މަސްތުވާތަކެތީގެ މައްސަލަތަކުގައި ރާވައިގެން ގަސްދުގައި ގޯސްހަދާ މީހުން ދައުލަތުގެ އިދާރާތަކުގައި އެބަތިބި ކަމަށް އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ވިދާޅުވީ އިއްޔެ އެވެ.
އޭނާ މިހެން ވިދާޅުވީ ކޯޓުތަކުގައި މައްސަލަތައް ލަސްވާ މައްސަލައާ ގުޅޭ ގޮތުން ކަމާ ބެހޭ އިދާރާތަކުގެ ވެރިންނާ އެކު ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ބޭއްވި ބައްދަލުވުމެއްގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ގޯސްހަދާ ފަރާތްތައް ފުލުހުންގެ އިދާރާއާއި ތަހުގީގީ އެހެން އިދާރާތަކުގައި ވެސް އެބަތިބި އޭޖީ ރިފްއަތު އިއްޔެ ވިދާޅުވި އެވެ.
"ހާއްސަކޮށް މަސްތުވާތަކެތީގެ މައްސަލަތަކުގައި ހަމަ ރޭވިގެން އިންތިޒާމްވެގެން ވެސް އެބަ ތަހުގީގީ އިދާރާތަކުގެ މެދުގައި ނޫނީ ފުލުހުންގެ ތެރޭގައި ނޫނިއްޔާ ދައުލަތުގެ އެހެން ތަންތަނުގައި ވެސް އެބަ ތިބި ހަމަ ގޯސް ހަދާ މީހުން،" ރިފްއަތު ވިދާޅުވެފައިވެ އެވެ.
އޭނާ އިއްޔެ ވިދާޅުވީ އެފަދަ ފަރާތްތަކުން ގޯސް ހަދަނީ ނިޒާމު ރަނގަޅަށް އެނގިގެން، ނިޒާމުގެ ތެރޭގައި ހުރި ލޫޕްހޯލްތައް ހޯދައިގެން ކަމަށާއި އެކަން އެގޮތަށް ކުރަނީ ގަސްދުގައި "ނުނިޔަތެއް ބާއްވައިގެން" ކަމަށެވެ.

"އެހެންވީމާ ވުން އެކަށީގެންވޭ، ތަފްސީލީ ގޮތެއްގައި ހެކި ވަޒަންކުރުމުގެ އުސޫލުތަކާ ހަމަތައް ލިޔެވިފައި ނެތީމާ، ނޫނީ ސާފުކޮށް އެނގެން ނެތީމާ، މިކަހަލަ ލޫޕްހޯލްތައް ހުރެގެން މައްސަލަތައް ސާބިތުނުވީ ކަމަށް،" ރިފްއަތު ވިދާޅުވެފައިވެ އެވެ.
ހައްލަކީ ހެއްކާ ބެހޭ ބިލު ފާސްކުރުން
މިކަންކަމަށް އޮތް ހައްލަކީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާބެހޭ ބިލު ފާސްކުރުން ކަމަށް އޭޖީ ދެކެ އެވެ. ޒަމާނަށް ފެތޭ ވަރަށް ގިނަ ކަންތައްތައް އެބިލުގައި ހިމަނާފައި ވާނެ ކަމަށް ވެސް އޭޖީ ވިދާޅުވެފައިވެ އެވެ.
"ހާއްސަކޮށް އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، ހެކިބަސްދޭ މީހުންނަށް ހިމާޔަތް ހޯދުމާ ގުޅޭ ގޮތުން، ހެކިބަސްދޭ މީހާޔަށް ހިމާޔަތްދިނުުމުގެ އަމުރު ނެރެދޭނެ އުސޫލުތައް ވެސް އެބިލުގައި އަޅުގަނޑުމެން ވާނީ ހިމަނާފައި،" ރިފްއަތު ވިދާޅުވެފައިވެ އެވެ.
މިހާރު ރާއްޖޭގައި އަމަލުކުރަމުން އަންނަ ހެއްކާ ބެހޭ ގާނޫނަކީ މާ ކުރީގެ ގާނޫނަކަށްވާތީ އެ ގާނޫނު އެހާ ތަފްސީލު ކުރެވިފައި ނުވާކަން އޭޖީ އިއްޔެ ފާހަގަކުރެއްވި އެވެ. އަދި ހެކި ވަޒަންކުރާނެ ރަނގަޅު އުސޫލުތަކެއް އެ ގާނޫނުގައި ނެތުމުން ހެކި ވަޒަން ކުރުމުގައި ފަނޑިޔާރުންނަށް ލިބޭ އިހްތިޔާރާ، ބާރުތައް ފުޅާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
"އިންސާފު ގާއިމް ކުރުމަށްޓަކައި މިކަން [ގާނޫނީ ބާގަނޑުތައް] އަޅުގަނޑުމެން އެބަ ޖެހޭ ހަމައަކަށް އަޅުވަން. އެހެންވީމަ އަޅުގަނޑު އުންމީދު ކުރަނީ ރައްޔިތުން މަޖިލީހަށް މިހާރު ހުށަހެޅިފައިވާ ހެއްކާ ބެހޭ ބިލް ވީ އެންމެ އަވަހަކަށް ތިބޭފުޅުން [ރައްޔިތުން މަޖިލީހުގެ މެމްބަރުން] ފާސްކޮށްދެއްވާނެ ކަމަށް،" އެ ބިލު ފާސްކޮށްދިނުން އަވަސްކޮށްދިނުމަށް އެދެމުން އޭޖީ ވިދާޅުވި އެވެ.
