ރޯމް (ފެބްރުއަރީ 20) - އިޓާލިއަން ލީގުގެ ފުލުގައި އޮތް ސެލަނިޓާނާއާ 2-2 އިން އެއްވަރުވެ، ލީގުގެ އެއް ވަނައިގައި ލީޑުނަގަން ލިބުނު ފުރުސަތު އޭސީ މިލާނުން ނަގާލިއިރު، ވެރޯނާ އާއި ރޯމާ 2-2 އިން އެއްވަރުވި މެޗުގައި އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ އަށް ރަތް ކާޑެއް ދައްކައިފި އެވެ.
މިލާން މި ވަގުތު އެއް ވަނައިގައި އޮތީ ދެ ވަަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާނަށް ވުރެ ދެ މެޗު އިތުރަށް ކުޅެގެންނެވެ. މިލާނަށް 56 ޕޮއިންޓް ލިބިފައިވަނީ 26 މެޗު ކުޅެގެންނެވެ. ދެ ވަނައިގައި އޮތް އިންޓަ އިން 24 މެޗު ކުޅެގެން ވަނީ 54 ޕޮއިންޓް ހޯދައިފަ އެވެ. މިރޭ ސަސުއޯލޯ ބަލިކޮށް، އިންޓަ އަށް އެއް ވަނަ އަށް އެރޭނެ އެވެ.
ރޭގެ މެޗު ފަށައިގެން ފަސް ވަނަ މިނިޓްގައި ތިއޯ ހެނާންޑޭޒް ދިން ބޯޅައަކުން ޖޫނިއާ މެސިއަސް ވަނީ މިލާނަށް ލީޑުނަގައިދީފަ އެވެ. ކައުންޓަ އެޓޭކެއްގައި މެޗުގެ 29 ވަނަ މިނިޓްގައި ސެލަނިޓާނާ އަށް އެއްވަރުކޮށްދިނީ ފެޑެރީކޯ ބޮނަޒޮއްލީ ޖެހި އޯވަހެޑް ކިކަކުންނެވެ.
ދެ ވަނަ ހާފްގެ ކުރީކޮޅުގައި މިލާނަށް އަލުން ލީޑުނަގައިދޭން ރަފައެލް ލެއާއޯ އާއި އޮލިވިއޭ ޖިރޫޑަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.
މިލާން ސިއްސުވާލުމަށް ފަހު 72 ވަނަ މިނިޓްގައި ސެލަނިޓާނާ އަށް ލީޑުނަަގައިދިނީ މިލާން ޖޫރިޗް ބޮލުން ޖެހި ގޯލުންނެވެ. އޭގެ ހަތަރު މިނިޓް ފަހުން މިލާނުން ވަނީ އެއްވަރުކޮށްފަ އެވެ. އޭރިއާބޭރުން އަންޓޭ ރެބިޗް ޖެހި ބޯޅަ ގޯލުގެ ތިރީ ކަނަށް އަމާޒުވިއިރު އެ ބޯޅަ ހުއްޓުވަން ކީޕަރު ލުއީޖީ ސެޕޭ އަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.
ވެރޯނާ އިން އެންޓޮއިން ބަރަކް އާއި އެޑްރިއަން ޓަމީޒީގެ ގޯލުތަކުން ލީޑުނަގާފައިވަނިކޮށް ރޯމާ ވަނީ ފަހަތުން އަރައި އެއްވަރުކޮށްފަ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ރޯމާގެ ގޯލުތައް ޖެހީ ބަދަލަކަށް އެރި ދެ ކުޅުންތެރިންނެވެ. އެއީ ކްރިސްޓިއަން ވޮލްޕާޓޯ އާއި އެޑުއާޑޯ ބޯވް އެވެ. މެޗުގައި މޮރީނިއޯ އަށް ރަތް ކާޑު ދެއްކީ އިތުރު ވަގުތުގައި ރެފްރީގެ ނިންމުންތަކަށް ތަކުރާރުކޮށް ހިތްހަމަ ނުޖެހުން ފާޅުކުރަމުން ދިއުމުންނެވެ.
ރަތް ކާޑު ދެއްކުމުން މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމަށް މޮރީނިއޯ ހާޒިރެއްނުވެވުނެވެ. އެކަމަކު، އޭނާ ވަނީ ރޭގެ މެޗުގައި ބޯޅަ ހިފައިގެން ހުރެފައި ބޯޅަ ޖެހި މަންޒަރު ދައްކުވައިދޭ ގޮތަށް ހަތަރު ފޮޓޯއެއް އިންސްޓަގްރާމަށް ލައިފަ އެވެ. އަދި އެ ފޮޓޯތަށް ހިއްސާކޮށް ކޮންމެ ފޮޓޯއެއްގައި އެ ކުރާ ކަމެއް ކިޔައިދީފައިވެ އެވެ.












