ތަޖުރިބާކާރު ޑިޕްލޮމޭޓް ނަންރީތީ އަހުމަދު ސަލީމް އެކި ދުވަސްވަރު ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ލިޔުއްވާފައިވާ މަޒްމޫނުތަކާއި ދެއްވާފައިވާ ތަގުރީރުތައް ހިމަނުއްވައިގެން "ސަލީމްގެ ރިވެލި" ނަމުގައި ފޮތެއް އެކުލަވާލައްވައި ޝާއިއުކުރައްވައިފި އެވެ.
މި ފޮތުގައި ހިމެނެނީ ނަމުން ރަމްޒުކޮށްދޭ ގޮތަށް، ހާރިޖީ ދާއިރާ އާއި އިންސާނީ ހައްގުގެ ދާއިރާގައި ސަލީމްކޮށްފައިވާ މަސައްކަތްތަކާއި ދެކޭ ގޮތްތައް ރިވެލިކޮށްދޭ ގަލަމީ ތަސްވީރުތަކެކެވެ.
"އިންސާނާ ދުނިޔެއަށް ފޮނުއްވީ ހުރިހާ ގޮތަކުން މިނިވަނެއްގެ ގޮތުގަ އެވެ. ވާހަކަދެއްކުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން، އޭނާ އުފަންވީ ދުވަހުން ފެށިގެން މަރުވަންދެން އޮތުމަކީ އޭނާގެ އެންމެ މުހިއްމު ހައްގު ކަމުގައި، އަޅުގަނޑަށް ވަރަށް ޅައިރުން ފެށިގެން ވެސް ގަބޫލުކުރެވުނެވެ،" އިސްބަހުގައި ސަލީމް ލިޔުއްވާފައިފެ އެވެ.
އެހެންވެ، މަދަރަސީ ދައުރުގައި، މަދަރުސާގެ މަޖައްލާތަކަށް ލިޔުއްވައި ލިޔުންތެރިޔަކަށް ވެވަޑައިގެންނެވި ކަމަށް ސަލީމް ބަޔާންކުރައްވާފައިވެ އެވެ.
"މިއިން ކޮންމެ މަޒުމޫނެއްގައި ވެސް އަޅުގަނޑުގެ ވިސްނުމަކަށް ވެފައި އޮތީ އަޅުގަނޑަށް އެނގޭ އެއްޗެއް، މިނިވަންކަމާ އެކު މީހުންނަށް އޮޅުންފިލުވައިދިނުމާ އެކު ލިޔުންތެރިކަމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އެއާނުލައި، ގައުމަކަށް އެއްގޮތަކަށް ވެސް ކުރިއަށް ނުދެވޭނެ ކަންކަން ކަމުގައި އަންގައިދިނުމެވެ."

ސަލީމަކީ، މުހައްމަދު އަމީން ދީދީ ފިޔަވައި ރާއްޖޭގައި މިހާތަނަށް ރައީސްކަންކުރެއްވި ހުރިހާ ބޭފުޅުންގެ ޒަމާއަތުގައި ދިވެހި ދައުލަތަށް ހިދުމަތްކޮށްދެއްވާފައިވާ ބޭފުޅެކެވެ. އޭނާ 1968 ވަނަ އަހަރު ހާރިޖިއްޔާއާ ގުޅިވަޑައިގެންނެވީ އިބްރާހިމް ނާސިރު ރާއްޖެ އަށް އިނގިރޭސިންގެ އަތުން މިނިވަންކަން ހޯދައިދެއްވިތާ ތިން އަހަރު ފުރެން ގާތްވެފައިވަނިކޮށެވެ.
