ޓިއުރިން، އިޓަލީ (ފެބްރުއަރީ 19) - އިޓާލިއަން ލީގުގައި ރޭ ޓޮރީނޯއާ ވާދަކުރި މެޗު 1-1 އިން އެއްވަރުވެ، ޔުވެންޓަސްގެ ލީގުގެ އުންމީދުތަކަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެއްޖެ އެވެ.
ޔުވެންޓަސް މިވަގުތު އޮތީ ލީގުގެ ހަތަރު ވަނައިގައި 26 މެޗުން 47 ޕޮއިންޓް ހޯދައިގެންނެވެެ. އެއް ވަނައިގައި އޮތް އޭސީ މިލާން 25 މެޗުން ވަނީ 55 ޕޮއިންޓް ހޯދައިފަ އެވެ. ދެ ވަނަައިގައި އޮތީ 24 މެޗުން 54 ޕޮއިންޓާ އެކު އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާން އެވެ. އަދި ތިން ވަނައިގައި އޮތީ 25 މެޗުން 53 ޕޮއިންޓް ލިބިފައިވާ ނަޕޯލީ އެވެ.
ލީގުގައި ޔުވެންޓަސް އާއި ޓޮރީނޯ ވާދަކުރި މެޗުގައި ދެ ޓީމަށް ވެސް މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. ދެ ޓީމަށް ވެސް ނުރައްކާތެރި ހަމަލާތަކެއް އުފެއްދިފައިނުވާއިރު، ޔުވެންޓަސް އަށް ވުރެ ރަނގަޅަށް މި މެޗުގައި ކުޅުނީ ޓޮރީނޯ އިންނެވެ.
ޔުވެންޓަސް އަށް މެޗުގެ ކުރީކޮޅު ލީޑު ނަގައިދިނީ ޑިފެންޑަރު މެތައިސް ޑި ލީޓް އެވެ. ހުއާން ކުއަޑްރާޑޯ ނަގައިދިން ކޯނަރު ޑި ލީޓް ގޯލަށް ވައްދާލީ ބޮލުންނެވެ. ގޯލު ޖެހުމަށް ފަހު ލީޑުފުޅާކުރަން ކުރި މަސައްކަތުގައި ޔުވެންޓަސް އަށް ނުރައްކާތެރި ހަމަލާއެއް އުފެއްދިފައިނުވެ އެވެ.
ޓޮރީނޯ އިން މެޗުގެ ނަތީޖާ ހަމަހަމަކުރި ގޯލު ޖެހީ 62 ވަނަ މިނެޓުގަ އެވެ. ޓޮރީނޯ އަށް ކުޅޭ ކްރޮއޭޝިއާގެ ޔޯސިފް ބްރެކާލޯ ނަގައިދިން ހުރަސް ކެޕްޓަން އަންދްރޭ ބޮލެޓީ ފޮނުވާލުމުން ގޯލަށް ވަނީ ކީޕަރު ޝެޒްނީ އަތުގައި ޖެހިފަ އެވެ. މި ގޯލަށް ފަހު ވެސް ޓޮރީނޯ އިން ނުރައްކާތެރި ދެ ބޯޅައެއް ފޮނުވާލި އެވެ. ދެ ހަމަލާވެސް ގޯލާ އަމާޒެއް ނުވިއެވެ.
އިޓާލިއަން ލީގުގައި މިރޭ މިލާން ލީގުގެ އެއް ވަނަ ދަމަހައްޓަން ނުކުންނާނީ ސެލަނިޓާނާއާ ދެކޮޅަށެވެ. ހޯސޭ މޮރީނިއޯ ކޯޗުކޮށްދެމުން އަންނަ ރޯމާ އާއި ހެލަސް ވެރޯނާ ވާދަކުރާއިރު، ސަމްޑޯރިއާ ނުކުންނާނީ އެމްޕޮލީއާ ދެކޮޅަށެވެ.












