"ތި ވެސް ގޮތެއް. އެކަމަކު ފިރިހެނެއްގެ ހެލްޕް ބޭނުން ވެދާނެ ދޯ. ސޭފްޓީއަކަށް." އިފާޝާ ދަތްޕިލަ ޖައްސާ ބާރުކޮށްލިއެވެ.
"އާން."
"ދެން ކާކު ހުރީ؟" އިފާޝާ އަވަސް އަވަހަށް އަހައިލި އެވެ.
އަހަންނަށް އިޝާރާތް ކޮށްލެވުނީ ޔާރިޝް އަށެވެ. އޭނާގެ މޫނަށް ބަލައިލަމުން ލުއި ގޮތަކަށް ހިނިތުންވެލީމެވެ. ބަދަލުގައި އޭނާ ވެސް ހަމަ އެ ވަޒަނަށް ހިނިތުންވެލި އެވެ. އަހަރުމެން ދެއްކި ވާހަކައެއް އޭނާއަށް ނޭނގު ނަމަވެސް އޭނާ އެކަމަށް އެއްބަސްވިހެން ހީވި އެވެ.

"އެބައޮތް ގޮތެއް. ނޫރަށް މާދަމާ އޮފްވާނެ. ހިނގާ ނޫރު ގެންނަމާ ދޯ." އިފާޝާ ބުނެލިއެވެ.
"ވެކުސިން ބުރަށްތަ؟" އަހަރެން ހީލީމެވެ.
"ތިހާލުގައި ވެސް ދިމާ ކުރެވޭތޯ ބަލާ. އަހަރެން މިއުޅެނީ ހެލްޕެއް ދެވޭތޯ، އެވަރުން ވެސް ދިމާކުރަން ތި ފެށީ." އިފާޝާ ހިފައިލީ އަހަރެންގެ އަތުގަ އެވެ.
ޖެހިގެން އައި ދުވަހުގެ ހެނދުނު ހެނދުނާ، އަހަރުމެން އުޅޭ ގެއަށް ނޫރުއަ އެވެ. އަހަރުމެން އުޅުނީ އެއް ކޮޓަރިއާއި ސިޓިން ރޫމެއް ހިމެނޭ ފާޑަކަށް ސްޓޫޑިއޯ އެޕާޓުމަންޓެއްގަ އެވެ. ކުރިން ވެސް އަހަރުމެން ރާވާފައި ވާނީ އިފާޝާއާ ނޫރަށް ހެދުނުގެ ވަގުތުކޮޅު ހާއްސަ ކޮށްލުމަށެވެ. އަހަރެންގެ ކަންތަކަށް މެންދުރުފަސް ހުސްކުރާށެވެ. އެހެންވެ އަހަރެން އޮތީ ސިޓީން ރޫމުގައި ހުރި ސޯފާގައި އޮށޯވެލައިގެންނެވެ. ބޮލަށް އުނދަގޫވާތީ އެވެ. މޭ ނުބައިކޮށް ހޮޑުލަވާ ގޮތް ވާތީ އެވެ.
"އާ ޔޫ އޯކޭ." ނޫރުގެ ގައިގައި އޮޅުލައި ގަނެގެން ހުރެ އިފާޝާ ކޮޓަރިއާ ދިމާއަށް ދަމުން އަހަންނަށް ގޮވާލި އެވެ.
ބަދަލުގައި އަހަރެން ހިނިތުންވެލީމެވެ. ނޫރާ ދިމާއަށް ބަލައިލަމުން ލާނެތް ގޮތެއް ތުންފަތަށް ހަދައިލީމެވެ. އެ މީހުން ކޮޓަރިއަށް ވަނުމުން އަހަރެން ކަންފަތުގައި ކުސަން ޖައްސާލީމެވެ. އެއާއެކު އަހަންނަށް ލޯ މެރުނެވެ.
