ޅ. ނައިފަރާ ވަރަށް ކައިރީގައި އޮތް މަޑިވަރު އެއާޕޯޓަށް އައިލެންޑް އޭވިއޭޝަންގެ ޓިކެޓުގެ އަގު ބޮޑު ކަމުގެ ކަންބޮޑުވުންތައް ފާޅުކުރާތީ އެކަމަށް ހައްލެއް ހޯއްދަވައި ދެއްވާނެ ކަަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ނައިފަރުގައި ސަރުކާރުން އިމާރާތްކުރި ފްލެޓްތައް އެ ރަށުގެ ކައުންސިލާ ހަވާލުކުރަން މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ މަޑިވަރު އެއާޕޯޓަށް ކުރާ ދަތުރުތަކަށް އައިލެންޑް އޭވިއޭޝަނުން ކަނޑައެޅި އަގު ބަލައިގަންނަން ޅ. އަތޮޅު ރައްޔިތުންނަށް ދަތި ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނު ވިދާޅުވި ގޮތުގައި އަގަށް ގެނެވޭނެ ސީދާ ބަދަލެއް މިވަގުތު ވިދާޅުވާން ދައްޗެވެ.
މަޑިވަރު އެއާޕޯޓް ހުޅުވުމާ އެކު ނައިފަރާއި ޅ. އަތޮޅުގެ އެހެން ރަށްރަށުގެ މީހުންގެ ވެސް އެންމެ ބޮޑު ޝަކުވާ އަކީ އައިލެންޑް އޭވިއޭޝަނުން އެ އެއާޕޯޓަށް ކުރާ ދަތުރުތަކުގެ އަގުބޮޑުކަމެވެ.
"މިހިސާބަށް އަންނަން 1,020 ރުފިޔާ ކޮޅަކަށް ހަރަދުކުރަން ޖެހުނީމާ، އެ ކުޑަކޮށް ބަލައިގަންނަން މިއަތޮޅު ރައްޔިތުންނަށް ދަތި. މިއަދު އަޅުގަނޑަށް މިތާ ހުރެ ވަކިިގޮތެއް އޭގައި ތިޔަ ބޭފުޅުންނާ ހިއްސާކޮށްލަން ދަތިވި ނަމަވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑު އައިލެންޑް އޭވިއޭޝަނާ އެ ވާހަކަ ދައްކައި އެކަމަށް ރަނގަޅު ހައްލެއް ގެނައުމުގެ މަސައްކަތް ލަަސްތަކެއް ނުވެ އަަޅުގަނޑު ކޮށްދޭނަން،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވި ގޮތުގައި މަޑިވަރު އެއާޕޯޓް ހުޅުވުމަކީ ޅ. އަތޮޅުގެ އިގުތިސާދަށް އާ ދިރުމެއް ލިބޭނެ ކަމެކެވެ. މީހުންނަށް އެއްތަނުން އަނެއްތަނަށް ފަސޭހިން ދަތުރުކުރެވުމާއި ފަސޭހައިން މުދާ އުފުލުމަކީ އިގުތިސާދެއް ކުރިއެރުމުގެ އެންމެ މުހިއްމު އެއް ވަސީލަތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މަޑިވަރު އެއާޕޯޓް ރަސްމީކޮށް ހުޅުވައި ދެއްވުމަށްފަހު ރައީސް އިއްޔެ ވިދާޅުވީ އެ ރަށުގައި އެއާޕޯޓެއް އެޅުމަކީ މީގެ 16 ވަރަކަށް އަހަރުކުރިން ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އެއީ ފާދިއްޕޮޅުގެ ރައްޔިތުންނާއި މިސަރަހައްދުގައި ރިޒޯޓްތައް ހިންގާ ފަރާތްތަކަށް ވެސް ލިބިގެންދިޔަ އުފަލެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އެ އެއާޕޯޓާއެކު، ޅ. އަތޮޅުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވުމާއި ގެސްޓްހައުސް ހިންގާ ފަރާތްތަކާއި ހޯމް ސްޓޭގެ ވިޔަފާރިއާ އާއި އަދި އެހެން ވިޔާފާރިތަކަށް ވެސް ކުރިއެރުން ލިބޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ޅ. މަޑިވަރު އެއާޕޯޓަކީ ކުރެއްދޫ ހޯލްޑިންގެ އިން ހެދި އެއާޕޯޓެކެވެ. އެތަން ހިންގައި ބެލެހެއްޓުމަށް ހަވާލުވެފައި ވަނީ އައިލެންޑް އެވިއޭޝަން ސާވިސަސް އާ އެވެ. އެ އެއާޕޯޓުގައި 1200 މީޓަރުގެ ރަންވޭއަކާއެކު އެއް ފަހަރާ ހަތަރު މަތިންދާ ބޯޓަށް ހިދުމަތް ދެވެންހުރެ އެވެ. އަދި ޓާމިނަލުގައި އާންމު ފަސެންޖަރުންގެ އިތުރުން 80 މީހުންގެ ޖާގައިގެ ވީއައިޕީ ލައުންޖެއް ހުރެ އެވެ.










