ހޭލީއްސުރެ އަހަންނަށް ހުރެވެނީ ބިރުވެރިކަމެއްގެ ތެރޭގަ އެވެ. ބުނާން ނޭނގޭ ކަހަލަ އިހުސާސްތަކެއް ކުރެވެނީ އެވެ. އެކަނި ވެއްޖެ ނަމަ އެކަން އިތުރުވެ އެވެ. ބޮޑުވެ އެވެ. އަތްފައި ތުރުތުރު އަޅައިގަނެ އެވެ. މޭގައި ނޭނގޭ ތުރުތުރަކާއެކު ރިހުމެއް ހިފެހެއްޓިފައި ހުރެ އެވެ.
އެރެއަށްފަހު ކޮންމެ ރެޔަކު ވެސް އެކަހަލަ ހުވަފެނެއް ފެނެ އެވެ. އެހެންވެ ހޭލީއްސުރެ އަހަންނަށް ހުންނަން ޖެހެނީ ބިރުން ރޫރޫ އަޅައަޅަ އެވެ. ގޮތެއް ވެދާނެތީ އެވެ. ކަމެއް ގޯސް ވެދާނެތީ އެވެ. އާއިލާ މީހަކަށް ގޮތެއް ވެދާނެތީ އެވެ. އަހަންނަށް ތަކުރާރުކޮށް ހުވަފެނެއް ފެނިއްޖެ ނަމަ ކޮންމެ ވެސް ބޮޑު ކަންތައް ގަނޑެއް މެދުވެރިވެ އެވެ. އެއީ އަހަންނަށް ކުރެވުނު އެންމެ ބޮޑު އެއް ތަޖުރިބާ އެވެ.
ދޭތެރެއަކުން ފައިޒާނަށް ގުޅެނީ ވެސް އެހެންވީމަ އެވެ. ފައިޒާން އުޅޭ ނޫޅޭ ގޮތް ބެލެނީ އޭނާއަށް ދެރަގޮތެއް ވެދާނެތީ އެވެ.
"މަށަށް ހީވަނީ ދުރަށް ދިޔައީމަ ލޯބި އުތުރިގެން ބިމަށް ވެސް އޮހޭހެން." ފޯނުން ފައިޒާން އަހަންނާ މަޖާކޮށްލި އެވެ.

އޭނާއަށް ގުޅޭ މިންވަރު އިތުރުވީމަ އެވެ. އުޅޭ ނޫޅޭ ގޮތް ބަލައިލެވޭތީ އެވެ. އެއް ނަޒަރަކުން ބަލާއިރު އެއީ އަހަރުމެންގެ ގުޅުން އިތުރު ހަރުފަތަކަށް ގެން ގޮސްދިން ކަމެކެވެ. އަހަރުމެންގެ ވިސްނުން ބަދަލު ނުވެ ސާބިތު ވުމަށް ލިބުނު ހިތްވަރެކެވެ.
"ހަނާ." ފައިޒާން ވަރަށް ލޯބިން ގޮވާލި އެވެ.
"ކިހިނެއްވީ؟ އުތުރި އަރައިގަތީތަ؟ ނަންވާނީ މަ." ފައިޒާނުގެ ބަސްމަގު އަހަރެން ނަކަލު ކުރީ ހަމަ ގަސްތުގަ އެވެ.
ފައިޒާންގެ މޫޑު އެހާ ރަނގަޅު ހެން ހިޔެއް ނުވެއެވެ. އޭނާގެ އަޑުގައި ހުރީ ހާސްކަމެވެ. ކަންބޮޑުވުމެވެ. އަޑު ވަނީ މޮޅިވެފަ އެވެ. ޖޯޝެއް ރޫހެއް ނެތި އެވެ.
"ދުވަސްކޮޅެއް ވެއްޖެ." ފައިޒާން ހުއްޓައިލި އެވެ.
"ދިމާ ނުވާތާ ދޯ. ފަޖުރުތަރީގެ އަލިކަން ނުލިބޭތާ ވެސް." އަހަރެންގެ މޫޑު ތަންކޮޅެއް ރަނގަޅު ވަގުތެކެވެ.