ލޯ މެރުމާއެކު ފެނުނީ ހުސްގަޔާ ހުރި ރީތި ފިރިހެނެކެވެ. އޭނާގެ މޭމަތި ވަނީ ހިރަފުހުން ތަތްވެފަ އެވެ. މޫނާއި ނިތްކުރީގައިވަނީ ކިސަޑު އުނގުޅިފަ އެވެ. ކޮނޑާ ހަމައަށް ދިގުކޮށްލައިފައިވާ އިސްތަށިގަނޑުވަނީ ކިސުޅި ވެފައެވެ. ހީވަނީ މިއިން ދުވަހަކު ފެންފެދެއް ޖައްސާފައި ނުވާހެންނެވެ. އެ ޒުވާނާގެ މުޅި ގައިން އޮފު އަރަމުންދަނީ ގައިގެ އެތަން މިތަނުގައިވާ ދާތަކުންނެވެ. އަހަންނަށް ބަލައިލެވުނީ އޭނާ އަރުވާފައިވާ އަށްޓަށެވެ. އެއީ ލަކުޑިން ހަދާފައިވާ އަށްޓެކެވެ. އޭނާގެ ފައިން އެޅުނު ހިރަފުސް ވެލި ނޫން އިތުރު އެއްޗެއް އެ އަށި މަތީގައި ނެތެވެ.
ކުއްލިއަކަށް އިވުނީ ލޮއެ ގަނޑެއްގައި އެއްޗަކުން ޖަހައިލުމުން އިވޭ ކަހަލަ ކަންފަތަށް އުނދަގޫ އަޑެކެވެ. އެއާއެކު އެ ޒުވާނާގެ ތުންފަތް ހަރަކާތްކޮށްލި އެވެ. އޭނާގެ ހަށިގަނޑުގައި ނޭނގޭ ތުރުތުރެއް ދުވަން ފެށި އެވެ. ހީވަނީ ބިރުން ހަށިގަނޑުގެ މަސްތަކާއި ނާރުތައް ތެޅެމުންދާ ހެންނެވެ.
އޭނާ ހުރި އަށި މައްޗަށް އިތުރު މީހަކު އަރަމުންދިޔަ އެވެ. ފަރުވާތެރިކަމާއެކު ބަލަން ހުރި އިރު ވެސް އަހަންނަށް ފެންނަމުން ދިޔައީ އެ މީހާގެ އެންކަލް ބޫޓުގެ ކުރީގައި އުނގުޅިފައިވާ ޗަކަ ވެލިތަކެވެ. އަހަންނަށް ވެސް ލަސްލަހުން އިސް އުފުލައިލާ ބަލައިލެވުނެވެ. އެމީހާގެ އެންކަލު ބޫޓުން ފެށިގެން ކަކުލާ ހަމައަށެވެ. ހީވީ ރަނގަޅަށެވެ. އެއީ ސިފައިންގެ ޔުނީފޯމެކެވެ. ދިވެހި ސިފައިން އަޅާ އުޅޭ ކަހަލަ ޔުނީފޯމަށްވުރެ ކުލަ އައްޔެވެ. ވަރުގަދަ އެވެ. ސިފައިންގެ މީހާގެ އަތުގައި އޮތީ ލެއިން ކަޅިވެފައިވާ ހުދު ފޮތިގަނޑެކެވެ. ފޮތިގަނޑުގެ ތެރޭގައި ކޮންމެވެސް އެއްޗެއް އޮތްހެން ހީވި އެވެ. ސިފައިންގެ މީހާ ހިފަހައްޓައިގެން ހުރި ގޮތުން އެކަން ކަށަވަރުވެ އެވެ.