"އެހެންކަމުން ހާރިޖީ ދާއިރާގެ މައްސަލަތައް މީހުންނަށް ސާފުކޮށްދިނުމުގެ ޝައުގުވެރިކަން ބޮޑުވުމާއި، ހަގީގީ މިނިވަންކަމާއި އިންސާނީ ހައްގުގެ މުހިއްމުކަން އިންސާނާއަށް އޮތްވަރުގެ މުހިއްމުކަން އަޅުގަނޑަށް ސާފުވަމުން އައި ވަރަކަށް އަޅުގަނޑުގެ މަޒުމޫނުތަކަށް އައިސްފައިވާ ބަދަލު، މި މަޒުމޫނުތައް ވިދާޅުވާ ކޮންމެ ބޭފުޅަކަށް ވެސް އެނގިވަޑައިގަންނަވާނެ އެވެ،" ރާއްޖޭގައި އުފެއްދި ފުރަތަމަ ހިއުމަން ރައިޓްސް ކޮމިޝަނުގެ މެމްބަރުކަންއަދި އާ ގާނޫނު އަސާސީގެ ދަށުން އުފެއްދި ކޮމިޝަނުގެ ރައީސްކަން ކުރެއްވި ސަލީމް ލިޔުއްވާފައިވެ އެވެ.
މި ފޮތުގައި ހިމެނެނީ 1975 އިން 2010 އާ ހަމަޔަށް ސަލީމް "ހަވީރު"، "އާފަތިސް"، "މިއަދު"، "ސަންގު" އަދި "މަންޑޭ ޓައިމްސް" އަށް ލިޔުއްވާފައިވާ މަޒުމޫނުތަކެވެ. އަދި ޕާކިސްތާނަށް ޖާސޫސުކޮށްދިންކަމުގެ ތުހުމަތުގައި އިންޑިއާ އިން 1994 ވަނަ އަހަރު ހައްޔަރުކުރި ދެ ދިވެހިން ކަމަށްވާ އުސްއަކުރު ފައުޒިއްޔާ ހަސަން އާއި މަރިޔަމް ރަޝީދާ މިނިވަންކަން ކުރަން ސަރުކާރުން އެދިގެން ސަލީމް ކުރެއްވި މަސައްކަތްތަކާ ބެހޭ އިނގިރޭސި މަޒުމޫނެއް ވެސް ހިމެނެ އެވެ. އެ މަޒުމޫނު ވަނީ އިންޑިއާ އާއި ސްރީ ލަންކާގައި ބައެއް ނޫސްތަކުގައި ވެސް ޝާއިއުކޮށްފަ އެވެ.

1988 ވަނަ އަހަރު ސީޝެލްސްއަށް ކުރެއްވި ދަތުރުގައި ސަލީމް (ކ) އައްޑޫގައި ވަކި ސަރުކާރެއް އުފެއްދެވި ލީޑަރު އަފީފް ދީދީ (ކ-3) އާއި އޭނާގެ އަނބިކަނބަލުން އަނީސާ އަލިދީދީ (ކ-2) އާ އެކު ގްރޫޕް ފޮޓޯއެއްގައި: ނޮވެމްބަރު ތިނެއްގެ ތަގުރީރު ދެއްވީ މި ދަތުރުގައި.
ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ބޭރުގެ ފަރާތްތަކާ މުވާސަލާތުކުރެއްވުމުގައި އިސް ދައުރެއް އަދާކުރެއްވި ސަލީމް، އެ ހަމަލާގެ ފަހުން ސީޝެލްސްގައި ދެއްވި ތަގުރީރެއް ވެސް މި ފޮތުގައި ހިމެނެ އެވެ. އެއީ އެ ހަމަލާއަށް ފަހު ދިވެހި ސަރުކާރުގެ ފަރާތުން ރާއްޖޭން ބޭރުގައި އެކަމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވި ފުރަތަމަ ފަހަރެވެ.