މިހާރު މަޖިލީހަށް ހުށަހަޅާފައިވާ 93 ސަފްހާގެ ހެއްކާ ބެހޭ ބިލުގައި ސިއްރު ހެކިވެރިންނަށް ހިމާޔަތް ދިނުމުގެ އަމުރު ނެރެދެވޭނެ އުސޫލެއް ވެސް އޮވެ އެވެ. އެއީ ސިއްރު ހެކިވެރިންގެ ސިއްރުވެރިކަން ގެއްލިދާ މައްސަލަ ހައްލު ކުރުމަށްޓަކައި ހިމެނި ނުކުތާއެކެވެ.
ބައެއް މުހިންމު ހަބަރުތައް
- އދ. ދަނގެތީ ވިޔަފާރިވެރިޔާ މަހްމޫދް އަބޫބަކުރުގެ އަނިޔާވެރި ގޮތަކަށް މަރައިލި ކަމަށް އަމިއްލަ އިއުތިރާފުން ސާބިތުވެފައިވާ ޝާ އޮލަމް މިއާ (ސާލިމް)ގެ ކިބައިން މަރަށް މަރު ހިފަން ވާރިސުން އެދުނީ އިއްޔެ އެވެ.
- މާލޭގެ ބައެއް ސަރަހައްދުތަކުގައި ހަދާފައިހުރި ޕާކިން ޖާގަތަކުން ދޫކުރަން ނިންމާފައިވާ 211 ޕާކިން ސްލޮޓަށް އޮންލައިންކޮށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 2429 ފޯމް ހުށައަޅާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނީ އިއްޔެ އެވެ.
- ސުވާލު އުފެދޭ ފަދަ ގޮތަކަށް މަރުވެފައި އޮއްވާ ފެނުނު އައިޖީއެމްއެޗުގެ ފިލިޕީންސް ނަރުސް މޭރީ ގްރޭސް ޕިނޭޑާ މަރާލި މައްސަލާގައި ދައުވާލިބޭ އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށް، އެ މައްސަލާގައި ދައުވާލިބޭ މާވިންގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ ބަންދަށް ހަތަރު ދުވަސް ކްރިމިނަލް ކޯޓުން އިތުރުކުރީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް "އިންޑިއާ އައުޓް" ގެ ނަމުގައި އިދިކޮޅުން ކުރިއަށް ގެންދާ ހަރަކާތަކީ މި ފަހުގެ ތާރީހުގައި ރާއްޖޭގައި ހިންގޭ އެންމެ ނުރައްކާތެރި ކެމްޕެއިން ކަމަށް ސިފަކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ކުރަމުން އަންނަ ދިރާސާއަށް މައުލޫމާތު ދެއްވަމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވީ:
"އިންޑިއާ އައުޓް ކިޔައިގެން މި ހިންގާ ކެމްޕޭނަކީ ރާއްޖޭގެ މިނިވަން ކަމަށް ބުރޫއަރާ ފަދަ އެއްވެސް ކަމެއް އޮވެގެން ހިންމޭ ކެމްޕޭނެއް ނޫން. މިއީ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކްފާން ނުރުހޭ ހަބަރު ގެނެސްދޭ ސްޓޭޝަންތައް ރޯކޮށް ބޮޑެތި ޖޫރިމަނާކޮށް ރިލްވާން އާއި ޔާމީން ފަދަ ބްލޮގަރުންނާއި ނޫސްވެރިން މަރާ ޔާމީންގެ ވެރިކަމުގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ބޮޑެތި ހިޔާނާތްތައް އަޑު ކަނޑުވާލުމަށް ރާވައިގެން ހިންގާ ހީލަތްތެރި ކެމްޕޭނެއް،"
ދުވަހުގެ ފޮޓޯ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި 1-0 އިން ސުޕް ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށް ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މޮޅަކާ އެކު ލީގު ފެށުން. މި މެޗުގައި މާޒިޔާގެ ލަނޑު ޖަހައިދިނީ ކޮނޭ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ދިރާސާތަކުން ކިޔާލުމަށް
"ސްޓަޑީ އޮން ދަ ޑީސެންޓްރަލައިޒޭޝަން ޕްރޮސެސް އިން ދަ މޯލްޑިވްސް"
މިއީ 2013 ވަނަ އަހަރު ޔުނިސެފްއިން އާންމުކޮށްފައިވާ ދިރާސާ އެކެވެ. މިއީ ރާއްޖެ ލާމަރުކަޒު ކުރުމަށް ކަނޑައަޅައި ތަންފީޒް ކުރަމުންދާ ސިޔާސަތުތަކާއި އެ ސިޔާސަތުތަކުގެ ސަބަބުން ކުޑަކުދިންނަށް ކުރަމުންދާ އަސަރުތައް ދެނެގަތުމަށް ހަދާފައިވާ ދިރާސާ އެކެވެ.