ސިފައިންގެ މީހާގެ އިޝާރާތަށް އެ ޒުވާނާ އެ ފޮތިގަނޑު ހުޅުވާލި އެވެ. އޭގައި އޮތީ ލެއިން ކަޅިވެފައިވާ ތޫނު ވަޅި އެކެވެ. އޭނާ ވަޅި ނެގިއިރު ވެސް އަތް ތުރުތުރު އަޅަމުން ދިޔަ އެވެ. ސިފައިންގެ މީހާ ހަރު އަޑުން ކޮންމެވެސް އެއްޗެކޭ ބުނުމާއެކު އޭނާގެ އަތުގެ ތުރުތުރު އިތުރުވި އެވެ. އެންމެ ފަހުން އަތުގައި އޮތް ވަޅި ދޫވެ އޭނާގެ އަމިއްލަ ފަޔަށް ހެރިގެން ދިޔަ އެވެ. އެއާއެކު ވަޅީގެ ތުނޑު ހެރުނު ތަނުން ދުނި ޖަހައިލައިފައި ލޭތައް ބުރައިގެން ދިޔަ އެވެ. ވަޅި ހެރުމާއެކު އޭނާއަށް ބާރަށް ހަޅޭއްލަވާ ގަނެވުނެވެ. އޭނާއަށްވީ ގޮތް ފެނިފައި އެ މަންޒަރު ބަލަން ހުރި އަހަންނަށް ވެސް ބާރުބާރަށް ހަޅޭއްލަވާ ގަނެވުނެވެ. ދެ ކަންފަތުގައި އަތް އަޅައިގެން ހުރެ ބާރުބާރަށް ހަޅޭއް ލަވާން ފެށުނެވެ.
ލޯ ހުޅުވާލެވުނީ އިފާޝާ އައިސް އަހަރެންގެ މޫނުގައި ދެ ފަހަރަކު ޖަހައިލުމުންނެވެ. އަހަންނަށް އިފާޝާގެ ގައިގައި ބައްދައިލެވުނެވެ. ފެނުނު ހުވަފެނާ މެދު ވިސްނައިލާން މަޖުބޫރުވި އެވެ. ވީ ކީއްތޯ އިފާޝާ އެތައް ފަހަރަކު އެހި އެވެ. އަހަންނަށް ދޭނެ ޖަވާބެއް ނުވިސްނުނެވެ. ނޭނގުނެވެ.
"މެންދުރު ގަޑީގައި އިބީލީސް އައިސް މަންޒަރެއް ދެއްކީ ދޯ." އިފާޝާ ހިނިތުންވެލި އެވެ.
ބަދަލުގައި އަހަންނަށް އެއްޗެއް ނުބުނެވުނެވެ. ގަޔަށް އަރައިފައި ހުރި ބާރުގަނޑު މަޑުމަޑުން ކެނޑެމުންދާކަމުގެ އިހުސާސް ކުރެވެމުން ދިޔަ އެވެ. ކޮންމެވެސް ވަރަކަށް މީހާ ހަމައަކަށް އެޅެމުންދާ ހެން ވެސް ހީވަމުން ދިޔަ އެވެ. އެހެންވެ ދެ ފަހަރަކު އަނގަމަތީ އަތް އަޅައިލަމުން އާ ފުރިލެވުނެވެ.
"ހާދަވަރަކަށް އާފަލު ކަނީ؟ އަނެއްކާ ކަމެއް އުޅެނީތަ؟ ގޯހެއްވީތަ؟" އިފާޝާ އަހައިލި އެވެ.
"މިޔުޒިކު އަޑުން ނިންދަވާލީނު." އަހަރެން އުޅުނީ ކަމެއް ނުވާކަން ދައްކަމުން އިފާޝާއަށް ޖޯކުޖަހައިލެވޭތޯ އެވެ.
"އެހެންތަ؟ އުޅެމާ ތިކަމާ،" އިފާޝާ ހިފީ އަހަރެންގެ އަތުގަ އެވެ. "ނޫރު މި ހުރީ ކެއުން ވެސް ގެނެސް. ރަނގަޅަށް ކައިގެން ވަރު ޖައްސަން ވާނެ. އަހަރެން ހުންނާނެ ފާޚާނާ ވެސް ރެޑީކޮށްފަ، ބޭނުންވާނެ ހުރިހާ އެއްޗެއް ބަހައްޓައިފަ. ނޫރު މަޑުކުރާނީ މި ތާ ބޭރުގަ."
އިފާޝާ ކަންކަން ތަރުތީބުކޮށްފައިވާލެއް ފުރިހަމަ ކަމުން އަހަރެން ހުރީ ބުނާނެ އެއްޗެސް ވެސް ނޭނގިފަ އެވެ. މިކަމުގައި އޭނާގެ ތަޖުރިބާ ގިނަ އެވެ. އޭނާގެ އެހީތެރިކަން އަހަންނަށް ނުލިބޭ ނަމަ އަހަންނަށް ވާނެ ގޮތެއް ވެސް ވަޒަން ވެސް ނުކުރެވެ އެވެ.