ސަލީމް ލިޔުއްވާފައިވާ ގޮތުގައި ފެހި ގާނޫނު އަސާސީގެ 2008 ގައި އައުމުގެ ކުރިން ލިޔުއްވާފައިވާ ބައެއް މަޒުމޫނުތަކާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ކޮންމެވެސް ވަރެއްގެ ސުވާލުތަކެއް އައި ކަމަށެވެ. ނަމަވެސް އެއްވެސް ކަހަލަ ސީރިއަސް މައްސަލައަކާ ދިމާނުވާ ކަމަށް ލިޔުއްވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި، ވާހަކަ ދެއްކުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ރާއްޖެއަށް ލިބުނީ މަޖުބޫރު ހާލަތެއްގަ އެވެ. އެހެން ނޫން ނަމަ އަޅުގަނޑު ކަހަލަ، ކިތަންމެ ބަޔަކު ފާޅުކުރަން ކުޑަ ގޮތެއްގައި ކުރި އިސްލާހީ މަސައްކަތްތަކަށް ކޮންމެވެސް މިންވަރެއްގެ ކާމިޔާބުތަކެއް އޭގެ ކުރިން ވެސް ލިބުނީކަން ޔަގީނެވެ،"
އެހެންވެ ސަލީމް މި ފޮތް ތަހުސީސްކުރެއްވީ ލިޔުމުގެ މިނިވަންކަން ލިބިފައި ނެތްއިރު ވެސް ތަފާތު ގޮތްގޮތަކަށް ރައްޔިތުންނަށް ޑިމޮކްރަސީ އާއި އިންސާނީ ހައްގުގެ މުހިއްމުކަމާއި އެކަންތައްތަކާ ނުލައި ގައުމެއް ބިނާނުކުރެވޭނެ ކަމުގައި ވަކާލާތު ކުރަމުން ގެންގޮސްފައިވާ ހުރިހާ ފަރާތްތަކަށެވެ. އަދި މިހާރު ވެސް ލިޔުންތެރިކަމާއި ހިޔާލު ފާޅުކުރުމުގެ މުހިއްމު ވާޖިބު، ޒިންމާދާރު ގޮތެއްގައި ކުރައްވަމުން ގެންދަވާ ހުރިހާ ފަރާތްތަކަށް ވެސް މެ އެވެ.
ސަލީމް އިސްބަހުގައި ލިޔުއްވާފައިވާ ގޮތުގައި ތާރީހީ ގޮތުން ބަލާއިރު ރާއްޖޭގައި ޑިމޮކްރަސީ އާއި އިންސާނީ ހައްގުގެ ސަގާފަތެއް އެއްވެސް އިރަކު ގާއިމްވެފައެއް ނުވެ އެވެ. އޭނާ ބަހުސްކުރެއްވި ގޮތުގައި ރަސްކަލެއްގެ ނަމުގައި، ރާނީއެއްގެ ނަމުގައި ނުވަތަ ރައީސެއްގެ ނަމުގައި ރާއްޖޭގައި ކޮންމެ މީހަކު ކޮންމެ ޒަމާނެއްގައި ވެރިކަން ކުރި ނަމަވެސް އެކަންކޮށްފައިވަނީ ވަރަށް ހުދުމުހުތާރު ގޮތެއްގައި ކަމަށެވެ.
"ރައްޔިތުންނަށް އެމީހުންގެ ހައްގުތަކަކީ ކޮން އެއްޗެއްކަން އަންގައި ނުދިނުން އެއީ ވެރިކަމަށް އަތުވެދާނެ ނުރައްކަލެއްގެ ގޮތުގައި ބެލިފައި އޮންނަނީ އެހެންވެގެންނެވެ. ލިޔުންތެރިންނަކީ ގައުމެއް ބިނާކުރުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރަން ޖެހޭ ބައެއް ކަމުގައި ވީނަމަވެސް، އެ މީހުންގެ ހަގީގީ ދައުރު އަދާކުރުމުގެ ފުރުސަތު ވަރަށް ފަހަކާ ޖެހެންދެން ލިބިފައެއް ނުވެ އެވެ،"
ސަލީމް ލިޔުއްވި ގޮތުގައި ޑިމޮކްރަސީ އަކީ ބައެއްގެ މައްޗަށް ވެރިކަން ކުރުމަށް އެންމެ ރަނގަޅު ނިޒާމު ކަމުގައިވާތީ ރާއްޖެ އަށް ކޮންމެވެސް ދުވަހަކުން ޑިމޮކްރަސީ އަންނާނެ ކަމަށް އުއްމީދު ކުރި ކަމަށާއި އެހެންވެ ލިޔުންތަކުންނާއި ސަރުކާރުން ހިންގަވަން ތިއްބެވި ބޭފުޅުންނަށް ފޮނުވުނު ސިޓީތަކުންނާއި ބައްދަލުކޮށް ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ތަފާތު ގޮތްގޮތަކަށް މަސައްކަތްކޮށްފައިވާނެ އެވެ.
