(ހަތް ވަނަ ބައި)
އެ މައުސޫމު އަޑު ޖެހުމުން ކޮންމެ މީހެއްގެ ހިތަށް ވެސް އުފާވެރިކަން ވެރިވާނެ އެވެ. ހިތްހަމަ ޖެހުން ލިބޭނެ އެވެ. ނަމަވެސް، ވީ އެހެންނެއް ނޫނެވެ. އެ ތުއްތު އަޑާއެކު އިވެން ފެށީ ނާމާން އަޑުތަކެކެވެ. ޖަނަވާރުތަކެއް އެކުގައި ހޭރިގަތުމުން އިވޭ ކަހަލަ މަސްހުނި އަޑުތަކެކެވެ. ވާލާއި ކާޅާއި ބުޅާތަކެއް ކޯޅި ގަތް އަޑެވެ. ކުއްތާތަކެއް ވައްވައް ޖަހައިލި އަޑެވެ.
އަހަންނަށް ވަށައިގެން ހޯދައިލެވުނެވެ. ހުރެވުނީ ކޮންތާކުތޯ ބަލައިލެވުނެވެ. ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގައިލެވުނެވެ. މިއީ ހަނަފަސް ސަހަރާއެއް ނޫނެވެ. ބިޔަ ބޮޑު ޖަންގައްޔެއް ވެސް ނޫނެވެ. ސަހަރާކަތުން އިވޭކަހަލަ ވައި ކެފޭ އަޑުތަކުން މުޅިތަން ވަނީ ގުގުމާފަ އެވެ. އެއަޑާއެކުވެގެން އިވެނީ ރާޅުތަކުގެ ރުޅިވެރި އަޑުތަކެވެ. ރާޅު ބީއްސާ އަޑު އިވުނަސް މިއީ ގޮނޑު ދޮށެއް ނޫނެވެ. ދެން އަހަންނަށް މި ހުރެވުނީ ކޮންތަނެއްގައި ހެއްޔެވެ؟ ފުންކޮށް ވިސްނައިލަން ޖެހުނެވެ. އަހަންނަށް މި ފެންނަނީ މަދު މަންޒަރުތަކެކެވެ. މަދު ތަންތަނެވެ. ކުރިން ފެންނަމުން ދިޔަ ފަނޑު އަޅިކުލައިގެ މައްޗަށް ކަޅުކުލައަށް އަތްގަދަކުރަމުން ދިޔަ އެވެ. މުޅިތަން އެކުގައި އަނދިރިވާން ފެށި އެވެ. އެންމެފަހުން ތަންދޮރު ވަކި ނުވާވަރުވި އެވެ. އަހަންނަށް ޚުދު އަހަރެން ވެސް ނުފެނެ އެވެ. ނަމަވެސް، އަހަންނަށް ކުރިމަތިން ތަމުސީލުވަމުންދާ މަންޒަރުތައް ފެނެ އެވެ. އަޑުތައް އިވެ އެވެ. އެމީހުންގެ އިހުސާސްތައް ފެނެ އެވެ. މިއީ ކޮން ކަމެއް ހެއްޔެވެ؟
މަޑުމަޑުން އަހަރެން ކުރިއަށް ޖެހިލީމެވެ. އަނދިރިކަމުގެ ތެރެއިން ނުކުމެވޭތޯ އެވެ. އަލިކަމެއް ފެނޭތޯ އެވެ. އަހަންނަކީ ކާކުކަން ޔަގީން ކުރެވޭތޯ އެވެ. މަންޒަރުން ފެންނަމުންދާ ދެ މީހުންނަކީ ކޮން ބައެއްކަން ޔަގީން ކުރުމަށެވެ. ތަމުސީލުވަމުން މި ދަނީ ކޮން ކަންތައް ގަނޑެއްކަން ކަށަވަރު ކުރާށެވެ.