އެއީ ކިތަންމެ ބޮޑު ކަމެއް ނަމަވެސް، މިހާރު އެކަމަށް މަޑުމަޑުން އަހަރެން މިދަނީ ހޭނެމުންނެވެ. ކޮންމެ ގޮތެއްވީ ނަމަވެސް މިއީ ދެވަނަ ފަހަރެވެ. ކުރިން ފަހަރު ނުވި ކަމެއް މި ފަހަރު ވަކި ނުވާނޭ ހިތަށް އެރި އެވެ. ކުރިން ފަހަރު ހުރިހާ ކަމެއް ފަހިކޮށް ދިޔައީތީ މި ފަހަރު ވެސް ހުރިހާ ކަމެއް ދާނީ ފަހިކޮށް ކަމަށް ވިސްނުނެވެ.
ހުރިހާ ތައްޔާރީތަކެއްވެ އަހަރުމެން ހުސިޔާރުވެލީމެވެ. ކަނޑައެޅިފައިވާ ވަގުތަށް ކަންކަން ފުރިހަމަވަމުން ގޮސް އެންމެ ފަހުން ބޮޑު ކަންތައް ވެސް ވާން ފެށި އެވެ. ނަމަވެސް ކުރިން ފަހަރު އެޅި ވޭނަށް ވުރެ މިފަހަރު އަޅަމުން މިދާ ވޭން ބޮޑެވެ. ކެތް ނުވާވަރު ވުމުން އަހަންނަށް އެހީއަށް އެދި ގޮވެން ފެށުނެވެ. އިފާޝާގެ މަދަދަށް އެދި އެވެ. ފާޚާނާގެ ހުދުކުލައިގެ މުށިގަނޑު ފެންނަމުން ދިޔައި ކަޅު ލޭ ކުލައިންނެވެ. އަހަރެން ބިރުގަންނަން ފެށީ އެހައި ހިސާބުންނެވެ. މީހާ ތުރުތުރު އަޅާން ފެށީ ވެސް އެހައި ހިސާބުންނެވެ. މުށިގަނޑުން ފެންނަމުން ދިޔަ ކަޅު ލޭތަކާއި އަހަންނަށް ފެނުނު ލޭތަކުގެ މަންޒަރު ލޮލަށް ސިފަވަމުން ދިޔަ އެވެ. އެއްފަހަރު ހުވަފެނުގެ މަންޒަރެވެ. އަނެއް ފަހަރު މުށިގަނޑުގައިވާ ލޭތަކެވެ. އެ މަންޒަރުތައް އަވަސްވަމުން ދިޔަ އެވެ. ހޮޅިބުރިއެއް ދިއްލެން ފަށާއިރު އަލި ފެންނަ ގޮތަށް އެއްފަހަރު އެއް މަންޒަރެވެ. އަނެއް ފަހަރު އަނެއް މަންޒަރެވެ. އެހެންވެ ބޮލަށް ގޮތްވާން ފެށި އެވެ.
ބާރުބާރަށް އިފާޝާއަށް ގޮވާލެވުނެވެ. އިފާޝާ ދޮރު ހުޅުވާލިކަން އެނގެ އެވެ. ދެން ވީނުވީއެއް ނޭނގުނެވެ. މުޅި މަންޒަރު ހުދުވީ އެވެ. މަންޒަރުތައް ހުއްޓުނީ އެވެ.
އެތައް އިރެއް ފަހުން އަހަންނަށް ލޯ ހުޅުވާލެވުނެވެ. އޭރު ވެސް އެއްވެސް މަންޒަރެއް ސާފެއް ނުވެ އެވެ. ކުލައެއް ނުވެ އެވެ. އަނެއްކާ ވެސް ލޯ މެރުނީ އެވެ. އިރުގަނޑެއް ފަހުން އަނެއްކާ ވެސް ލޯ ހުޅުވާލެވުނެވެ. ހީވީ ރަނގަޅަށެވެ. އަހަންނަށް އޮވެވުނީ ހޮސްޕިޓަލުގަ އެވެ. ގާތުގައި އިފާޝާ އިނެވެ. ނޫރު ވެސް ހުއްޓެވެ.