"އަޅުގަނޑުގެ ގިނަ މަޒުމޫނުތަކުގައި، މިނިވަންކަމާއި އިންސާނީ ހައްގުގެ މައްޗަށް ލިޔެފައި އެވަނީ އެ ސަބަބަށްޓަކަ އެވެ،"

ސަލީމް (ވ) އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަގާމުގެ ފަތްކޮޅު ދެއްވަނީ. --ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމޭޓްގެ 54 އަހަރުވީ ދިގު ކެރިއަރުގައި ވަނީ އދ. ގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގައި މަސައްކަތްކުރައްވައިފަ އެވެ. އަދި ދެކުނު އޭޝިއާގެ ގައުމުތަކުގެ ޖަމިއްޔާ ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވި އެވެ. އެ ޖަމިއްޔާ އަށް ރާއްޖޭން އެންމެ ފުރަތަމަ ކަނޑައެޅުއްވި ޑިރެކްޓަރަކީ ވެސް އޭނާ އެވެ. އަދި ޕާކިސްތާނުގައި ހުންނަވާ ދިވެހި ސަފީރުކަމާއި ނޭޕާލަށް ކަނޑައަޅާފައި ހުންނަވާ ނޮން ރެޒިޑެންޓް ސަފީރުކަން ވެސް ކުރެއްވި އެވެ. މިވަގުތު ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމުގަ އެވެ.
ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމާއި މިނިސްޓްރީ އޮފް ހޯމްއެފެއާޒް އެންޑް ސްޕޯޓްސްގެ ޑިރެކްޓާ އޮފް ސްޕޯޓްސްގެ މަގާމު އަދި ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގގެ ޑެޕިޔުޓީ ޑިރެކްޓަރުކަން ވެސް އޭނާ ވަނީ ކުރައްވައިފަ އެވެ.
ދިވެހި ދައުލަތަށް 50 އަހަރަށް ވުރެ ގިނަ ދުވަހު ސަލީމް ކޮށްދެއްވާފައިވާ ހިދުމަތްކޮށްފައިވާ ހިދުމަތުގެ އަގުވަޒަންކޮށް ސަރުކާރުން މިދިޔަ އަހަރު ވަނީ އޭނާ އަށް އިނާމު ދީފަ އެވެ.
ސަލީމް ލިޔުއްވާފައިވާ 300 ސަފުހާގެ މި ފޮތް އާއްމުކޮށް ވިއްކާ ގޮތަށް ހަމަޖެހިފައެއް ނުވެ އެވެ. އެކަމަކު ދައުލަތުގެ އިސް ބޭފުޅުންނަށާއި ލައިބްރަރީތަކާއި ސްކޫލްތަކަށް ހަދިޔާކުރާނެ އެވެ. އަދި އެދިލައްވާ ބޭފުޅުންނަށް ވެސް ދެއްވާނެ އެވެ.
"މަރުހަބާ ސަލީމް. މިއީ ކޮންމެ ބޭފުޅަކު ވެސް ކުރައްވަން ވެއްޖެ ކަމެއް. އެބޭފުޅެއްގެ ތަޖުރިބާ އާއި ހިޔާލު ހިއްސާކުރުމުގެ ސަގާފަތެއް ގާއިމުކުރަން ވެއްޖެ. ފޮރިން ސާވިސް އިންސްޓިޓިއުޓެއް ގާއިމްކުރުމުގެ އެއް ބޭނުމަކީ ވެސް ތަޖުރިބާ ހިއްސާކުރެވޭނެ ޕްލެޓްފޯމެއް ގާއިމްކުރުން،" އދ. ގެ ރެޕަޗާއެއްގެ މަގާމް ފުރުއްވާ އަދި ސަލީމްގެ ދަށުން ފޮރިން މިނިސްޓްރީގައި މަސައްކަތްކުރައްވާފައިވާ ޑރ. އަހުމަދު ޝަހީދު ފޮތާ ބެހޭގޮތުން ޓްވީޓްކުރެއްވި އެވެ.