ފަސް ވަރަކަށް މިނެޓު ހިނގިއްޖެ އެވެ. އެއްވެސް އަލިކަމެއްގެ ތެރެއަކަށް ނުނިކުމެވެ އެވެ. އަނދިރިކަމުން ސަލާމަތްވާ ގޮތެއް ނުވި އެވެ. ހުރިހާ އިރު މި ހިނގެނީ އަނދިރިކަމުގެ ތެރޭގަ އެވެ. މިހާރު އަނެއްކާ އަނެއް ވަހުމު ބޮލަށް ތިލަވާން ފެށީ އެވެ. އަހަންނަށް އެބަ ހިނގޭ ހެއްޔެވެ؟ ފައި ހަރަކާތް ކުރެވޭ ހެއްޔެވެ؟ ދެ އަތް ގުޑުވޭ ހެއްޔެވެ؟ ނޫނެކެވެ. ނުކުރެވެ އެވެ. އެއްވެސް ހަރަކާތެއް ނުކުރެވެ އެވެ. އަތެއް ފަޔެއް ގުޑުވާ ވެސް ނުލެވެ އެވެ. ދެން މިވީ ކީއް ހެއްޔެވެ؟

އަނެއްކާ އަހަންނަށް ވާގިނެތޭ ބަލި ޖެހުނީ ހެއްޔެވެ؟ އަހަންނަށް ސިކުނޑީގެ ބައްޔެއް ޖެހުނީ ހެއްޔެވެ؟ ސިކުނޑިން އަތް ފަޔަށް ފޮނުވާ މެސެޖުތަކުގެ ގުޅުން ކެނޑުނީ ހެއްޔެވެ؟ ނޫނެކެވެ. އެހެންނެއް ނުވާނެ އެވެ. އަހަންނަކީ ސިއްހަތު ސަލާމަތުން ހުރި މީހެކެވެ. ބައްޔެއް ވީ ދުވަހެއް ހަނދާނަކަށް ވެސް ނާދެ އެވެ. ދެ ފިކުރެއްގައި ހުރެ އަހަންނަށް ބަލައިލެވުނެވެ. ކުރިން އިވުނު ކުއްޖާގެ އަޑު ކަންފަތުގައި ޖެހުމުންނެވެ.
"ބައްޕާ." ދެވަނަ ފަހަރަށް އެ ކުއްޖާ ގޮވާލި އެވެ.
އޭރު ބިންމަތީގައި އޮތް ޒުވާނާ ތެދުވަނީ އެވެ. ހީވަނީ ނޭނގޭ ބާރަކުން އޭނާ ނަގައިގަންނަ ހެންނެވެ. އޭނާގެ ހަރަކާތްތަކުގައި ހުރީ ހަރު ކަމެކެވެ. ފަހެލި ކަމެއް އޮމާން ކަމެއް ނެތެވެ. އޭނާގެ އިޚުތިޔާރެއްނެތި ނަގައި ކޮޅަށް ޖަހައިލި ކަހަލަ އެވެ.
"ބައްޕާ." އަނެއްކާ ވެސް ތުއްތު ކުއްޖާ ގޮވާލި އެވެ.
އެ އަޑާއެކު ޒުވާނާއަށް ދިރުން ލިބުނު ކަހަލަ އެވެ. ހީވީ ނިދިން ހޭލި ހެންނެވެ. އޮމާންކަން ނެތް ހަރަކާތްތަކަށް އޮމާންވެ ތަރުތީބުވާން ފެށި އެވެ. އޭނާގެ ލޮލުގައި އަޅައިގަތީ ތުއްތުކުއްޖާ އެވެ.
އޭރު ތުއްތު ކުއްޖާ ވަނީ އޭނާގެ މޫނާ ހަމައިގައި ވައިގެ ތެރޭގައި ހިފެހެއްޓިފަ އެވެ.
ފުން ނަޒަރަކުން އޭނާ ބަލައިލި އެވެ. ތުއްތު ކުއްޖާއަށެވެ. ކުއްޖާ ވެސް އޭނާއަށް ބަލައިލަމުން ހިނިތުން ވެލި އެވެ. ހިނިތުންވެލީއެއް ނޫނެވެ. ބާރު ބާރަށް ހޭންފެށީ އެވެ. އުފާވެރި ރާގެއްގަ އެވެ. އެންމެފަހުން އެ ހުނުމުގެ ވަޒަން އޮޅުނެވެ. މަލާމާތުގެ ހިންޏެއްގެ ސިފަ ޖެހެން ފެށި އެވެ. އެކަން ޒުވާނާއަށް ނޭނގެނީ ކަންނޭނގެ އެވެ.
ޒުވާނާ ދެ އަތް ހުޅުވާލި އެވެ. ކުއްޖާ އޭނާއާ ދިމާއަށް ދިޔަ އެވެ. އޭނާ އުޅުނީ ކުއްޖާ އުރައިލާށެވެ. މަޑުމަޑުން ބައްދައިލާށެވެ. އޭނާ އެކަން ކުރި އެވެ. ކުއްޖާގެ ގައިގައި އޮޅުލައިގަންނަމުން ލޯބިކޮށްލި އެވެ. މޫނަށް ބޮސްދިނެވެ. އެއްމެ ފަހަރަކު ނޫނެވެ. އެތައް ފަހަރު އެވެ. އޭނާގެ ހަރަކާތްތައް ބަލަން ހުރި އަހަންނަށް އެކަން ފެނުނީ މަޖާ ގޮތަކަށެވެ.