"ހަނާ، ހަމަޖެހިލާ. ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ." އިފާޝާ ބުނެލި އެވެ.
"ކިހިނެއްވީ؟" އަހަންނަށް ބަލި އަޑަކުން އަހައިލެވުނެވެ.
"ކޮންޕްލިކޭޝަންތަކެއް އައީ. ނަސީބަކުން ޑޮކުޓަރ ހީކުރީ ނެޗުރަލްކޮށް ކަމަށް. ސަސްޕެކްޓް ވެގެން އަހައިލި. މަ ބުނެފިން ނޫރަކީ ހަނާގެ ހަޒް އޭ.. ދެ މީހުން ވަރަށް ދުވަސް ވެއްޖޭ ޓްރައި ކުރާތާ ވެސް ނުވެގެންނޭ އުޅެނީ. އެހައި ހިސާބުން އެއްޗެކޭ ނުބުނެ ދިޔައީ،" އިފާޝާ ވައި އަޑުން އަހައިލި އެވެ. "އެކަމަކު ޑޮކުޓަރަށް ނޭނގިއެއް ނުހުންނާނެ ދޯ."
އަހަންނަށް ހޮސްޕިޓަލުން ގެއަށް އާދެވުނީ އެއް ދުވަސް ފަހުންނެވެ. އެ ދެ ދުވަސް ތެރޭގައި އިފާޝާގެ ފަރާތުން އެހީތެރިކަން ލިބުނެވެ. އަހަރެންގެ އެދުމަށް މި ހުރިހާ ކަމެއް އެ ދެމީހުން ސިއްރު ކޮށްދިނެވެ. ފައިޒާނަށް އަންގައި ވެސް ނުލަ އެވެ. ނޫރު ވެސް އަހަރުމެން ގާތުގައި މަޑުކުރީ އެވެ. އަހަރެން ހަމައަކަށް އެޅުމުން ނޫނީ ނުދާ ގޮތަށެވެ. އަހަންނަށް ކޮޓަރި ދިނުމަށްފަހު ނޫރާއި އިފާޝާ އުޅުނީ ސިޓިން ރޫމުގަ އެވެ. އިފާޝާ ބުނަނީ ތެދެކެވެ. ނޫރަކީ ތަފާތު މީހެކެވެ. އެމީހުންގެ ކުޅި ސަމާގެ އަޑު އިވޭ ކޮންމެ މީހަކަށް އެކަން ކަށަވަރުވާނެ އެވެ. އަހަންނަށް ވެސް އެ މަންޒަރު ފެނިއްޖެ އެވެ. އެ އަޑުތައް އިވިއްޖެ އެވެ. އެއީ ދެން މައްސަލައެއް ނޫންތާ އެވެ. އަހަރެން މި އޮތް ހާލަތުން ރަނގަޅު ހާލަތަކަށް ބަދަލުވުމަށް ނޫރު އެވަނީ ކިހާ ބޮޑު ޤުރުބާނެއް ހެއްޔެވެ؟ އެ ދެނީ ކިހާ ބޮޑު އެހީތެރިކަމެއް ހެއްޔެވެ؟ ވީއިރު އެކަމާ މިކަމާ ގުޅުވާ ބަހެއް ބުނުމުގެ ފުރުސަތު އަހަންނަށް ނެތެވެ. އެއްޗެއް ބުނެވޭ ކަށް ވެސް ނެތެވެ.
ނޫރު ފުރަން ދަބަސް ކޮނޑުގައި އެލުވައިގެން ނުކުތުމުން އިފާޝާ އޮޅުލައިގަތީ ނޫރު ގައިގަ އެވެ. އޭނާ ސަލާމަށް އަތް ދިއްކޮށްލީ އަހަންނަށެވެ.