އެހެންވެ އަހަރެން އުޅުނީ ފައިޒާނާ ދިމާކޮށް އޭނާ ހެއްވާލެވޭތޯ އެވެ.
"ދެން، އިހަށް އަޑު އަހައިބަލަ." ފައިޒާނުގެ އަޑު ތަންކޮޅެއް ބާރުވި އެވެ.
"ކޮންކަމެއް؟ ކޮން ވާހަކައެއް؟ ތަރިތައް ބޭލޭކަށް ނެތެއްނު." އަހަންނަށް ފައިޒާންގެ އިހުސާސްތަކާ މެދު ވިސްނައި ނުލެވުނެވެ.
"އޯކޭ ބޭއްވީ." ކުއްލިއަކަށް ފައިޒާން ފޯނު ކަނޑައިލި އެވެ.
އެއީ ދުވަހަކު ވެސް ފައިޒާން ކުރި ކަމެއް ނޫނެވެ. އަހަރެން ވާހަކަ ދައްކަދައްކާ ހުއްޓާ ފޯނު ކަނޑައިލުމެވެ. ވާހަކަ ކުރުކޮށްލުމެވެ. އެކަން އަހަންނަށް ބޮޑު ކަމަކަށްވި އެވެ. ވިސްނަން ޖެހޭ ބޮޑު، ވަރަށް ބޮޑު ކަމަށްވި އެވެ. ދެތިން ފަހަރު ފައިޒާނަށް ގުޅިއްޖެ އެވެ. ފޯނަށް ޖަވާބެއް ނުދިނެ އެވެ. އެންމެފަހުން އޭނާ ފޯނު ނިއްވައިލި އެވެ.
އަހަރެންގެ އިސްތަށިގަނޑުގެ ތެރެއަށް އިނގިލިތައް މަހައިލާ ދަމާލެވުނެވެ. ދަތްތައް ޖައްސާ ކަތުރުކަށިގަނޑާއެކު ވާންކޮށްލެވުނެވެ. ދެ ލޯ މަރައިލަމުން ނޭވާ ހިފަހައްޓައިލެވުނެވެ.
ގޯސް ހެދުނީ އަހަންނަށެވެ. އެކަން އަހަރެން ޤަބޫލުކުރަމެވެ. އެކަމަށް އެއް ބަސްވަމެވެ. އެކަމަކު އަހަރެންގެ މިޒާޖުގައި ސިފަތައް ލިޔެފައިވާ ރަދީފުގައި ނެތް ލަފުޒަކީ "ސޮރީ" އެވެ. އެއީ އަހަންނަށް ބުނަން ފަސޭހަ ލަފުޒެއް ނޫނެވެ. ކިޔައިލަން ލުއި ލަފުޒެއް ވެސް ނޫނެވެ.
އެކަމަކު މިއަދު އެ ލަފުޒު އަހަރެންގެ މިޒާޖުގެ ރަދީފަށް ލާން ޖެހޭނެ އެވެ. އިތުރުކުރާން ޖެހެ އެވެ. އެކަން ނުކޮށްފިނަމަ އަހަރެން ޟަމީރު އަހަންނަށް މަލާމަތް ކުރާނެ އެވެ.
ދިގު މެސެޖެއް ލިޔުމަށްފަހު، ފައިޒާނަށް ވައިބަރއިން ފޮނުވާލީމެވެ. ހަމަ އެ މެސެޖު މެސެންޖައރިންނާއި ވަޓްސްއެޕުން ވެސް ފޮނުވާލީމެވެ. އެންމެ ފަހުން ޓެލެގުރާމު ވެސް ކޮށްލީމެވެ. ކޮންމެވެސް އެއް މަންސައަކުން އޭނާއަށް ފެންނާނެ ކަމަށް ބަލައިފަ އެވެ. އޭގައި އަހަންނަށް "ސޮރީ" އޭ ލިޔާކަށް ނުކުރެނެވެ. ނަމަވެސް އެ ލަފުޒުގެ ވަށައިގެން ވީހާ ލަފުޒަކާއެކު ހިނގައިދިޔަ ކަންތައްތަކުން ހިތަށް އަސަރުކޮށް، ވިސްނުމަށް ބަދަލު އައިކަން ބަޔާންކޮށްދިނީމެވެ.
