ގައުމީ ބާސްކެޓްބޯޅަ ލީގު ފުރަތަމަ ޑިވިޝަންގައި މިހާތަނަށް ކުޅުނު ތިން މެޗު ކާމިޔާބުކޮށްފައިވާ ކިންގްސް ބާސްކެޓްބޯލް ކްލަބް އާއި ޓީރެކްސް ބާސްކެޓްބޯލް ކްލަބް މާދަމާ ވާދަކުރާނެ އެވެ.
ފުރަތަމަ ބުރުގެ އެއް ވަނަ ކަނޑައެޅޭ މެޗަށް މި ދެ ޓީމު ނުކުންނައިރު ދެ ޓީމު ވެސް އޮތީ ރަނގަޅު ފޯމެއްގަ އެވެ. ކިންގްސް އިން ވަނީ މިހާތަނަށް އެ ޓީމު ކުޅުނު ތިން މެޗުގައި ސްޓިންގާސް ބާސްކެޓްބޯލް ކްލަބް އާއި ރެޕްޓާސް ބާސްކެޓްބޯލް ކްލަބް އަދި ދަ ބައުސް ބޮޑު ތަފާތުން ބަލިކޮށްފަ އެވެ. ޓީރެކްސް އިން ވަނީ ސްޓިންގާސް، ދަ ބައުސް އަދި ރެޑްވިންގްސް ބަލިކޮށްފަ އެވެ.
މިހާތަނަށް ފުރަތަމަ ޑިވިޝަންގެ ކޮންމެ ޓީމެއް ތިން މެޗު ކުޅެފައިވާއިރު، ޕޮޒިޓިވް ސްކޯގެ ފަރަގެއްގައި އޮތް ހަމައެކަނި ދެ ޓީމަކީ ޓީރެކްސް އާއި ކިންގްސް އެވެ. އެހެން ހުރިހާ ޓީމެއްގެ ސްކޯގެ ފަރަގު އުޅެނީ ކުރީގައި އުޅޭ ދެ ޓީމާއި ބަލާއިރު ތަފާތު ބޮޑުކޮށެވެ.
ލީގުގައި އެންމެ ފަހުން ކުޅުނު މެޗު ކިންގްސް އިން ކާމިޔާބުކުރީ ދަ ބައުސްއާއި ވާދަކޮށް 102 ޕޮއިންޓް 56 ޕޮއިންޓުންނެވެ. މެޗުގެ ހުރިހާ ކުއާޓާއެއްގައި ވެސް ލީޑުގައި އޮވެ މެޗު ޑޮމިނޭޓްކުރީ ކިންގްސް އެވެ. އެ ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ކޯޗު ވަނީ ހަމަހަމަ ފުރުސަތެއް ދީފަ އެވެ.
ކިންގްސް އަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޑެކޯރޭ ޖޯންސް އެވެ. އޭނާ 23 ޕޮއިންޓް ޓީމަށް ސްކޯ ކޮށްދިނެވެ. ބައުސްއަށް ބަލާއިރު އެޓީމްގެ ރޮބިންސަން ފޮރެސްޓް 21 ޕޮއިންޓް ސްކޯކޮށްދިނެވެ.
މުބާރާތުގެ ދެ ވަނަ ޑިވިޝަނަށް ބަލާލާއިރު ފުރަތަމަ ބުރުގައި މިހާތަނަށް ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް ރޯޔަލްސް އޮތީ ދެ ވަނަ ބުރަށް ނުކުންނައިރު އިތުބާރާއެކުގަ އެވެ. ދެ ވަނަ ޑިވިޝަނުން ލީގުގެ ދެ ވަނަ ބުރުގެ ފުރުސަތު ނުލިބޭނެކަން ޔަގީންވާ ހަމައެކަނި ޓީމަކީ ވައިކިންސް ބާސްކެޓްބޯލް ކްލަބް އެވެ. މިހާތަނަށް އެޓީމް ކުޅުނު ހަތަރު މެޗުންވެސް އެޓީމްވަނީ ބަލިވެފައެވެ.
ދެ ވަނަ ޑިވިޝަންގައި ހިމެނޭ ނުވަ ޓީމުގެ ތެރެއިން ލީގުގެ ދެ ވަނަ ބުރުން ފުރުސަތު ލިބޭނީ ކޮންމެ ގްރޫޕެއްގެ ގަދަ ތިން ޓީމަށެވެ. ފަސް ޓީމު ހިމެނޭ ގްރޫޕް އޭ އިން ދެ ވަނަ ބުރުގެ ޖާގަ ޔަގީންކޮށްފައިވަނީ ރޯޔަލްސް އެވެ. ބާކީ އޮތް ތިން ޓީމު ކަމަށްވާ ވުލްވްސް، ވައިޕާސް އަދި ވައިކިންސް އަށް ވެސް ދެވަނަ ބުރުގެ ފުރުސަތު އެބައޮތެވެ.
ގްރޫޕް ބީއަށް ބަލާއިރު، ސްޕާޓަންސް ވަނީ ދެ ވަނަ ބުރުން ޖާގަ ޔަގީންކޮށްފަ އެވެ. އެ ޓީމުން ވަނީ މިހާތަނަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށްފަ އެވެ. ބާކީ އޮތް ތިން ޓީމަށް ވެސް ދެ ވަނަ ބުރުގެ ފުރުސަތު އެބައޮތެވެ.
މުބާރާތުގެ އަންހެން ޑިވިޝަންގައި މިހާތަނަށް ކޮންމެ ޓީމަކުން ވެސް ކުޅެފައިވަނީ އެންމެ މެޗެކެވެ. ލީގުގެ ފުރަތަމަ ހަފްތާއާ ހިލާފަށް އަންނަ ބުދަ ދުވަހުން ފެށިގެން ކޮންމެ ދެ ދުވަހަކުން އެއް ދުވަހު އަންހެން ޑިވިޝަންގެ މެޗުތައް ކުޅޭނެ އެވެ. މިހާތަނަށް ކުޅުނު ތިން މެޗަށް ބަލާއިރު، ޗެމްޕިއަން ކުއީންސް، ސައިކްލޯން އަދި އެލީޓް އޮތީ ކުރީގަ އެވެ.
މުބާރާތުގައި މިއަދު ކުޅޭނީ ދެ ވަނަ ޑިވިޝަންގެ ތިން މެޗެވެ. ހަވީރު ކުޅޭ މެޗުގައި ވާދަކުރާނީ ނައިޓްސް ބީސީ އާއި ވުލްވްސް ބީސީ އެވެ. ސްޕާޓަންސް އާއި ހުޅުމާލެ ސްޕޯޓްސް މިރޭ ކުޅޭ ފުރަތަމަ މެޗުގައި ވާދަކުރާއިރު މިރޭ ކުޅޭ ފަހު މެޗުގައި ޓަލަންސް ބީސީ ނިކުންނާނީ ޔޫއެން ފްރެންޑްއާއި ދެކޮޅަށެވެ.