"ވަރަށް ބޮޑަށް ތޭންކްސް،" އަހަރެން ހީނލަމުން ބުނެލީމެވެ. "މަވެސް ބޭނުމީ އެ ގޮތަށް ތޭންކިޔޫ ބުނަން."
"ބުނެލާ ދޯ ނޫރު." އިފާޝާ އައިސް އަހަރެންގެ އުނަގަނޑުގައި ހިފަހައްޓައިލަމުން ބައްދާލި އެވެ.
"ވަރަށް އުފާވެއްޖެ. ދެމީހުންގެ އެހީ ނުލިބުނު ނަމަ ހުރިހާ ކަމެއް ދާނީ ގޯހުން ގޯހަށް. ދެން މިކަހަލަ ކަމެއް ނުވާނެ. ދެން ކޯސް ނިމެނީތާ ދޯ." އަހަރެން އަޒުމާއެކު ބުނެލީމެވެ.
"ނޫރު ޖެހޭއެބަ ޓިޔުޓޯރިއަލްއެއް ފައިޒާނަށް ނަގައިދޭން." އިފާޝާ ހީނލި އެވެ.
އެއާއެކު އެންމެން ހެމުން ހެމުން ކާރާ ދިމާއަށް ހިނގަތީމެވެ. ނޫރު އިން ކާރު ލޮލުކޮޅަށް އޮބަންދެން އިފާޝާ ހުރީ ބަލާށެވެ.
"މޮޅު ދެމީހުން. ކުޅަދާނައީ ދޯ." އިފާޝާގެ މޫނަށް ބަލައިލަމުން އަހަރެން ބުނެލީމެވެ.
"މަ ކުރިން ވެސް ބުނީމެއްނު. ނޫރު ވަރެއް ނޯންނާނޭ." އިފާޝާ ހިފައިލީ އަހަރެންގެ ބުރަކަށީގަ އެވެ.
އޭރު ވެސް އަހަރެން މުޅިން ހަމައަކަށް ނޭޅެ އެވެ. ހުންނަނީ ފާޑަކަށް ގަބުވެފަ އެވެ. ބޮލަށް އުނދަގޫ ވެފަ އެވެ. ކަމެއް ކުރާ ހިތް ނުވެފަ އެވެ. ތަނަކަށް ދާ ހިތް ވެސް ނުވެފަ އެވެ. ނަމަވެސް، މިހާރު ވެސް ދެ ދުވަސް ބޭކާރު ވެއްޖެ އެވެ. ސަލާމު ބުނި ދެ ދުވަހަށް އިތުރު ދެ ދުވަސް ފުރިހަމަ ކުރާން ޖެހޭނެ އެވެ. އެހެން ނޫނީ ފާހެއް ނުވާނެ އެވެ. އެހެން ހިތަށް އަރައި އައު ހިތްވަރަކާއެކު ފެށުމަށް ނިންމީމެވެ.
މީހަކު ސަލާމް ގޮވާލި އަޑަށް އަހަންނާ އިފާޝާއަށް އެކުގައި ބަލައިލެވުނެވެ. ފެނުނީ ރީތި މާ ބޮނޑިއެކެވެ. އޭގެ ފަހަތުގައި ހުރީ ޒުވާން ފިރިހެނެއް ކަން އެނގެ އެވެ. މޫނެއް ނުފެނެ އެވެ.
"ކާކު؟" އިފާޝާ އަހަންނާ ދިމާއަށް ބަލައިލަމުން ވައި އަޑުން ބުނެލި އެވެ.
"ނޭނގެ." އަހަންނަށް ވެސް އެ ރާގުގައި ބުނެލެވުނެވެ.
އޭނާ މާބޮނޑި ދިއްކޮށްލީ ސީދާ އަހަންނަށެވެ. އަހަރެންގެ ދެ ލޯ ބޮޑުވި އެވެ. ނޭވާ އަވަސްވާން ފެށި އެވެ. ފައިން ތުރުތުރު އަޅާގޮތްވި އެވެ.
(ނުނިމޭ)
ވާހަކައިގެ ތިން ވަނަ ބައި