އިރުއިރު ކޮޅާ ފައިޒާނު މެސެޖު ބެލި ތޯ ބަލައިލެވެ އެވެ. އެއް މަންސައިން އަނެއް މަންސައަށް ފުންމެ އެވެ. އޭނާ މެސެޖު ބަލައިފިކަން އަހަންނަށް ކަށަވަރުވި އެވެ. އެކަން ޔަގީންވި އެވެ. އެހެންވެ ޖަވާބެއްގެ އިންތިޒާރުގައި ޗެޓު ލޮގުތަކުގައި ކަޅި ތަތްކޮށްލައިގެން އިނގިލިން ފޯނުގެ ސްކުރީނުގައި ފިރުމުނެވެ.
އެންމެފަހުން އަހަންނަށް ކެތް ނުވެގެން ފައިޒާނުގެ ވައިބަރ ނަންބަރަށް ގުޅައިލީމެވެ. ދެތިން ފަހަރަކު ރިންގުވި އިރަށް ފައިޒާން ފޯނު ނެގި އެވެ.
"ބުނެވިދާނެތަ އެހާ ރުޅިއައީ ކީއްވެ ކަން؟ ފައިޒާނަށް ނުގުޅޭ މިޒާޖެއް ހެން ހީވަނީ؟" ފައިޒާން އަނގައިން ނުބުނަނީސް އަހަރެން އަމުނައިލީމެވެ.
"ވިސްނައިލީމަ ސާފުކޮށް ޖަވާބު ލިބޭނެހެން ހީވަނީ." ފައިޒާން ރުންކުރު ރާގެއްގައި ބުނެލި އެވެ.
"ވިސްނައިވިސްނާ ވެސް ސިކުނޑި ޖަވާބު ނުދިނީމަ މި އެހީ ވެސް." އަހަރެންގެ ލޮލަށް ކަރުނަތައް ގިނަވާން ފެށި އެވެ.
"ބައެއް ކަންކަމަކީ ދުލުން ބުނެލަން ވަރަށް ފަސޭހަ، އެކަމަކު ޢަމަލުން ދައްކަން ވަރަށް އުނދަގޫ ކަންކަން." މާނު ފުން ރާގެއްގައި ފައިޒާން ބުނެލި އެވެ.
"ތިބުނީ އަހަރެން ސޮރީއޭ ނުބުނި ވާހަކަ ދޯ،" ފައިޒާންގެ ވާހަކަ އަހަންނަށް ފަހުމުވީ އެހެން ގޮތަކަށެވެ. "ވަރަށް ބޮޑަށް ސޮރީ. ގަބޫލުކުރަން މިސްޓޭކެއް ހެދުނުކަން."
ދެން ދިޔައީ ހިމޭން ވަގުތުކޮޅެކެވެ. ދެމީހުން ކުރެ އެކަކަށް ވެސް ވާހަކަ ނުދައްކާ ތިބެވުނީ އެވެ. ވާހަކަ ދައްކަންވީ ކާކުކަން ނޭނގިފައި ތިބެވުނުހެންނެވެ. އިސްވާންވީ ކާކުކަން ނޭނގިގެންނެވެ.
"އަލަތު ސޮރީއަކީ ފުނަށް އަސަރުކޮށްގެން ނުކުންނާނެ އެއްޗެއް. އެހެންވީމަ އަހަރެންގެ ފަޖުރުތަރިއަށް ހިތް ސާފު." ފައިޒާން ބުނެލި އެވެ.
