވިލްޝެއާ ބުންޏެވެ. "ކެރިއަރުގެ މި ހިސާބުން އަހަރެންގެ ކެރިއަރުގައި ބޭނުންވަނީ އާ ފެށުމެއް. މި ފުރުސަތު ދިނީމަ، އޭޖީއެފް އަށް ޝުކުރުވެރިވަން. އުންމީދުކުރަނީ މި ކްލަބުގައި ރަނގަޅު ކުޅުމެއް ދެއްކުން."
އާސެނަލްގައި ސީނިއާ ކެރިއަރު ފެށިއިރު، ވިލްޝެއާ ވެގެންދިޔައީ ވަރަށް އުންމީދީ ކުޅުންތެރިއަކަށެވެ. އެކަމަކު، ވިލްޝެއާ އަށް ކެރިއަރުގައި އުންމީދުކުރި ހިސާބަށް ދިއުމަށް އެންމެ ބޮޑު ހުރަހަކަށްވީ އަނިޔާގެ މައްސަލަތަކެވެ. އެހެންކަމުން، އެންމެ މަތީ ފަންތީގައި ވިލްޝެއާގެ ކެރިއަރަށް އަސަރުކުރި އެވެ. -- އޭއެފްޕީ