ކުއްލިއަކަށް ކުއްޖާ ރޯންފެށި އެވެ. ބާރުބާރަށެވެ. ހީވަނީ އަނިޔާއެއް ލިބިގެން ރޯން ފެށިހެންނެވެ. އަހަރެން ހިތުގައި ޖެހުނެވެ. އެ ރުއިމުން އަސަރުކުރާ ގޮތްވުމުންނެވެ. އެ އަޑުގައި ވޭނީ ރާގެއް އެކުލެވިގެންދާތީ އެވެ. ވޭނީ އާޚެއް އިވޭތީ އެވެ. އަހަރެން އުޅުނީ ކުއްޖާގެ ގާތަށް ދެވޭތޯ އެވެ. އެ ކުއްޖާ މަސަލަސް ކުރެވޭތޯ އެވެ. ދެތިން ފިޔަވަޅު ކުރިއަށް އެޅީމެވެ.
"ހަނާ." ޒުވާނާ އަހަންނާ ދިމާއަށް ބަލައިލަމުން ބާރުބާރަށް ގޮވާލި އެވެ.
އޭނާއަށް އަހަރެންގެ ނަން އެނގުނީ ކިހިނެއް ހެއްޔެވެ؟ އެއީ އަހަންނާ ގުޅުން ހުރި މީހެއް ހެއްޔެވެ؟ އަހަންނަށް ބަލައިލެވުނީ ސީދާ އަހަރެންގެ ނަމުން އޭނާ ގޮވާލުމުންނެވެ. އެއީ ކާކުތޯ އެވެ. ހީވީ ހަމަ ރަނގަޅަށެވެ. އެއީ ފައިޒާނެވެ.
"ފައީ." ބާރުބާރަށް އަހަރެން ގޮވާލީމެވެ.
"ހަނާ... ބަލައިބަލަ،" ފައިޒާން ދައްކާލީ އޭނާގެ އަތު ތެރޭގައި އޮތް ތުއްތުތުއްތު ކުއްޖާ އެވެ. "އަހަރުމެންގެ އުއްމީދުތައް. ބަލައިބަލަ އަހަންނާދޯ ވައްތަރީ."
އަހަރެންގެ ދެލޯ ބޮޑުވި އެވެ. ފައިޒާނުގެ މުލައްދަނޑިން ލޭތިކި ޖަހާތަން ފެނުމުންނެވެ. އޭނާގެ މުލައްދަނޑިން ތިކިޖަހަމުން ދިޔަ ލޭތައް އޭނާގެ ޖީންސަށް އެޅެމުން ދިޔަ އެވެ. އަހަރެންގެ ހިތުގައި ސުވާލުގެ ޒަލްޒަލާއެއް އުތުރިގަތެވެ. ފައިޒާން އެ ކުއްޖާއަށް ގޮތެއް ހެދީ ހެއްޔެވެ؟ އޭނާއަށް އަނިޔާއެއް ދިނީ ހެއްޔެވެ؟ ނޫނެކެވެ. އެހެންނެއް ނުވާނެ އެވެ. ފައިޒާނަކީ އެހާ ރަހުމު ކުޑަ މީހެއް ނޫނެވެ. އަނިޔާވެރިއެއް ނޫނެވެ.
"ކީއްވެ؟" އަހަންނަށް އަހައިލެވުނެވެ.
"އަހަރެން އުރައިލީމަ ވީގޮތެއް؟" ފައިޒާނަށް ރޮވޭ ގޮތްވި އެވެ. "ކީއްވެ މިހެން ވާންވީ؟"
އޭރު ވެސް ކުއްޖާ ރޯވަރަށް ރޮނީ އެވެ. ނޭވާ ކުރުވެ އެވެ. ބައެއް ފަހަރު ނޭވާ ނުލަ އެވެ. އަނެއްބައި ފަހަރު ބާރުބާރަށް ނޭވާ ލަމުންނެވެ. އަނިޔާއެއް ލިބުމުން ރޯ ގޮތަށެވެ. އަހަންނަށް ދުއްވާ ގަނެވުނެވެ. އެ ކުއްޖާއާ ދިމާ އަށެވެ. ފައިޒާން ގާތަށް ދެވުމާއެކު އޭނާ ދިއްކޮށްލީ އަތުގައި އޮތް ތުއްތު ކުއްޖާ އެވެ. އަހަރެން އެ ކުއްޖާ އުރައިލީމެވެ.