އަހަންނަށް ހިތްހަމަ ޖެހުމުގެ ނޭވާއެއް ބޭރުކޮށްލެވުނެވެ. ހީވީ ބޮލަށް އަރުވާފައި އޮތްބަރެއް ނަގައި އެއްލައިލި ހެންނެވެ. އަހަރެންގެ ވަށައިގެން ޓިނު ޖަހައި ބަންދުކޮށްފައިވާ ކޮށްޓެއް ކަހަލަ ތަނަކުން ނުކުމެވުނު ހެންނެވެ. އެކުގައި އެތަން ރޫޅުނު ހެންނެވެ. ތަން ހިމޭންވެ އަމާންވި ހެންނެވެ.
"ކީކޭތަ ބުނަން އުޅުނީ؟" އަހަރެން ކެތް ނުވެގެން އަހައިލީމެވެ.
"އެ ވާހަކަ ފަހަށް ބާއްވަންވީނު ދޯ." ފައިޒާން ބުނެލި އެވެ.
"ބޭނުން ގޮތެއް،" އަހަރެން އެއްބަސްވީމެވެ. "މާދަމާ ހަވީރު އަހަންނަށް ދެވޭނެ ދޯ."
"ކޮބާތަ އެ ފިރިހެން ކުއްޖާ؟" ފައިޒާން އަހައިލި އެވެ.
"ކޮން ކުއްޖެއް؟"
"މޭކަޕް އާޓިސްޓު. މާ ފިރިހެންވަންތަ މީހާ؟" ފައިޒާން ބުނެލި އެވެ.
"އޭން،" އަހަރެން ދެ ލޯ ބޮޑުވި އެވެ. "ފައިއަށް އޭނާ އެނގޭތަ؟ އަހަންނަށް އޭނާއޭ ކިޔައި ވާހަކައެއް ބުނެވުނީތަ؟"
ފައިޒާން ހޭންފެށި އެވެ. ވަރަށް ބޮޑަށް މަޖާވެހެން ހިނި އައުމުން ނޫނީ އޭނާ އެހާ ބޮޑަށް ހޭ އަޑެއް އަހަރެން ނާހަމަވެ. އެހެން ނޫނަސް ފައިޒާނަކީ އެހާ މަޖާ މިޒާޖުގެ މީހެއް ނޫނެވެ. މީހުން ހެއްވުމާއި ހުނުމަކީ އޭނާ މަދުފަހަރަކު ނޫނީ ނުކުރާ ކަންކަމެވެ.
"ދެން އަހަރެން ފޯނު ކަނޑައިލަންވީ ދޯ؟" އަހަރެން ބަރު ހަތިޔާރު ނެގީމެވެ.
"އިހަށް ހަތިޔާރު ބަހައްޓާ." ފައިޒާން ބުނެލި އެވެ.
"އަހަރެން ހަމަ އަޖައިބު ހީވެއްޖެ. ހަނާއަށް ނޭނގުނީމަ." ފައިޒާން އަނެއްކާ ވެސް ހޭން ފެށި އެވެ.
"ނޭނގޭ ކަމަކީ ކޮބައިތަ؟ ކޮން ކަމެއް ނޭނގިގެންތަ ތި އުޅެނީ؟" ދޮރާ ދިމާއިން މީހަކު ބުނެލި އަޑު އިވުނެވެ.
އަހަންނަށް ކޮޅަށް ތެދުވެވުނެވެ. އެއީ ދަންނަ އަޑެއްވީމަ އެވެ. ކުރިން ވެސް އިވިފައިވާ އަޑެއްވީމަ އެވެ. މަޑުމަޑުން، ލަސް ފިޔަވަޅު ތަކެއް އަޅަމުން ގޮސް ދޮރު ހުޅުވާލީމެވެ.
ހީވީ ހަމަ ރަނގަޅަށެވެ. އަހަރެންގެ އަނގަ، ތަންމިނަށް ހުޅުވުނެވެ. ދެ ލޯ ބޮޑުވެ ހަޅޭއްލަވާ ގަނެވުނެވެ.
"ނުވެސް ބުނެލާ. އަޅޭ... ވަރަށް ވަރަށް ހެޕީ ވެއްޖެ." އަހަން އުދުހެވުނެވެ.
(ނުނިމޭ)