އުރައިލުމާއެކު ރުއިމުގެ އަޑު ކެނޑުނެވެ. އަހަންނަށް ބަލައިލެވުނެވެ. އަތުގެ ތެރެއަށް ދިޔާ އެއްޗެއް އެޅުމުން ދިޔަހެން ހީވެގެންނެވެ. އެއާއެކު ދެ ލޯ ބޮޑުވި އެވެ. އަތުގެ ތެރޭގައި އޮތް ކުއްޖާ ކުދިކުދިވެ އަތުގެ ތެރެއަށް ވިރިގެން ދަނީ އެވެ. މުޅި އަތުގައި ވަނީ ލެޔެވެ. ކަޅު ލެޔެވެ. އަހަރެންގެ މުޅި ގައިގައި ވެސް އެ ލޭތައް އުނގުޅެމުން ދިޔަ އެވެ. އަހަރެންގެ އަތުން ސޯރެމުން ދިޔަ ލޭތަކުން ހުދުކަން ގަދަ އެ ބިންގަނޑު ވެސް ކަޅިވަމުން ދިޔަ އެވެ. އަހަރެން ބަލަބަލާ ހުއްޓާ ކުއްޖާގެ ގުނަވަންތައް ވިރިގެން ލެޔަށް ބަދަލުވަމުން ދިޔައީ އެވެ. ހިތްދަތި ކަންމަތީ ހުރެ ހިންދިރުވާލެވުނެވެ. ގަދަކަމުންނެވެ. އަހަރެންގެ ހިތް ހުއްޓުނު ކަހަލަ އެވެ. ނޭވާ ހިނދުނު ކަހަލަ އެވެ. ފައި ދަށުން ބިންގަނޑު ކެހިގެން ދިޔަ ކަހަލަ އެވެ. ވަށައިގެންވި މަންޒަރުތައް ހުއްޓި ބޮލަށް އުނދަގޫތަކެއް ވަމުން ދިޔަ އެވެ. ބޫން އަޑަކުން ކަންފަތާއި ބޮލަށް އުނދަގޫވަމުން ދިޔަ އެވެ.
"ދަރިފުޅާ." ބާރުބާރަށް ހަޅޭއްލަވާ ގަނެވުނެވެ.
ކުއްލިއަކަށް އަހަންނަށް ތެދުވެވުނެވެ. މާނޭވާ ލަމުންނެވެ. ގިސްލަމުންނެވެ. ހީވަނީ ނޭވާ ކަރުގައި ތާށިވެފައި ހުރިހެންނެވެ. ހިންދިރުވާލެވެނީ ވެސް ގަދަކަމުންނެވެ. މުޅި މީހާ ވަނީ ބަރުބަލިވެފަ އެވެ. ގުނބުހިލިފަ އެވެ. ނޭވާ ހުންނަނީ ތާށިވެފަ އެވެ. އިރުކޮޅެއް ފަހުން އަވަސްވެފައި ހުރި ނޭވާ ހަމައަކަށް އެޅުނެވެ. ނަމަވެސް މޭ ހުންނަނީ ތާށިވެފަ އެވެ. ފިތިފަ އެވެ. ގަދަކަމުން ދެތިން ފަހަރަކު ހިންދިރުވާލީމެވެ.
އިސްތަށިގަނޑުގެ ތެރެއަށް މަހައިލެވިފައިވާ އިނގިލިތަކުގެ ވާންކަން ކެނޑިގެން ދިޔަ އެވެ. މަޑުމަޑުން ދެ ލޯ ހުޅުވާލެވުނެވެ. ހީވީ ރަނގަޅަށެވެ. މި ހުރިހާ އިރު މިއޮތީ ނިދިފަ އެވެ. ޚިޔާލުތަކުން ބަރުވެ ނިދަން އޮށޯތުމުން އެ ފެނުނީ ކޮން ކަހަލަ ހުވަފެނެއް ހެއްޔެވެ؟ އެއީ ހަގީގަތުގައި ވެސް ހުވަފެނެއް ހެއްޔެވެ؟ ޤަބޫލުކުރަން އުނދަގުލެވެ. އެއީ ބިރުވެރި ހުވަފެކެވެ. ނާމާން ހުވަފެކެވެ. އަހަންނަށް ވިސްނައިލެވުނެވެ. ހުވަފެނަކީ ބިލާހެއް ނަމަވެސް މި ހުވަފެނުގައި ހަގީގަތެއް ވެދާނެތީ އެވެ.
(ނުނިމޭ)




